ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ސެއިންޓް ލޫސިއާގެ 45 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި، އެ ޤައުމުގެ އިސްވެރިންނަށް ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.
ރައީސް މުޢިއްޒު މި ތަހުނިޔާ ފޮނުއްވާފައިވަނީ ސެއިންޓް ލޫސިއާގެ ގަވަރނަރ ޖެނެރަލް ހިޒް އެކްސެލެންސީ ސައިރިލް އީ.އެމް. ޗާލްސްއަށާއި، ބޮޑުވަޒީރު ހިޒް އެކްސެލެންސީ އޮނަރަބަލް ފިލިޕް ޖޯސެފް ޕިއޭރއަށެވެ.
މީގެ އިތުރުން އެ ޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށްވެސް ރައީސް މުޢިއްޒު ވަނީ ތަހުނިޔާ ފޮނުއްވާފައެވެ.
ރައީސް މުޢިއްޒު މި ތަހުނިޔާ ފޮނުއްވާފައިވަނީ އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައާއި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައެވެ. ގަވަރނަރ ޖެނެރަލްއާއި ބޮޑުވަޒީރަށް ވަކިވަކިން ފޮނުއްވި މެސެޖުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ބޭފުޅުންނަށް ދުޅަހެޔޮ ޞިއްޙަތަކާއި އުފާފާގަތިކަމަށް އެދިވަޑައިގެންފައެވެ. އަދި ސެއިންޓް ލޫސިއާގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށްވެސް އެދިވަޑައިގެންފައިވެއެވެ.
ސެއިންޓް ލޫސިއާއަކީ 1979 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު މިނިވަންކަން ހޯދި ޤައުމެކެވެ. މިއަދަކީ އެ ޤައުމުގެ 45 ވަނަ މިނިވަން ދުވަހެވެ.
ސެއިންޓް ލޫސިއާ އަކީ ހުޅަނގު އިންޑީޒްގެ އިރުމަތީ ކެރިބިއަންގައި އޮންނަ ޖަޒީރާ ޤައުމެކެވެ. ކުދި އެންޓިލްސްގެ ވިންޑްވާޑް ޖަޒީރާތަކުގެ ބައެއްގެ ގޮތުގައި، މި ޤައުމު އޮންނަނީ ސެއިންޓް ވިންސެންޓް ރަށުގެ އުތުރު/އިރުމަތީ އުތުރުގައި، ބާބަޑޯސްގެ ހުޅަނގުގައި އަދި މާޓިނީކްގެ ދެކުނުގައެވެ. މި ޤައުމުގެ ބިމުގެ ބޮޑުމިނަކީ 617 އަކަކިލޯމީޓަރު (238 އަކަމޭލު) އެވެ. 2025 ވަނަ އަހަރަށް ލަފާކުރެވޭ ސެއިންޓް ލޫސިއާގެ އާބާދީ އަކީ 174,800 މީހުންނެވެ.
ސެއިންޓް ލޫސިއާއަކީ ޕާލިމެންޓަރީ ޑިމޮކްރަސީ އުސޫލުން ހިންގާ ޤާނޫނީ ރަސްކަމެކެވެ. އެ ޤައުމުގެ ސަރުކާރުގެ އެންމެ އިސް ވެރިޔާއަކީ ބޮޑުވަޒީރެވެ. ދައުލަތުގެ އެންމެ އިސް ވެރިޔާއަކީ އިނގިރޭސިވިލާތުގެ ރަަސްގެފާނެވެ. އެ ފަރާތް ތަމްސީލުކުރައްވަނީ ގަވަރނަރ ޖެނެރަލްއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!