ސްކޫލްގެ ދޮރާށިން ކުދިންތައް ނިކުންނަމުން ދަނީ އެއްފަހަރާ، ތޮއްޖެހެމުންނެވެ. އެއް ކުއްޖަކަށްވުރެން އަވަހަށް އަނެއްކުއްޖަކު ނިކުތުމަށް މަސައްކަތްކުރަމުންދަނީ އެހާމެ އަވަސް ހަރަކާތްތަކާއެކުއެވެ. ދޮރުން ނިކުމެވުމާއެކު އެކި ކުދިން، އެކި ދިމާލަށް މިސްރާބުޖަހަންފަށައިފިއެވެ. ދުވަމުންނާއި ހިނގަމުންނެވެ. ބައިސްކަލްތަކުގައްޔާއި، ސައިކަލްތަކުގެ ފަހަތު ސީޓުގައެވެ. ހުރިހާ ކުދިންގެ މޫނުމަތިން ވެސް ފެންނަމުންދަނީ އުފާވެރިކަމުގެ ޖަޒްބާތުތަކެވެ. އަދި ހިނިތުންވުމާއި ހިތްހަމަ ޖެހުމުގެ ކުލަވަރެވެ.

ކުދިންތަކުގެ ތެރެއިން ވަރަށް އުނދަގުލުން ކަހަލަ ގޮތަކަށް ނިކުމެގެން ގޮސް އަނޫޝާ ހުއްޓުނީ މަގުގެ އެއް ފަރާތުގައެވެ. އެކި ދިމަދިމާލަށް އޭނާ ބަލަންފެށީ ކޮންމެވެސް މީހަކު ހޯދާކަހަލަ ގޮތަކަށެވެ. މޫނުން ފައިބަމުންދާ ދާތިކިތައް އެއް އަތުން ފުހެލަމުން ސްކޫލްގެ ފާރުގައި އޭނާ ލެނގިލިއެވެ.

Ad
rt

" އޭ! އަދިވެސް ހުރީތަ؟ ހިނގާބަލަ ސްކޫޕަށްދާން. މިއަދު ވާނެ އެއްނު އައިސްކްރީމް ބޯން! ވަރަށް ގިނަ ކުދިން އެބަދެޔޭ!"

އަނޫޝާ ސިހުނީ ޝިކާގެ އަޑަށެވެ.

" އަހަރެން ބޭނުންވަނީ ގެއަށް ދާން. ކިޔަވާ ނިމުނިއްޔޭ ހިތަށް އެރިޔަސް އަހަރެން ވަނީ ދެރަ."

މާޔޫސް ކަމާއިއެކު އަނޫޝާ އެހެން ބުނުމުން ޝިކާ ދެ ފަރާތަށް ބޯހޫރާލީ ބުމަ ވެސް ހިއްލާލަމުންނެވެ.

" ސްކޫލުން ސަލާމަތްވީމަ އަނޫ އުފަލެއް ވެސް ނުވޭތަ؟ ކިޔަވާ ނިމުނީމަ އަހަންނަށް ހީވީ ބޮލުން ބައެއް މަދުވީހެން. " ޝިކާ ހީލަމުން ބުންޏެވެ.

" ދެން. އޯކޭ އަނޫ ނުދަންޏާ އަހަރެންގެ މި ފޮތްކޮޅު ހިފައިގެން ދާތި. ދައްތަ ސުވާލު ކުރިއްޔާ ބުނޭ ވަރަށް އަވަހަށް އަންނާނެޔޭ." އަނެއްކާ ވެސް ވާހަކަ ދެއްކީ ޝިކާއެވެ.

އަނޫޝާގެ އަތުގައި ހުރި ފޮތްތައް މައްޗަށް، ޝިކާގެ ދެ ފޮތް ވައްޓާލަމުން ޝިކާ ދުއްވައިގަތީ ދުރުގައި ތިބި އަންހެން ކުދިންތަކާ ދިމާއަށެވެ.

" އަހަރެން އެއްގޮތަކަށްވެސް އުފަލެއް ނުވޭ! އަހަރެންނަށް އެނގޭ މިޔަދުން ފެށިގެން އަހަރެންގެ ތަޢުލީމީ ޙަޔާތް މި ނިމުނީކަން." ހިތާހިތާ އަނޫޝާއަށް ބުނެވުނެވެ.

" ހާދަ ދެރަވެފަ؟ "

ގެއަށް ދާން ހިނގައިގަތުމާއެކު ފަހަތުން އިވުނު އަޑުން އަނޫޝާއަށް ފަހަތް ބަލައިލެވުނެވެ. އޭރު ހިނގަމުން އައިސް ޒައިދް، އޭނާއާ އަރާ ހަމަކޮށްފިއެވެ.

" ޒައިދް؟ "

ފަހަތުން ޒައިދް އަންނަން ފެށުމުން އަނޫޝާ ކޮންމެވެސް ވަރަކަށް ފިނިވެއްޖެއެވެ.

" ކްލާސް ގްރޫޕާއެކު އައިސްކްރީމް ބޯން ޒައިދް ނުދަންތަ؟ އަހަރެން ހީކުރީ އަހަރެން އެކަނި ކަމަށް ނުދާނީ؟" އަނޫޝާ ބުންޏެވެ.

" އާނ. ގްރޭޑް 12 ނިމުނީމަ އުފާކުރާ ކުދިން ދޯ އައިސްކްރީމް ބޯނީ. އަހަންނަށް އެނގޭ ވިއްޔަ އަހަރެންގެ ތައުލީމީހަޔާތުގެ އިރު އޮއްސުނީކަން." ޒައިދް ބުނެލީ މާޔޫސީ ރާގެއްގައެވެ.

ޒައިދް އެހެން ބުނުމުން އަނޫޝާއަށް އޭނާގެ މޫނަށް ހައިރާންކަމާއެކު ބަލައިލެވުނެވެ.

" އަހަރެން ހީކުރީ އަހަރެން އެކަނި ކަމަށް މިއަދު ހިތާމަ މި ކުރަނީ؟ ޒައިދް ފަދައިން އަހަރެން ވެސް މި ވަގުތު މި ކުރަނީ ހަމަ ތި ހިތާމަ. އެކަމާ މި ދެރަވަނީ. އިތުރަށް ކިޔަވާނެ ފުރުސަތު ނެތީމަ." އަނޫޝާ ބުނެލިއެވެ.

ވާހަކަ ދައްކާ ނިމުމާއެކު އަނޫޝާގެ ހިތަށް އުނދަގޫވާން ފަށައިފިއެވެ. ޒައިދް އޭނާއާމެދު ހާއްސަ ގޮތެއް ބަހައްޓާކަމާއި، އޭނާގެ ޕާސަނަލް ވާހަކަތައް ބައެއް ފަހަރު ހިއްސާ ކުރަން މަސައްކަތް ކުރާކަން އަނޫޝާއަށް ކުރިން ވެސް ފާހަގަ ކުރެވުނެވެ. އެހެންވެ، ޒައިދް ފެނުމުން ވެސް އާދަޔާ ހިލާފް ޖަޒްބާތުތަކެއް އަނޫޝާގެ ހިތުގައި އުފެދޭކަން އޭނާއަށް އިހްސާސްވެއެވެ. ނަމަވެސް އެއީ އޭނާ ބޭނުންވާ ގޮތެއް ނޫނެވެ.

" އަހަންނަށް އެނގޭ އަނޫ ވަރަށް ކިޔަވާހިތްވާކަން. " ޒައިދް ބުނެލިއެވެ.

" ޒައިދް. އަހަރެން ދެން ދަނީ އިނގޭ. ދައްތަ ހުންނާނެ މިހާރު އަހަރެން ގެއަށް ނުގޮސްގެން. " އަނޫޝާ ބުންޏެވެ.

ޒައިދްގެ ވާހަކަ އަނޫޝާ މެދުކަނޑާލީ، ކޮންމެހެން ލަސްވެގެންނެއް ނޫނެވެ. ގެއަށް ދާން ބޭނުން ވެގެންނެއް ވެސް ނޫނެވެ. ޒައިދްއާ އިތުރަށް ވާހަކަ ދެއްކި ވަރަކަށް އޭނާއަށް އުނދަގޫވާހެން ހީވާތީ ޒައިދްގެ ކުރިމަތިން ދުރަށް ދާން ބޭނުންވީއެވެ.

" ދެން އަހަރެމެން ބައްދަލެއް ވެސް ނުވާނެތަ؟" އަނޫޝާ ހިނގައިގަތުމާއެކު ޒައިދް ބުނެލިއެވެ.

އެ ސުވާލުން އަނޫޝާގެ ހިތަށް ތަފާތު އަސަރުތަކެއް ވެރިވިއެވެ. ފެންކަޅިވާ ގޮތް ވީ ކީއްވެކަމެއް ހުދު އޭނާއަކަށް ވެސް ނޭނގުނެވެ.

ހައިރާންވެފައި ހުރެ ޒައިދްގެ ލޮލާ ލޯ ސީދާކޮށް ބަލަމުން ދިޔަ އަނޫޝާ މަޑުމަޑުން ބޯ ޖަހާލިއެވެ. އަދި އަވަސް އަވަހަށް ޒައިދްއަށް ފުރަގަސް ދިނުމަށްފަހު، ދުވަމުން ކަހަލަ ގޮތަކަށް ހިނގައިގަތެވެ. އޭރު ދެ ލޯ ފުސްވެ، ކަރުނަތައް އޭނާގެ ކޯތާފަތްމައްޗަށް އޮހޮރިގެންފިއެވެ.

ރޭގަނޑުގެ ހަމަހިމޭންކަމާއެކު ކޮޓަރިތެރޭގައި ގުގުމަމުންދަނީ ހަމައެކަނި ފަންކަލުގެ ބޫންއަޑާއި ނިދާފައި އޮތް ކުއްޖެއްގެ ގުގުރީގެ އަޑެވެ.

" އަޅެ. މީނަ މިކަން ނުކުރާނެ ގޮތެއް އަޅެ ނޯންނާނެތަ؟"

މަތީ އެނދުން ތިރިއަށް ފޭބުމަށްފަހު، ތިރީގައި ނިދާފައި އޮތް ފާތުންއަށް ބަލައިލަމުން ޝިކާ ވަރަށް ރުޅިގަދަވެފައި ބުނެލިއެވެ. އެއަށްފަހު ގުދުވެލާފައި ތިރީ އެނދުގައި އިށީނދެލަމުން އަނޫޝާގެ މޫނަށް އޭނާ ބަލައިލިއެވެ.

" އަޅެ ބުނެބަލަ. އަނޫއަކަށް އުނދަގުލެއްނުވޭތަ؟ މަ މަތީގަ އޮންނަ މީހާއަށްވެސް އުނދަގޫވެގެން މި އުޅެނީ.. ކުރިން ރޭ ހެދިހެން ބުރަކަށީގަ އަޅުވާލަންވީ ކަންނޭނގެ ދޯ! "

ޝިކާ އެހެން ބުނުމުން އޭނާގެ އަތުގައި ޖަހާލަމުން އަނޫޝާ ހޭންފެށިއެވެ.

" އެހެންޏަ. ދެން ނިދޭވަރެއް ނޫނޭ. ކިރިޔާ ފައި އެޅޭވަރު ތަންފުކެއް އޮތަސް ކުދިން ބައިތިއްބާނެ. އެހެންނުވާނީ. މިއީ ވެސް ލާރިގަނޑެއް ވިއްޔަ." ޝިކާ ބުންޏެވެ.

" މަ ދިޔައީމަ ޝިކާ ވަރަށް ފޫހިވާނެދޯ! " އަނޫޝާ އެހެން ބުނެލި އިރު ޝިކާ އޭނާގެ މަގަތުގައި އިށީންދެއްޖެއެވެ.

" އަނޫ ރަށަށް ދަނީތަ؟ ކީއްވެ؟ ކޯހެއް ވެސް ނަހަދާނަން؟" ޝިކާ ސުވާލު ކުރީ ނުހަނު ހައިރާންވެގެންނެވެ.

" އަހަންނަށް 12 އާ ހަމައަށް ވެސް މި ކިޔެވުނީ ހަމަ ކިރިޔާ. މަންމައާއި ބައްޕައަށް ހަރަދުތައް ބެލެހެއްޓުނީ ވެސް ހަމަ ކިރިޔާ. ރަށުގައި ވެސް ހުންނާނެ ކިޔަވާ ކޮއްކޮއެއް. އެހެންވީމަ ދެން އިތުރަކަށް ކިޔަވައެއް ނުދެވޭނެޔޯ! ފުރާ އެއްޗަކުން ރަށަށް އަންނާށޯ ބުނީ. މިގެއަށް ވެސް މަހަކު 3000 ރުފިޔާ ދޭން، އަސްލު އެ މީހުންނަށް ވާނީ ވަރަށް ބޮޑު އެއްޗަކަށްނު. ކަނޑުން ލިބޭ ރޯއްޖަކުން ހުރިހާ ކަމެއްވެސް އެކުރަނީ." އަނޫޝާގެ ވާހަކަ ނިންމާލީ ޝިކާގެ ސުވާލެއް އިތުރަށް ނާންނާނެ ފަދަ ގޮތަކަށެވެ.

" ތިބުނީ ވެސް ތެދެއް. މަންމަމެން އަނޫ ރަށަށް ގެންދަން ބޭނުންވަންޏާ ދެން ހެދޭނެ ވަކި ގޮތެއްނެތް. އެކަމަކު، އަހަރެން ވަރަށް ދެރަވޭ. ވަރަށް މިސްވާނެ އަނޫ މަތިން. ނަސީބެއް ކަންނޭނގެ އަހަރެންގެ މަންމަމެން މަށަށް ކިޔަވައިދޭން ހިފާލާފަ ހުރިކަން. އަސްލު އެއީވެސް އެއްބަނޑުގަ މީހުންވެސް ގިނަވީމަ. އެންމެން ވެގެން ކިޔަވައިދޭން އެ އުޅެނީ. އެ މީހުން ބޭނުންވަނީ އަހަރެން ވަރަށް މޮޅު ކުއްޖަކަށް ހަދަން. އެކަމަކު އަނޫއަށް އެނގެއެއްނު އަހަރެން ކިޔަވާހިތް ނުވާ ވަރު." ޝިކާ ބުންޏެވެ.

" އަހަރެން ހިތަށް އަރާ އަހަންނަކީ ވެސް ޝިކާ ކަހަލަ ނަސީބް ގަދަ ކުއްޖެއް ނަމައޭ. " ބޭއިހްތިޔާރުގައި އަނޫޝާއަށް ބުނެވުނެވެ.

" ތިހެން ނުބުނޭ އަނޫ. މާތްﷲ އެއްވެސް އިންސާނަކަށް ދެރަގޮތެއް މިންވަރު ނުކުރައްވާނެޔޭ ބުނެ އަނޫ އެއްނު އަހަންނަށް އަބަދު ވިސްނައިދެނީ. އަނޫ އެ ގޮތަށް ދޭ ނަސޭހަތްތައް އަހަރެން އަބަދުވެސް ހަނދާން ހުރެޔޭ." ޝިކާ ބުންޏެވެ. އެއާއެކު އަނޫޝާއަށް ހިނިތުންވެލެވުނެވެ.

" އޭ އެބައޮތް އައިޑިއާއެއް. މެރީ ކުރަންވީނު."

ޝިކާ ދިން ހިޔާލުން އަނޫޝާގެ ދެ ލޯ ބޮޑުވެގެން ދިޔައެވެ.

" އަސްލު އެއްޗެކޭ މި ބުނީ. މެރީކޮށްގެން ކިޔެވޭނެއެއްނު. މިހާރު އަހަރެމެންނަށް 18 އަހަރުވެސް ވެއްޖެ. ކީއްވެ މެރީ ނުކުރެވެން ވީ؟ އަނޫ ކިޔަވަން ބޭނުންވަންޏާ ދެން އޮތް ގޮތަކީ އެއީ. މައިންބަފައިންނަށް ކިޔަވައި ނުދެވެންޏާ ކިޔެވެން އޮތް ގޮތަކަށް ފުރުސަތު ހޯދަން ޖެހޭނެ." ޝިކާ ބުންޏެވެ.

ޝިކާގެ ވާހަކަތައް އަޑު އަހާފައި އަނޫޝާ ބާރަށް ހީގަތެވެ.

"ނޫނޭ. މީހަކާ އިންނަން އަދި މާ އަވަސް. އެހެން ނޫނަސް މަންމަމެން އަހަރެން މިހާ ޔަންގް އިރު، މެރީ ކުރަން އެއްބަހެއްނުވެސް ވާނެ. އަދި އަހަރެން ތިޔަކަހަލަ ކަމަކާ ނުވެސް ވިސްނަން. އަހަރެން ހަމަ ރަށަށް ދާނީ." އަނޫޝާ އިންކާރު ކުރިއެވެ.

" އަނޫ މިގެއިން ދިޔައީމަ އަހަރެން ވެސް މި ގެއިން ނިކުންނާނީ. މިހާރު ވެސް މިތާ މި ހުންނަނީ އަނޫ އުޅޭތީ."

ޝިކާގެ ވާހަކަތައް އަޑުއަހަން ޝައުޤުވެރިކަމާއިއެކު އަނޫޝާ އިނެވެ.

" އަނޫއަށް އެނގޭތަ؟ އަސްލު އަހަރެން ބޭނުންވަނީ ވަރަށް މުއްސަނދި ދިރިއުޅުމެއް. ވަރަށް އަރާމުގައި ވަރަށް ޝާހީކޮށް އުޅެން ބޭނުމީ." ޝިކާ ބުންޏެވެ.

އެއާއެކު އަރޫޝާއަށް ދެ ބުމަ ހިއްލައިލެވުނެވެ.

" ޝާހީ އޭ؟ " އަނޫޝާ ބުނެލީ ހެމުންނެވެ.

"އާނ. އަހަރެމެންނަށް މި މާލެތެރެއިން މި ފެންނަނީ ކޯއްޗެއް؟ މި ތަން ނުވޭ އެއްވެސް ތަނަކަށް. ގްރޭޑް ދިހައެއް ނިންމާލި އަހަރު ޗުއްޓީގައި މިގޭ ދައްތަގެ ދަރިން ބަލަން އެ މީހުންނާއެކު ސިންގަޕޯރއަށް އަހަރެން ގެންދިޔަ! ނޫނޭ ވާ މުއްސަނދިގެއަކަށް ދިޔައީ. ދައްތަވެސް ދިޔައީ އޭނަގެ ފްރެންޑަކާއެކު. ހުރިހާ ކަމެއް ވެސް ކުރަނީ ރިމޯޓުން. ދޮރުފޮތިގަނޑު ވެސް ރިމޯޓުން. މަ ހީކުރީ ރިމޯޓަކީ ހަމައެކަނި ޓީވީއާ އޭސީއާ ކުޅެން ހުންނަ އެއްޗެއް ކަމަށް ވިއްޔަ." ޝިކާ ބުންޏެވެ.

އެ ވަގުތު އަނޫޝާއަށް ބާރަށް ހެވިއްޖެއެވެ. އެއާއެކު ތިރީގައި ނިދާފައި އޮތް ފާތުން ހޫމް އަޅުވާލި އަޑަށް އަނޫޝާގެ އިތުރުން ޝިކާ ވެސް އަނގަމަތީގައި އަތް އެޅުމަށްފަހު މަޑުމަޑުން ހެމުން ދިޔައެވެ.

ފޮށި ތަންމަތި ތައްޔާރު ކުރުމަށްފަހު އަނޫޝާ އިނީ އޭނާގެ ބައްޕަގެ އިންތިޒާރުގައެވެ.ފުރަން ކައިރިވާ ވަރަކަށް އަނޫޝާގެ ހިތަށް ހިތްދަތިކަން ވެރިވަމުން ދިޔައެވެ.

އަނޫޝާ ބޭނުންވަނީ ޓީޗިން ގެ ރޮނގުން ދެވެން އޮތް އެންމެ މައްޗަކަށް ދާށެވެ. އެއީ އޭނާ ދެކެމުންދިޔަ ހުވެފެނެކެވެ. ނަމަވެސް އޭނާއަށް ދާން އެ ޖެހުނީ އެ ހުވަފެންތައް، މާލޭ ފަސްގަނޑު ދަށުގައި ވަޅުލައިފައެވެ.

" ޝިކާ. ބައްޕަ އަތުވެއްޖެ އަހަރެން ބަލާ! މިއޮތީ މިމަހުގެ ކުލި. ދައްތަ އޮފީހުން އައީމަ ހަވާލު ކޮށްލާ! " އަނޫޝާ ބުންޏެވެ.

ޝިކާ ހުރީ އިންތިހާއަށް ދެރަވެފައެވެ. ހިނިތުންވާން މަސައްކަތް ކުރި ނަމަވެސް އޭނާއަކަށް ނުވެސް ހެވުނެވެ.

" ދެން. ދެރަނުވެބަލަ. އަދި އިރާދަކުރެއްވިއްޔާ ދިމާވާނެޔޭ. ދެން ދިމާވާއިރުގަ، ޝިކާ ހުންނާނީ ވަރަށް މަތީ ވަޒީފާއެއްގައި ކަންނޭނގެދޯ! "

އަނޫޝާގެ ޖުމްލަ އާއި އެކު ޝިކާގެ އަޑު ފަޅައިގެންދިޔައެވެ.

" ރަށަށް ދިޔައީމަ ދެން އަހަރެމެން ދެ މީހުން ވާހަކަ ދެއްކޭނެ އެއްވެސް ގޮތެއް ނޯންނާނެ އެއްނު. އަހަރެންގެ އަތުގައި ވެސް ފޯނެއް ނެތް. ކިހިނެތް ދެން ދިމާވާނީ؟ " ޝިކާ ބުންޏެވެ.

" އަނޫ! އަހަރެންގެ މަންމަގެ ނަންބަރު އަހަރެން ދެންތަ؟ އޭރުން އަނޫ އަހަރެންގެ މަންމައަށް ގުޅައިގެން އަހަރެން އުޅޭތަނެއް ބެލޭނެއެއްނު. ފަހަރެއްގައި އަހަންނަށް މި އަހަރު ފޯނެއް ވެސް ލިބިދާނެ. އޭރުން މަންމަ އަތުން އަހަރެންގެ ނަންބަރު ނަގާ." ޝިކާ ބުނެލިއެވެ.

އެ ހިޔާލު އަނޫޝާއަށް ވަރަށް ކަމުދިޔައެވެ. ޝިކާއަކީ ފަހަރެއްގައި ވެސް އޭނާ ދޫކޮށްލަން ބޭނުންވާ އެކުވެރިއެއް ނޫނެވެ. ޝިކާ ދިން ކަރުދާސްކޮޅު ހިފައިގެން އޭނާ އެ ގެއިން ނިކުތީ އަދި ބައްދަލްވާނެ ކަމުގައި ބުނެ، އުއްމީދު އާ ކޮށްފައެވެ. ލޯ މަތިން އަނޫޝާ ގެއްލެން ދެން ޝިކާއަށް، އެ ދިމާލަށް ބަލަހައްޓައިގެން ހުރެވުނީ ފެންކަޅި ވެފައެވެ.

ބޯޓުފަހަރު ފުރާ ސަރަޙައްދަށް ކާރު މަޑުކޮއްލުމާއެކު އަނޫޝާ ކާރުން ފޭބިއެވެ. އަދި އޭނާގެ ބައްޕަގެ ފަހަތުން ގޮސް، އޭނާގެ ރަށު ބޯޓު އޮތް ހިސާބުގައި މަޑުކޮށްލިއެވެ.

" އާނ ދަރިފުޅާ! އަދި އިރުކޮޅެއް ވާނެޔޯ ފުރަންވެސް.. މިތާ ހިޔަލުގައި މަޑުކޮށްލައިގެން ހުރޭ.. އަދި ބޯޓަށް އަރާނެކަމެއްނެތް. ބައްޕަ މި އަންނަނީ ބަނދަރުމަތީ ފިހާރައަކަށް ވަދެލާފަ ބޯޓުމަތީ ކާލާނެ އެއްޗެއް ގަނެލައިގެން. ކޯއްޗެއް ގެންނަންވީ؟ "

ވަރަށް ލޯތްބާއެކު ވަފީ ބުނެލިއެވެ. އެއާއި އެކު އަނޫޝާ ލުއި ހިނިތުންވުމަކުން ވާހަކަ ދައްކަންފެށިއެވެ.

" ބައްޕަ ބޭނުން އަގުހެޔޮ އެއްޗެއް ގެނައީމަ ރަނގަޅުވާނެ. ފެން ފުޅިއެއް ގެންނާތި އިނގޭ."

ފަޓްލޫން ޖީބުން ސަތޭކަ ރުފިޔާ ނަގައިގެން ވަފީ އެއްގަމާ ދިމާއަށް ހިނގައިގަތެވެ. އޭރު ރަށަށް ދާ ބައެއް މީހުން ވެސް ބޯޓުކައިރިއަށް ޖަމާވާންފަށައިފިއެވެ.

" ރަށަށް ދަނީތަ؟ "

ފަހަތުން އިވުނު އަޑާއިއެކު ސިހިފައި އަނޫޝާ ފަހަތް ބަލާލި އިރު، ފަހަތުގައި ހުރީ ޒައިދްއެވެ. އެއީ އޭނާ އޭލެވެލް ހަދަން މާލެ އައުމާއެކު ފުރަތަމަ ގްރޭޑްގައި ދިމާވި ފިރެހެން އެކުވެރިޔާއެވެ. ކްލާހުގައި މަދުން ނަމަވެސް ފިރެހެން ކުއްޖަކަށް، އޭނާ އާއި ވާހަކަ ދައްކާނީ ވެސް ހަމައެކަނި ޒައިދްއެވެ.

" ހޫމް. ރަށަށް ދަނީ." އަނޫޝާ ބުނެލީ ލަދުން ހުރެއެވެ.

ޒައިދްވެސް ހުރީ ބޮޑު ދަބަހެއް އަޅުވައިގެން ކަމުން އޭނާވެސް، ކޮންމެވެސް ތަނަކަށް ދަނީކަން އަނޫޝާއަށް އެނގުނެވެ.

" ޒައިދްވެސް ރަށަށްތަ ދަނީ ؟ "

ޒައިދް ބޯ ޖަހާލިއެވެ.

" އާނ. އަހަރެމެން ރަށު ބޯޓަށް އަދި ކައިރި ނުކުރެވިގެން އުޅޭތީ މި މަޑުކުރަނީ." ޒައިދް ބުނެލިއެވެ.

ޒައިދްގެ އެ ޖުމްލައިން އަނޫޝާއަށް ބޮޑު ހައިރާންކަމެއް ލިބުނެވެ. އިތުރަށް ނުކިޔަވާ ޒައިދް ރަށަށް ދަނީ ކީއްވެބާވައޭ އޭނާ ހިތަށް އެރިއެވެ.

" ޒައިދްވެސް ކޯހެއް ނުހަދަންތަ؟ އެއްދުވަހަކު މިސް ގާތު ބުނީމެއްނު ވާން ބޭނުންވަނީ އިންޖިނިއަރއަކަށޭ."

އަނޫޝާ އެސުވާލު ކޮށްލުމުން ޒައިދް ހިނިގަނޑެއް ޖަހާލިއެވެ.

" އެ ދުވަހު އަނޫވެސް ބުނީ ކީކޭ؟ ޓީޗަރަކަށް ވާން ބޭނުންވާ ވާހަކަ ބުނީމެއްނު. އެކަމަކު އަނޫވެސް ތިދަނީ ރަށަކަށްނު.." ޒައިދް ބުންޏެވެ.

އެ ވަގުތު އަނޫޝާ ހިނިތުންވެލީ އެކަމާ އެއްބަސް ވުމުގެ ގޮތުންނެވެ.

"ކުރަން ބޭނުންވިޔަސް ނުކުރެވޭނެ ކިތަންމެ ކަމެއް ހުންނާނެ! އަދި ހަމަ އެގޮތަށް ބޭނުންވާ ކޮންމެ އެއްޗަކީ ފިނޑިކަމުން ކުރިމަތިލާން ނުކެރި ހުއްޓާ، ޙާޞިލްނުވެ ލޯ ކުރިމަތިން ގެއްލިގެންދާ އެއްޗެހި!" މި ފަހަރު ވެސް ވާހަކަ ދައްކަން ފެށީ ޒައިދްއެވެ.

" ތިބުނީ.؟ ނުވިސްނުނު.."

" މިބުނީ ކިތަންމެ ހިތް އެދުނަސް ، އެކަން ނުވެދާނެތީ ބިރުން، ސިއްރުކުރާ ކަންތައްތައްވެސް ހުންނާނެޔޭ." ޒައިދް ބުނެލީ ޖެހިލުންވެ ހުރެއެވެ.

( ނުނިމޭ)

* މި ވާހަކައަކީ ސަލާގެ ފަރާތުން ކިޔުންތެރިންނަށް ގެނެސްދޭ ރޯދަ މަހުގެ ހަދިޔާ އެކެވެ. މިވާހަކަ ރޯދަމަހު ކޮންމެ ހަފުތާއެއްގެ ހުކުރު، ހޮނިހިރު ފިޔަވާ އެހެން ހުރިހާ ދުވަސްތަކުގައި ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

(ނިމުނީ)