ހއ. މާރަންދޫގެ ތަރައްގީއަށް ބޭނުންޖެހިފައިވާ ގިނަ ކަންކަން އަމަލީގޮތުން މިއަހަރ ފެށޭނެކަމުގެ ޔަޤީންކަން ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ.
ރައީސް މި ޔަޤީންކަން ދެއްވީ އިއްޔެ އެމަނިކުފާނު ހއ. އަތޮޅުގެ 10 ރަށަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ހަ ވަނަ މަންޒިލެއްގެ ގޮތުގައި މާރަންދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރަށްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ އިންތިޚާބުގެ ތެރޭގައި ޖުމުލަގޮތެއްގައި އެމަނިކުފާނު މާރަންދޫއަށް ވެވަޑައިގަތް ވަޢުދުތައް ފާހަގަކުރަށްވާފައެވެ. މިގޮތުން ފުޓްބޯޅަ ދަނޑުގެ ލައިޓްޖެހުމާއި، ރޮސްޓްރަމް މަސައްކަތާއި، ކުޅިވަރާބެހޭ އެހެން ވަސީލަތްތައްގާއިމުކޮށް ދިނުމާއި، ފުޓްސަލް ދަނޑު، ވޮލީކޯޓު ފަދަ ތަންތަން ޤާއިމުކޮށްދިނުމާއި، ލެބޯރެޓަރީ ހިމެނޭގޮތަށް ޞިއްޙީ މަރުކަޒުގެ ފެންވަރު ރަނގަޅުކޮށް، ވަސީލަތްތައް ހަމަކޮށްދިނުމާއި، ސްކޫލްގެ މަލްޓިޕާރޕަސް ހޯލު ހިމެނޭގޮތަށް ޖާގަ ބޮޑުކޮށްދިނުމާއި، ރަށް ގިރުމުގެ މައްސަލަ ޙައްލުކޮށްދިނުމާއި، ކުނި މެނޭޖް ކުރުމުގެ މައްސަލަ ޙައްލުކުރުމަކީ އެމަނިކުފާނު މައިގަނޑު ގޮތެއްގައި ރިޔާސީ އިންތިޚާބުގައި އެރަށަށް ވެވަޑަައިގަތް ވަޢުދުތައް ގޮތުގައި ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ރަށްރަށަށް ރައްޔިތުންގެ ގާތަށް ވަޑައިގެން ރަށްރަށުގައި ޖަލްސާތައް ބާއްވާ ބައްދަލުވުންތައް ބާއްވަނީ، ކަންކަން ޙައްލުކުރުމުގެ ނިޔަތުގައި ކަމަށެވެ.
''އަޅުގަނޑު އެކަނިވެސް އާދެވޭނެ ދަތުރުތަކުގައި. އައިސް ހަމަ ކައުންސިލާ ބައްދަލުކޮށްލާފައި، ކައުންސިލްގެ ފަރާތުން ވިދާޅުވާ ކަންކަން ނޯޓްކޮށްލައިގެން ގޮސް، އެކަންވޭތޯ ބަލައިދޭނަމޭ، ނޫނީވިއްޔާ އެކަހަލަ ގޮތަކަށްވެސް ޖަވާބުދެވޭނެ. އެހެންނަމަވެސް، އަޅުގަނޑު ބޭނުންވީ، ވަރަށް އަވަސްކޮށް ކަންކަން ހަމަޖެހިގެން ގޮސް، ނަތީޖާ ނެރެވޭނެ ގޮތަކަށް ބާރު ސްޕީޑްގައި ގެންދަން. އެހެންވީމާ، ކަމާގުޅޭ ވަޒީރުންނާ އެކީގައި ރަށްރަށަށް މިދަނީ ސީރިއަސް މަސައްކަތްތަކެއް ކުރަން. މިކަމަށްވެސް ހަމަ ބައެއް މީހުން އެބަ ފާޑުކިޔާ. އަޅުގަނޑު ބޭކާރު ޚަރަދެއް ކުރަނީއޭ. ނޫން. ޚަރަދު ބޭކާރުވާނީ، ޙަޤީޤަތުގައި ލަސްވެގެން ގޮސް، ގެއްލިގެންދާ ދުވަސްތަކުން. އެ ލިބޭ ގެއްލުން މާ ބޭކާރު ޚަރަދަކަށް އެބަވޭ.'' ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެމަނިކުފާނު ބޭނުންފުޅުވަނީ މާލޭގައި އަރާމުގައި ތިއްބެވުމުގެ ބަދަލުގައި، އެމަނިކުފާނުގެ އަރިހުގައި ކަމާގުޅޭ ހުރިހާ ދާއިރާތަކެއްގެ ވަޒީރުން ރަށްރަށަށް ވަޑައިގެން ކައުންސިލާއި، މުއައްސަސާތަކުގެ ޒިންމާދާރު ފަރާތްތަކާއެކު އިށީނދެގެން، ބޭނުންވެފައި ހުރިކަންކަމާއި މައްސަލަތައް ދެނެގަނެ، ދެފަރާތުން މަޝްވަރާ ކުރެވި ހައްލުތައް ހޯދިގެން ދިޔުންކަމަށެވެ.
''އޭރުން ކަންކަން ބާރަށް ހިނގާނީ. އެހެންވީމާ، ކޮންމެ ރަށެއްގައި މި ހިނގަނީ މަސައްކަތު ބައްދަލުވުންތަކެއް. ތިޔަބޭފުޅުންނާ އެކީގައި މި ހިނގަނީ. މި ބޭއްވޭ ބައްދަލުވުމަކީވެސް ކަންކަން ކުރަން އަޅުގަނޑު ނިންމާގޮތާއި، އަދި ތިޔަބޭފުޅުންގެ ކިބައިން އަޅުގަނޑާ ހަމައަށް، މި ދެންނެވި މަޝްވަރާ ބައްދަލުވުމުގައި އަންނަ ކަންކަން އަޅުގަނޑު ކުރަން ގަސްދުކުރާގޮތް ޙިއްޞާކުރުން. އެހެންވީމާ، ސީރިއަސް ވަގުތުތަކެއް މި ހޭދަކުރަނީ، ރަށުގެ ތަރައްޤީއަށްޓަކައި ކަންކަން ކުރުމުގައި. އިރާދަކުރެއްވިއްޔާ މިގޮތަށް ގެންގޮސް، މި ރަށުގެ ރައްޔިތުންނަށް ބޭނުންވާ ކަންކަންވެސް މި އަހަރުގެ ތެރޭގައި، ގިނަ ކަންތައްތަކެއް ޢަމަލީގޮތުން އިރާދަކުރެއްވިއްޔާ ފެންނާނެކަމީ އަޅުގަނޑު ތިޔަބޭފުޅުންނަށްދޭ ފުރިހަމަ ޔަޤީންކަމެއް.'' ރައީސް ވަނީ ވިދާޅުވެފައެވެ.
''މި އަންނަ އަހަރުގެ ތެރޭގައި ދެން އޭގެ ނިމުމަކާ ހަމައަށް ގެންދިޔުން. މައިގަނޑު ގޮތެއްގައި އަޅުގަނޑުގެ ޕްލޭނަކީ، ދެ އަހަރު ތެރޭގައި، މިހެން ހުރި ވަޢުދުތަކުގައި ހުރި މެދުފަންތީގެ، މި ދަންނަވަނީ، ބަޖެޓުގެ ސައިޒުން މެދުފަންތީގެ ހުރިހާ މަޝްރޫޢުތަކެއް ނިންމުން. ކޮންމެގޮތެއްވިޔަސް، ބޮޑެތި މަޝްރޫޢުތައް، ތިން އަހަރު ދުވަހަށްވެސް ދެމިގެންދާނެ، ކުރިއަށް މި އޮތް ދުވަސްތައް ވާނީ، ތަރައްޤީގެ ދުވެލީގައި ވަރަށްގިނަ މަސައްކަތްތަކެއް ހިނގަމުންދާ ދުވަސްތަކެއްކަން އެއީ، އަޅުގަނޑު ހަމަ ތިޔަބޭފުޅުންނަށްވެސް ދޭ ޔަޤީންކަމެއް.'' ރައީސް އިތުރަށް ވިދާޅުވެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!