ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ނިއުޒީލަންޑްގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ފޮނުއްވައިފިއެވެ.

ނިއުޒީލަންޑްގެެ ޤައުމީ ދުވަސް، ވައިޓެންގްއީ ޑޭގެ ތަހުނިޔާ ރައީސް ފޮނުއްވީ އެޤައުމުގެ އިސްވެރީންނަށް ވަކިވަކިން ފޮނުއްވި ސިޓީފުޅުތަކެއްގައެވެ.

Ad
rt

މިގޮތުން ރައީސް ވަނީ އެ ޤައުމުގެ ގަވަނަރ ޖެނެރަލް އޮފް ނިއުޒީލަންޑް، ނިއުޒީލަންޑް އޯޑަރ އޮފް މެރިޓް (ޖީ.އެން.ޒީ.އެމް)، ކިންގްސް ސަރވިސް އޯޑަރ (ކޭ.އެސް.އޯ) ހަރ އެކްސަލަންސީ ޑޭމް ސިންޑީ ކީރޯ އަށާއި، ނިއުޒީލަންޑްގެ ބޮޑުވަޒީރު ހިޒް އެކްސަލަންސީ ކްރިސްޓޮފަރ ލަކްސޯންއަށް ވަކިވަކީން ސިޓީފުޅުތަކެއް ފޮނުއްވާފައެވެ.

މި ސިޓީފުޅުތަކުގައި ރައީސް ވަނީ، ދިވެހިރާއްޖެއާއި ނިއުޒީލަންޑާ ދެމެދު އޮތް އެކުވެރިކަމުގެ ބަދަހި ގުޅުން ފާހަގަކުރައްވައި، މޫސުމީ ނޭދެވޭ ބަދަލުތަކާއި ދެކޮޅަށް ފިޔަވަޅު އެޅުމާއި، ދެމެހެއްޓެނިވި ތަރައްޤީގެ ކަންކަން ހިމެނޭހެން އެކި ދާއިރާތަކުން އެއްބާރުލުންދީ އެފަދަ ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމަށް ދިވެހިރާއްޖެއިން ސާބިތުކަމާއެކު ދެމި އޮތް ކަމުގެ ޔަޤީންކަން ދެއްވާފައިކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ނިއުޒިލޭންޑްގެ ފައުންޑިންގް ޑޮކިއުމެންޓް، "ޓްރީޓީ އޮފް ވައިޓަންގްއީ" ގައި ސޮއިކުރި ދުވަސް ފާހަގަކުރުމުގެ ގޮތުން، ކޮންމެ އަހަރެއްގެ ވެސް ފެބުރުވަރީ މަހުގެ 6 ވަނަ ދުވަސް، އެ ޤައުމުން ފާހަގަކުރަނީ ވައިޓަންގްއީ ޑޭގެ ގޮތުގައެވެ.

ދިވެހިރާއްޖެއާއި ނިއުޒީލަންޑާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކޮށްފައިވަނީ 10 އޮކްޓޯބަރ 1974 ގައެވެ.

މީގެ އިތުރުން މިއަދު ރައީސް ވަނީ އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއް މެދުވެރިކޮށް ވެސް ނިއުޒީލަންޑްގެެ ޤައުމީ ދުވަސް، ވައިޓެންގްއީ ޑޭގެ ތަހުނިޔާ ފޮނުއްވާފައެވެ.