ހޯރަފުށި އިންޓެގްރޭޓެޑް ޔޫތު އެޑްވާންސްމެންޓް އެސޯސިއޭޝަން (ހިޔާ) ޖަމިއްޔާއިން އިންތިޒާމް ކޮށްގެން ބާއްވާ "ހިޔާ އަލިނޫރު ޤުރުއާން މުބާރާތް 1446" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ ހޯރަފުށީ ދާއިރާގައި ހިމެނޭ ތިން ރަށް ކަމަށްވާ، ހޯރަފުށި، ތުރާކުނު އަދި އުލިގަމުގެ ދަރިވަރުންނަށެވެ. މިގޮތުން ޖާގަތައް ދިނުމަށް ހަމަޖެހިފައވަނީ ހޯރަފުއްޓަށް 40 ޖާގަ، ތުރާކުނަށް 10 ޖާގަ އަދި އުލިގަމަށް 10 ޖާގައެވެ.
މުބާރާތުގައި ހިމެނެނީ ހަތަރު އުމުރުފުރާއެކެވެ. އެއީ 4 އަހަރާއި 6 އަހަރާއި ދެމެދު، 7 އަހަރާއި 10 އަހަރާއި ދެމެދު، 11 އަހަރާއި 13 އަހަރާއި ދެމެދު އަދި 14 އަހަރާއި 16 އަހަރާއި ދެމެދެވެ.
މި މުބާރާތުގެ ކިޔެވުން ކުރިއަށް ގެންދާނީ ކުރިއަށް އޮތް ރަމަޟާން މަހުގެ ތެރޭގައެވެ. މުބާރާތް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ އޮންލައިންކޮށެވެ. ނަމަވެސް މުބާރާތުގެ ނިންމުމުގެ ހަފްލާ ކަނޑައެޅޭ ތާރީހެއްގައި ބާއްވަން ނިންމާފައި ވަނީ ހޯރަފުށީގައެވެ.
މުބާރާތުގެ އެއްވަނަ ދެވަނަ ތިންވަނަ ހޮވާ ފައިސާފެ އިނާމް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މުބާރާތުގައި ބައިވެރިވާ ކޮންމެ ދަރިވަރަކަށް ހަނދާނީ ފިލާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މުޅި މުބާރާތުން އެއްވަނަ ހޯދާ ދަރިވަރަށް 3000 ރުފިޔާ، ދެވަނައަށް 2000 ރުފިޔާ އަދި ތިންވަނައަށް 1000 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ. މުބާރާތުގެ އުމުރުފުރާތަކުން އެއްވަނައަށް 1000 ރުފިޔާ، ދެވަނައަށް 700 ރުފިޔާ އަދި ތިންވަނައަށް 500 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެކަމަށް ފުރިހަމަ ކުރަންޖެހޭ އޮންލައިން ފޯމް ފުރިހަމަ ކުރުމށް ފަހު މި މަހުގެ 28 ވަނަ ދުވަހުގެ ކުރިން ސަބްމިޓް ކުރުމަށް އިންތިޒާމްކުރާ ފަރާތުން އެދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!