ރާއްޖޭގައި ދިމާވެފައިވާ ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް ފާސްކުރި ބޭރު ފައިސާއާއި ބެހޭ ޤާނޫނުގެ ދަށުން މިދިޔަ ޖެނުއަރީ މަހުގެ ނިޔަލަށް ބޭންކުތަކަށް 50 މިލިއަން އެމެރިކާ ޑޮލަރަށް ވުރެ އިތުރަށް މާރުކޮށް، ރިޒާވް އިތުރުވެފައިވާކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭއިން ބުނެފިއެވެ.

މި ޤާނޫނު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީޤު ކުރެއްވީ 14 ޑިސެމްބަރު 2024 ގައެވެ.

Ad
rt

މި އައު ޤާނޫނުގެ ދަށުން، ވަކި ފަރާތްތަކަކަށް ބޭރު ފައިސާގެ އާމްދަނީ ބޭންކު އެކައުންޓަކަށް ޖަމާކޮށް، އެ ފައިސާ މާރުކުރުން ލާޒިމްކުރެއެވެ. މި ގޮތުން މާރުކުރަން ޖެހޭ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކުގެ އިތުރުން އަހަރަކު މަދުވެގެން 15 މިލިއަން ޑޮލަރުގެ އާމްދަނީ ލިބޭ ފަރާތްތަކެވެ.

މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކުރި މައުލޫމާތަށް ބަލާއިރު، މި ދިޔަ ޖެނުއަރީ ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވަކީ 708.1 މިލިއަން އެމެރިކާ ޑޮލަރެވެ. މިއީ މިދިޔަ ޑިސެމްބަރުގެ ނިޔަލަށް ރަސްމީ ރިޒާވްގައި ހުރި އަދަދަށްބަލާއިރު ފަސް އިންސައްތަ ކުރިއެރުމެކެވެ.

ރިޒާވް އިތުރުވެ، ހެޔޮ ބަދަލުއައި ސަބަބަކީ ޖަނަވަރީ މަހު ރިޒާވުން ޚަރަދު ކުރި މިންވަރަށް ވުރެ ލިބިފައިވާ އަދަދު އިތުރުވުން ކަމަށް މަރުކަޒީ ބޭނުންކުން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން، ޖަނަވަރީ މަހުގެ ނިޔަލަށް ޓެކުހާއި ފީގެ ގޮތުގައި ސަރުކާރަށް ލިބިފައިވާ ބޭރުފައިސާގެ މިންވަރު ވަނީ ޑިސެންބަރު މަހާ އަޅާބަލާއިރު 12 ޕަސެންޓު އިތުރުވެފައިކަން އެމްއެމްއޭއިން ވަނީ ފާހަގަކޮށްފައެވެ.