ތައިލެންޑުގެ ވެރިރަށް ބެންކޮކުގައި އިއްޔެ ނިމިގެންދިޔަ އޭޝިއަން ރައިފަލް އެންޑް ޕިސްޓަލް ކަޕް 2025 ގައި ދިވެހިރާއްޖެއަށް ތާރީޚީ ކާމިޔާބީއެއް ލިބިއްޖެއެވެ.

މި މުބާރާތުގެ އަންހެން އެއަރ ޕިސްޓަލް ކެޓަގަރީގެ ޖޫނިއަރ ބައިން ރާއްޖޭގެ 15 އަހަރުގެ ކުޅުންތެރިޔާ މަރިޔަމް އީޝަލް މިސްބާހު ވަނީ ރިހި މެޑެލް ހޯދައިފައެވެ.

Ad
rt

މި ކާމިޔާބީ ފާހަގަކޮށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވަނީ އީޝަލް އަށް މަރުޙަބާ ވިދާޅުވެފައެވެ.

އޭޝިއާގެ 23 ޤައުމަކުން ބައިވެރިވި މި މުބާރާތުގައި އީޝަލް ވަނީ 21 ޤައުމެއްގެ ޝޫޓަރުންގެ މައްޗަށް ކުރިހޯދާ، ގައުމީ ރިކޯޑެއް ޤާއިމްކޮށްފައެވެ.

މިއީ ޝޫޓިންގ ސްޕޯޓްސްގެ ތާރީޚުގައި އޭޝިއާ ފެންވަރުގެ މުބާރާތަކުން ދިވެހިރާއްޖެއަށް ލިބުނު ފުރަތަމަ ރިހި މެޑެލްއެވެ.

މި ކާމިޔާބީއާ ގުޅިގެން ރައީސް މުޢިއްޒު އީޝަލްއަށް ތަހުނިޔާ ފޮނުއްވައި، ވިދާޅުވީ މިފަދަ ޒުވާން އުމުރެއްގައި މިފަދަ ބޮޑު ކާމިޔާބީއެއް ހޯދުމަކީ މުޅި ޤައުމަށް ލިބުނު ފަޚުރެއް ކަމަށެވެ. އަދި މިކަމަކީ ދިވެހި ޒުވާނުންނަށް ބޮޑު ހިތްވަރެއް ލިބިގެންދާނެ ކަމެއް ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.