ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖެ ޑިޖިޓަލައިޒްކުރުމަށް ބޭނުންވާ މައިގަނޑު އަސާސްތައް އެކަށައެޅުމަށް ނިންމަވައިފިއެވެ.
ރައީސް އޮފީހުން ބުނިގޮތުގައި މި މަސައްކަތް ކުރިއަށް ގެންދާނީ ސީދާ ރައީސް މުޢިއްޒުގެ އިރުޝާދުގެ ދަށުންނެވެ. ރައީސް މި ނިންމެވުން ނިންމެވީ ދާޚިލީ އަދި ފަންނިއްޔާތާއި ބެހޭ ވުޒާރާއިން ވަޒީރުންގެ މަޖިލީހަށް ހުށަހެޅި ކަރުދާހަކާމެދު އެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށް ފަހުއެވެ.
ރައީސް އޮފީހުން މައުލޫމާތުދިން ގޮތުގައި އިއްޔެ ބޭއްވި ވަޒީރުންގެ މަޖީލީހުގެ ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ މިންގަނޑުގައި އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޯލޮޖީ (އައި.ސީ.ޓީ) ދާއިރާގެ ޙިއްޞާވާ މިންވަރު މަތިކޮށް، އަދި ޑިޖިޓަލް އިޤުތިޞާދީ މަންފާތައް ދިވެހިންނަށް ފޯރުކޮށްދިނުމަށާއި، ދިވެހިރާއްޖެ ޑިޖިޓަލައިޒް ކުރުމަށް ކުރެވޭ މަސައްކަތުގެ ނަތީޖާ، މިހާރަށްވުރެ ހަލުވި ދުވެލީގައި ހާސިލުކޮށް، އައި.ސީ.ޓީގެ ދާއިރާއަށް އިންޤިލާބީ ބަދަލެއް ގެނައުމަށްޓަކައި ސަރުކާރުގެ ޓެކްނޯލޮޖީ ދާއިރާ ހަރުދަނާކުރުމަށް މަސައްކަތްތަކެއް ކުރެއްވުމަށް ވަނީ ނިންމަވާފައެވެ.
މި ނިންމެވުމުގެ ދަށުން ނުވަ ކަމެއް ތަންފީޒު ކުރުމަށް ވަނީ ނިންމަވާފައެވެ. އެކަންކަމަކީ،
- ޤައުމީ ފެންވަރުގައި ހިންގާ ރާއްޖެ ޑިޖިޓަލް ކުރުމުގެ މަޝްރޫޢުތައް ހަލުވިކޮށް ކުރިއަށް ގެންދިއުމަށް ބޭނުންވާ ޒަމާނީ ޤާނޫނުތައް ތަޢާރަފުކޮށް ޤާނޫނީ އޮނިގަނޑު ފުރިހަމަކުރުން، އަދި އިޤްތިޞާދެއް ބިނާކުރުމަށް ފަހި، ހިންގުމުގެ އޮނިގަނޑެއް އައި.ސީ.ޓީ ދާއިރާއިން ގާއިމުކުރުން.
- ސަރުކާރުގެ އިދާރާތަކުގެ މެދުގައި ޑޭޓާ އަދި ފަސޭހަކަމާއެކު މަޢުލޫމާތު ޙިއްސާކުރެވޭނެ "އިންޓަރ އޮޕަރަބަލް އޯޕަން ޑޭޓާ ޝެއަރިންގ ޕްލެޓްފޯމެއް" ގާއިމުކުރުން. އަދި މިކަމަށް މަގުފަހިކޮށްދިނުމަށް އަސާސީ "ސިންގަލް ސޯސް އޮފް ޓުރުތު" ގެ ގޮތުގައި ބޭނުންކުރާ މަރުކަޒީ ދަފްތަރުތަކާއި ރަޖިސްޓްރީތައް އެކަށައަޅައި އެ ދަފްތަރުތައް ނުވަތަ ރަޖިސްޓްރީތައް ބަލަހައްޓަންޖެހޭ ދައުލަތުގެ އިދާރާތައް ކަނޑައެޅުން.
- ސިޓިޒަން ސެންޓްރިކް ޚިދުމަތް ފޯރުކޮށްދިނުމަށާއި އީ-ގަވަރންމަންޓްގެ ނިޒާމު ހަރުދަނާކުރުމަށް ޤައުމީ ފެންވަރުގައި އޮޕަރޭޓްކުރާ މަރުކަޒީ މަންސަތައް އެކަށައަޅައި އާއްމުކުރުން.
- އީ-ގަވަރމަންޓް ނިޒާމު ފުޅާކޮށް ހަރުދަނާކުރުމަށް ދައުލަތުގެ ހުރިހާ އިދާރާތަކުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ރައްޔިތުންނަށް ދޭ ޚިދުމަތްތައް ޑިޖިޓަލައިޒްކުރުން.
- ދައުލަތުގެ އިދާރާތަކުގައި އެއްކުރެވިފައިވާ މަޢުލޫމާތާއި ޑޭޓާ، ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް ނޭޝަނަލް ސޮވަރިންގ ކްލައުޑް ގާއިމުކުރުމާއި، ޑޭޓާ ސެންޓަރުގެ ވަސީލަތްތައް ފުޅާކުރުމާއި ޑިޖިޓަލް އަރުޝީފުގެ ނިޒާމު ހަރުދަނާކުރުން.
- އީ-ފާސް، އިލެކްޓްރޯނިކް އައިޑެންޓިފިކޭޝަން ނިޒާމުގެ ގޮތުގައި ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން ތަރައްޤީކުރުމާއެކު،ޑިޖިޓަލް ސޮއި ބޭނުންކުރަން ފެށުން.
- ޑިޖިޓަލް ރޮނގުން އަހުލުވެރި މަސައްކަތުގެ އާބާދީއެއް ބިނާކުރުމަށް ތަޢުލީމީ މުޤައްރަރުގައި ޓެކްނޯލޮޖީއަށް އަހުލުވެރިކުރުވުމަށް، ބޭނުންވާ ޢިލްމި ބައިތައް އިތުރުކޮށް، މަސައްކަތްތެރިންގެ އާބާދީ އައު ޓެކްނޯލޮޖީގެ ދާއިރާއިން ތަމްރީންކޮށް އަދި މި ދާއިރާގެ ދިރާސާތައް ތަރައްޤީކޮށް އަދި އީޖާދީ މަސައްކަތްތައް ކުރިއެރުވުމަށް ޚާއްޞަ ފަންޑެއް އުފައްދައި ތަމްރީނާއި ތަހުލީލުގެ މަސައްކަތްތައް ފުޅާކުރުމަށް ފުރުސަތު ފަހިކޮށްދިނުން.
- އައި.ސީ.ޓީ އަދި އެހެނިހެން ޓެކްނޯލޮޖީގެ ޚިދުމަތްތައް ސަރުކާރުގެ ބޭނުންތަކަށް ހޯދުމުގައި ދިވެހިންނަށް އިސްކަން ދިނުން ނުވަތަ "ލޯކަލް ފަސްޓް" ސިޔާސަތަށް ޢަމަލަކުރަން ނިންމުން.
- ޓެކްނޯލޮޖީގެ ސިނާއަތުގައި ތަފާތު އީޖާދީ ގޮތްތައް ހޯދައި، ދިރާސާ ކުރުމަށް އިނޮވޭޝަން ހަބެއް ޤާއިމްކުރުން.
މި ކަންކަން ކުރެއްވުމަށް މަގުޗާޓެއް ކަނޑައަޅުއްވައި އެކިކަންކަން ޙާޞިލްކުރާނެ ގޮތްތަކާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި އިއްޔެ ވަނީ ގޮތްތަކެއް ނިންމަވާފައެވެ.
ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ތަރައްގީކޮށް، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ސަރުކާރުގެ ޚިދުމަތްތައް ފުޅާކޮށް ހަރުދަނާކުރުމަށް މަގުފަހިކުރުމަށް ރައީސް މުޢިއްޒާއި ރާއްޖޭގެ ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ވަނީ ހުސްވި ޖެނުއަރީ 11 އިން 16، ޓެކޮނޮލޮޖީގެ ރޮނގުން ކާމިޔާބީތަކެއް ހޯދާފައިވާ ޔޫރަޕްގެ ޤައުމެއްކަމަށްވާ އެސްޓޯނިއާ އަށް ދަތުރުފުޅެއް ވެސް ކުރަށްވާފައެވެ. އެސްޓޯނިއާގެ ރައީސް ޑރ. އަލާ ކާރިސްގެ ހާއްސަ ދަޢުވަތަކަށް ކުރެއްވި މި ދަތުރުފުޅުގައި ދެ ގައުމުގެ ޚާރިޖީ ގުޅުން ވަރުގަދަކޮށް، ދެ ގައުމު ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން ދެ ގައުމުގެ ސަރުކާރުގެ މެދުގައި މަޝްވަރާތައްކޮށްފައިވާއިރު، މި މަޝްވަރާތަކުގައި އެންމެ އިސްކަމެއް ދެއްވާފައި ވަނީ ޑިޖިޓަލް، ސައިބާ އަދި އީ-ގަވަނެންސްގެ ދާއިރާގެ އިތުރުން މޫސުމީ ބަދަލުތަކާއި ތިމާވެށީގެ މައްސަލަތަކާއި ސައިންސާއި ތައުލީމީ ދާއިރާއިން އެހީތެރިކަން ހޯދުމާ ގުޅޭ ގޮތުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!