ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް މަސައްކަތްކުރަނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ނުބޭއްވުމަށް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ތުހުމަތުކުރަށްވައިފިއެވެ.
އަންނަ ރިޔާސީ ރޭހުގައި ވެސް ވާދަކުރަށްވާނެކަން މިހާރު ވެސް ޢިއުލާންކުރަށްވާފައިވާ އުމަރު މި ތުހުމަތު ކުރަށްވާފައި ވަނީ މިއަދު އާންމުކުރެއްވި ބަޔާނެއްގައެވެ.
އެ ބަޔާނުގައި އުމަރު ވިދާޅުވީ، މި ދެ އިންތިޚާބު އެއްކޮށްލުމުގެ ބޭނުމަކީ ހަމައެކަނި ޚަރަދު ޚަރަދު ކުޑަކުރުން ނޫން ކަމަށާއި، މީގެ ފަހަތުގައި އޮތީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު އުވާލުމަށް ކަމަށެވެ.
އޭނާ ވިދާޅުވީ މި ބަދަލު ގެނައުމުގެ މަޤްޞަދަކީ އެއްވެސް ރައީސަކަށް ދެވަނަ ދައުރެއް ނުލިބޭތީ، އެ ފުރުޞަތު ހޯދުމަށް ކަމަށެވެ.
"ރައީސަކު ވެރިކަމަށް އަންނަންވާނީ މަދުވެގެން ދެބައިކުޅަ އެއްބައި މީހުންގެ ރުހުން ލިބިގެންނެވެ. ވޯޓަކުންނެވެ. އެހެން ނޫނީ ހުރިހާ އެންމެންގެ މައްޗަށް ވެރިކަން ކުރުމުގެ ހައިސިއްޔަތު އެ މީހަކަށް ގެއްލިގެންދާނެއެވެ،" އުމަރު ނަސީރު ވިދާޅުވިއެވެ.
އުމަރު ނަސީރު އިތުރަށް ވިދާޅުވީ، ޤާނޫނުއަސާސީއަށް ފަހަކަށްއައިސް ގެނެވުނު ބަދަލަކުން މަޖިލިސް މެންބަރުންގެ ބާރު ކެނޑިގެން ގޮސްފައިވާ ކަމަށާއި، މިހާރު މި ވާހަކަދެކެވޭ ބަދަލުން ރައްޔިތުންގެ ބާރު ކެނޑި، 25 އިންސައްތަ ވޯޓު ލިބިގެންވެސް ވެރިކަމުގައި ހުރުމުގެ ފުރުޞަތު ލިބިދޭނެ ކަމަށެވެ.
ރާއްޖޭގެ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުން، ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް 50 އިންސައްތައަށްވުރެ ގިނަ ވޯޓު ނުލިބިއްޖެނަމަ، އެންމެ ގިނަ ވޯޓު ލިބުނު ދެ ކެންޑިޑޭޓުންގެ މެދުގައި ދެވަނަ ބުރެއް ބާއްވަންޖެހެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!