އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކަށް ރަސްމީ އުޖޫރައެއް ދިނުމަށާއި، ރޯދަމަހުގެ އިނާޔަތް ދިނުމަށް ބަޔާންކޮށް މަޖިލީހުން އިއްޔެ ފާާސްކުރި ބިލު ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ތަސްދީޤުކުރައްވައިފިއެވެ.

ސަރުކާރުގެ ފަރާތުން މައްޗަންގޮޅި މެދު ދާއިރާގެ ޕީއެންސީގެ މެންބަރު އަހުމަދު ޒަމީރު ހުށަހެޅުއްވި މި ބިލު މަޖިލީހުގެ ތަޅުމުން ފާސްކުރީ އިއްޔެއެވެ.

Ad
rt

ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުމުގެ މައިގަނޑު މަގްސަދެއްކަމުގައި ބުނެފައި ވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ރަށްރަށުގައި، އަދި ސިޓީތަކުގައި އިންތިޚާބުކޮށްފައިވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ދައުރު އިތުރަށް ސާފުކޮށް ޤާނޫނުގައި ބަޔާން ކުރުމާއިއެކު، އެ ކޮމިޓީތައް ބާރުވެރިކުރުވުމަށްޓަކައި ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމެވެ.

އަންހެނުންގެ ކޮމިޓީތަކަށް ރަސްމީ އުޖޫރައެއް ދިނުމަށާއި ރޯދަ އިނާޔަތް ދޭން ފާސްކޮށްފި

މި ބިލުގައި ވަނީ ޑަބްލިއުޑީސީތަކުގެ މެންބަރުން ވެސް އެލްޖީއޭގެ ލަފާގެ މަތިން ނެޝަނަލް ޕޭ ކޮމިޝަނުން އެކަށީގެންވާ އުޖޫރައެއް ކަނޑައަޅަންވާނެކަމަށް ބުނެފައެވެ. އަދި އެ ބިލުގައި ބުނާގޮތުގެމަތީން ކޮންމެ އަހަރަކު ރޯދަ އިނާޔަތް ވެސް ޑަބްލިއުޑީސީ އަށް ލިބެން ވާނެ ކަމަށް ބުނެފަވެއެވެ.

މިގޮތުން ޑަބްލިއުޑީސީތަކުގެ ކޮންމެ މެންބަރަކަށް ރޯދަމަސް ފެށުމުގެ ކުރިން 3000 ރުފިޔާ ދޭންވާނެކަމަށް މި ބިލުގައި ބަޔާންކޮށްފައި ވެއެވެ.

ޑަބްލިޔުޑީސީތަށް ހަރަކާތްތެރިވުމަށް އިތުރު ލުއި ގޮތްތައް ހަމަޖައްސައިދެއްވައި، ރޯދަ އިނާޔަތް ދެއްވާނެކަމަށް ރައީސް މުޢިއްޒު ވަނީ ކުރިން ވެސް ވިދާޅުވެފައެވެ.