ށ.ފުނަދޫގައި ތަރައްޤީކުރި އެއަރޕޯޓަށް މިއަދު ޓެސްޓް ފްލައިޓް ޖެއްސުމާއިއެކު، ފޮނަދޫ ރަށްޔިތުންގެ ފަންސާސް އަހަރުގެ އިންތިޒާރު ނިމުމަކަށް އައިސްފިއެވެ.
ގައުމީ އެއާލައިން، މޯލްޑިވިއަންގެ ބޯޓެއް ފުނަދޫ އެއާޕޯޓުގައި ޖެއްސީ މިއަދު ހެނދުނު 8:10 ގަ އެވެ.
ފުނަދޫ ރައްޔިތުންނަށް ލިބުނު ބޮޑު އުފާ ހާމަކޮށްދެމުން އެކައުންސިލްގެ ފޭސްބުކް ޕޭޖްގައި ބުނެފައިވަނީ މިއަދަކީ ފުނަދޫ ރައްޔިތުން ޒަމާނުއްސުރެ ދެކެމުންއައި ހުވަފެނުގައި ހަޤީޤީކުލަ ޖެހުނު ތާރީޚީ ދުވަސްކަމަށެވެ.
އިތުރަށް އެކައުންސިލުން ބުނީ ވޭތުވި 50 އަހަރުގެ ދިގު މާޒީގައި އެ އަމާޒަށް ވާސިލުވުމަށް ކުރެވުނު މަސައްކަތުގައި، ސާބިތުކަމާއެކު އެހީތެރި ވެދެއްވި އެންމެހާ ފަރާތްތަކަށް ފުނަދޫ ރައްޔިތުންގެ ނަމުގައި ޝުކުރު ދަންނަވާކަމަށެވެ.
ގައުމީ އެއާލައިން، މޯލްޑިވިއަންގެ ބޯޓު ފުނަދޫ އެއާޕޯޓުގައި ޖެއްސިއިރު އެރަށުގެ ވަރަށްގިނަ ރައްޔިތުން އެތަނަށް އެއްވެ، އެ އުފާވެރި މަންޒަރު ބަލަން ތިއްބެވެ. އެރަށް ޔިތުންގެ ފަރާތުން ކީ ހޫނު މަރުޙަބާގެ އިތުރުން ރައްޔިތުންގެ ފަރާތުން ހާއްސަ ސަޔެއްވެސް ތައްޔާރުކޮށްފައި ވެއެވެ.
ފުނަދޫ އެއަރޕޯރޓަށް ޓެސްޓް ފްލައިޓް ޖެއްސިއިރު އެ ދަތުރުގައި ޓްރާސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޒުހައިރާއި ސިވިލް އޭވިއޭޝަންގެ އޮތޯރިޓީގެ އިސް ބޭފުޅުން އަދި އައިލެންޑް އޭވިއޭޝަންގެ އެކި ޑިޕާޓްމަންޓުތަކުގެ އިސް ބޭފުޅުން ފުނަދޫ އަށް ވަޑައިގަތެވެ.
އެ އެއާޕޯޓަށް ފެބްރުއަރީ 1 ގައި ޝެޑިއުލް ދަތުރުތައް ފެށުމަށް މޯލްޑިވިއަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެހާތަނަށް އެއާޕޯޓުގައި ނުނިމި ހުރި މަސައްކަތްތައް ކަމުގައިވާ އަލިފާން ނިއްވާ ޓަވަރުގެ މަސައްކަތް ނިންމާލެވެވޭނެ ކަމަށް މައުލޫމާތު ލިބެއެވެ.
ކުރީގެ ސަރުކާރުން ހަދަން ފެށި ފުނަދޫ އެއާޕޯޓުގެ ރަންވޭގެ ދިގުމިނުގައި 1،200 މީޓަރު އަދި ފުޅާމިނުގައި 30 މީޓަރު ހުރެ އެވެ. ޓެކްސީވޭގައި 90 މީޓަރު ހުންނައިރު، އޭޕްރަންގެ ފުޅާމިނަކީ 50 މީޓަރެވެ. އެ އެއާޕޯޓުގެ އޭޕްރަންގެ ދިގު މިނަކީ 150 މީޓަރެވެ.
ޓްރާންސް ޕޯރޓް މިނިސްޓްރީގެ 2020 ވަނަ އަހަރުގެ ތަސައްވަރާ ބެހޭގޮތުން މި ޖެނުއަރީ މަހުގެ ކުރީކޮޅު ވީޓީވީ ފަސްމަންޒަރު ޕްރޮގްރާމްގައި ވާހަކަ ފުޅު ދައްކަވަމުން، 2020 ވަނަ އަހަރުގެ އަމާޒު ތަކުގެ ތެރޭގައި މި އަހަރު ޑޮމެސްޓިކް އެއާޕޯޓްތައް ހުޅުވަން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް އެކަމަނާ ވަނީ ވިދާޅުވެފައެވެ.
އެރޭ މިނިސްޓަރު ވިދާޅުވީ މިއަހަރުގެ މިހިނގާ ޖެނުއަރީ މަހުގެ ތެރޭގައި ށ. ފުނަދޫ އެއާޕޯޓް ހުޅުވަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
ކޯލިޝަން ސަރުކާރުގެ ޖުމްހޫރީ ޕާޓީ ތަމްސީލް ކުރައްވާ މިނިސްޓަރެއް ހުންނެވި ޓްރާންސްޕޯޓް މިނިސްޓްރީއިން ދަނީ އެ މިނިސްޓްރީއަށް ކަނޑައަޅާފައި ލަނޑުދަނޑިތައް ހާސިލްކުރުމުގައި ކާމިޔާބު ހޯއްދަވައި، ބުރަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. ނަމަވެސް އެމްޑީޕީގެ ރައީސް، ރައީސް ނަޝީދު ވިދާޅުވަނީ ކޯލިޝަނާހެދި ސަރުކާރު ހިންގަން އުނދަގޫކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!