އޮސްޓްރޭލިއާގެ އޮންލައިން ސޭފްޓީ ކޮމިޝަނުން، މެސެޖިންގ ޕްލެޓްފޯމް ޓެލެގްރާމް 640،000 އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 1 މިލިއަން އޮސްޓްރޭލިއަން ޑޮލަރު) އިން ޖޫރިމަނާކޮށްފިއެވެ.
މި ޖޫރިމަނާ ކުރީ ކުޑަކުދިންނަށް ކުރާ އަނިޔާއާއި ހަރުކަށި ފިކުރުގެ މައްސަލަތައް ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭ ސުވާލުތަކަށް ޖަވާބުދިނުން ލަސްކުރުމުންނެވެ.
އޮސްޓްރޭލިއާގެ އީ-ސޭފްޓީ ކޮމިޝަނުން 2024 ގެ މާރިޗު މަހު ޔޫޓިއުބް، އެކްސް (ކުރީގެ ޓްވިޓަރ)، ފޭސްބުކް، ޓެލެގްރާމް އަދި ރެޑިޓްއަށް ސުވާލުތަކެއް ހުށަހެޅިއެވެ. މި ސުވާލުތައް ހުށަހެޅީ ހަރުކަށި ފިކުރުގެ މީހުން ލައިވް ސްޓްރީމިންގ، އެލްގޮރިދަމްތައް އަދި ރެކޮމެންޑޭޝަން ސިސްޓަމްތައް ބޭނުންކޮށްގެން އިތުރު މެންބަރުން ހޯދުމަށް މަސައްކަތްކުރާ މައްސަލައާ ގުޅޭގޮތުންނެވެ.
ޓެލެގްރާމް އަދި ރެޑިޓްއަށް މެއި މަހުގެ ނިޔަލަށް ޖަވާބު ދިނުމަށް އެންގި ނަމަވެސް، ޓެލެގްރާމުން ޖަވާބު ހުށަހެޅީ އޮކްޓޯބަރު މަހުގައެވެ. އީ-ސޭފްޓީ ކޮމިޝަނަރު ޖުލީ އިންމަން ގްރާންޓް ވިދާޅުވި ގޮތުގައި، އޮސްޓްރޭލިއާގެ ޤާނޫނުތަކާ އެއްގޮތަށް ހުރިހާ ކުންފުނިތަކުންވެސް ޢަމަލުކުރުން މުހިންމެވެ.
ޓެލެގްރާމްގެ ފައުންޑަރު ޕަވެލް ޑުރޯވް ވަނީ ފްރާންސްގައި ޤާނޫނީ ތަޙުޤީޤެއްގައި ކަފާލާތުގެ ދަށުން ދޫކޮށްފައެވެ. އޭނާއާ މެދު ތުހުމަތު ކުރެވެނީ ޓެލެގްރާމް ޣައިރު ޤާނޫނީ ކަންކަމަށް ބޭނުންކުރުމުގެ މައްސަލައިގައެވެ. ޑުރޯވް ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.
އޮސްޓްރޭލިއާގެ އިންޓެލިޖެންސް އޭޖެންސީން ޑިސެމްބަރު މަހު ބުނި ގޮތުގައި، އެމީހުން ތަޙުޤީޤުކުރާ ޓެރަރިޒަމްގެ ކޮންމެ ފަސް މައްސަލައަކުން އެއް މައްސަލައިގައި ޒުވާނުން ހިމެނޭއިރު، މިއިން ކޮންމެ މައްސަލައަކާވެސް ޓެލެގްރާމް އާއި ކޮންމެސް ހިސާބަކުން ގުޅެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!