އިނގިރޭސި އެފްއޭ ކަޕްގެ ހަތަރުވަނަ ބުރުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި ލެސްޓާ ސިޓީ ބައްދަލުކުރި މެޗު ފަހުވަގުތު ޔުނައިޓެޑުން ކާމިޔާބުކޮށް މުބާރާތުގެ ފަސްވަނަ ބުރުން ޖާގަ ހޯދައިފިއެވެ. އަމިއްލަ ދަނޑުގައި ރޭ ޔުނައިޓެޑް މޮޅުވީ 2-1 ގެ ނަތީޖާއިންނެވެ.
މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ ލެސްޓާއިންނެވެ. މި ލަނޑު ފުރަތަމަ ހާފު ނިމެން ތިން މިނެޓަށްވެފައި ވަނިކޮށް ޖަހައިދިނި ޑި ކޯޑޯވާ ރެއިޑްއެވެ. ފުރަތަމަ ހާފު ނިމިގެން ދިޔަކީ މި ނަތީޖާއިން ލެސްޓާ ކުރީގައި އޮވެގެންނެވެ.
ޔުނައިޓެޑުން ދެވަނަ ހާފުގައި އެ ޓީމްގެ ކުޅުން ރަނގަޅުކުރިއެވެ. ނަތީޖާއެއްގެ ގޮތުން 68 ވަނަ މިނެޓުގައި ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކުރިއެވެ. މި ލަނޑު ޖަހައިދިނީ ޒިކްޒީއެވެ.
މެޗު ފުރިހަމަ ވަގުތުހަމަވެ އިތުރު ވަގުތުގެ ތިން މިނެޓް ދެއްކި އިރުވެސް ނަތީޖާ އޮތީ ހަމަހަމަ ކޮށެވެ. މެޗުން ޔުނައިޓެޑް މޮޅުވީ އިތުރު ވަގުތުގެ ތިންވަނަ މިނެޓްގައި މެގުއާ ޖަހައިދިން ލަނޑުންނެވެ. އޭރިޔާ ބޭރުން ޔުނައިޓެޑަށް ލިބުނު ހިލޭ ޖެހުމެއް ބްރޫނޯ ފެނާންޑޭޒް ކުރިއަށް ފޮނުވާލިއިރު މެގުއާ ވަނީ ބޮލުން ޖަހާ އެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ.
މެގުއާ ކާމިޔާބުކުރި ލަނޑަކީ އޮފްސައިޑް ލަނޑެއް ކަމަށް ލެސްޓަރ ސިޓީގެ ކުޅުންތެރިންނާއި އޮފިޝަލުން ވަރަށް ބޮޑަށް މައްސަލަ ޖެއްސި ނަމަވެސް މެޗުގެ ރެފްރީން މި ލަނޑުގެ ވީއޭއާރުން ބަލާފައިނުވެއެވެ. އެފްއޭ ކަޕްގެ ހަތަރުވަނަ ބުރާއި ހަމައަށް ވީއޭއާރުން ބަލައިގެން މެޗުތަކުގައި ރެފްރީން ގޮތް ނިންމާފައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!