އަވަށްޓެރި އިންޑިއާ އާއިއެކު ރާއްޖެއިން އޮތީ އެކުވެރިކަމާއި، އިހްތިރާމްގެ މައްޗަށް ބިނާވެފައިވާ ޒަމާންވީ ގުޅުމެއްކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، އިންޑިއާގެ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ފޮނުއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad
rt

މި ޕޯސްޓްގައި ރައީސް ވަނީ އިންޑިއާގެ ޖުމްހޫރީ ދުވަހުގެ އުފާވެރި މުނާސަބަތުގައި، އެޤައުމުގެ ރައީސް ދްރޯޕަތީ މުރުމޫ އާއި ބޮޑުވަޒީރު ނަރެންދްރަ މޯދީއަށާއި އިންޑިއާގެ ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮ އެދުންތައް ފޮނުއްވާފައެވެ.

މި ޕޯސްޓްގައި ރައީސް ފާހަގަކުރަށްވާފައިވާ ގޮތުގައި ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ވަރުގަދަ ރަޙްމަތްތެރިކަމާއި އެއްބާރުލުމުގެ ގުޅުން އަބަދުވެސް ދިވެހިރާއްޖެއިން ފަޚުރުވެރިކަމާއެކު ހަނދާންކުރާނެއެވެ.

މި ގުޅުމަކީ އެކުވެރިކަމާއި، އިޙްތިރާމާއި، އެކަކު އަނެކަކު ދެނެގަތުމުގެ މައްޗަށް ބިނާވެފައިވާ، ޒަމާންތަކެއް ވަންދެން ދެމިގެން އައިސްފައިވާ ގުޅުމެއްކަން ރައީސް ވަނީ ފާހަގަކުރަށްވާފައެވެ.

''އަޅުގަނޑުމެން ދެ އަވައްޓެރި ޤައުމުގެ ރައްޔިތުންގެ މަންފާއަށްޓަކައި މަސައްކަތްކުރުމަށާއި، އަޅުގަނޑުމެންނަށް ކުރިމަތިވާ އާންމު ގޮންޖެހުންތަކަށް ޙައްލު ހޯދުމަށްޓަކައި، އަޅުގަނޑުމެންގެ ސްޓްރެޓެޖިކް ގުޅުން ވަރުގަދަކުރުމަށް އަޅުގަނޑު ވަނީ އަޒުމް ކަނޑައަޅާފައެވެ." ރައީސް ވިދާޅުވެފައެވެ.

ރައީސްގެ މި ޕޯސްޓް އެކްސްގައި ހިއްސާކުރަށްވައި އިންޑިއާގެ ބޮޑުވަޒީރު މޯދީ ވަނީ އިންޑިއާގެ ޖުމްހޫރީ ދުވަހާ ގުޅިގެން ފޮނުއްވި ތަހުނިޔާއަށްޓަކައި ރައީސްއަށް ޝުކުރު އަދާކުރަށްވާފައެވެ. އަދި އިންޑިއާއާއި ދިވެހިރާއްޖެއާ ދެމެދު އޮތް ދިގު މުއްދަތުގެ ގުޅުމާއި ބެހޭގޮތުން ރައީސް ފާޅުކުރެއްވި ޝުޢޫރުތަކަށް އުފާކުރަށްވާކަމަށާއި، ދެ ޤައުމުގެ ރަޙްމަތްތެރިކަމާއި އެއްބާރުލުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ވަނީ އަޒުމް ކަނޑައަޅާފައިކަމަށް މޯދީ ވަނީ ވިދާޅުވެފައެވެ.