މި އަހަރުގެ ތެރޭގައި ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ޕަބްލިކް ވަރކްސް ޔުނިޓެއް ގާއިމުކުރައްވާނެ ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ރ. އަތޮޅުގެ ބައެއް ރަށްތަކަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މާކުރަތަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުގައެވެ.
ރައީސް ވިދާޅުވީ، ކޮންމެ އަތޮޅެއްގައި އެންމެ މަދުވެގެން، ޕަބްލިކް ވަރކްސް ޚިދުމަތް ދޭނެ އެއް ޔުނިޓް ގާއިމުކުރައްވާނެ ކަމަށެވެ. މި ގޮތުން ރ އަތޮޅުގައި ޕަބްލިކް ވަރކްސް ޚިދުމަތް ދޭ ޔުނިޓް ގާއިމު ކުރާނީ ރ. މާކުރަތުގައިކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި ތަރައްޤީއަށް ހިންގާ ގިނަ މަޝްރޫޢުތަކެއްގެ ދުރު ރާސްތާއަށް ބަލާއިރު އެފަދަ ތަންތަން ބެލެހެއްޓުމަށްޓަކައި ޕަބްލިކް ވަރކްސް ޚިދުމަތަކީ އިންތިހާއަށް މުހިންމު ޚިދުމަތެކެވެ.
ރައީސް ވިދާޅުވީ، ޕަބްލިކް ވަރކް ސައިޓްތައް ހެދުމަކީ އިންވެސްޓްމަންޓެއް ކަމަށާއި، އެއީ އެއްވެސް ޙާލެއްގައި ބޭކާރުވެގެންދާ ޚަރަދެއް ނޫން ކަމަށެވެ.
ދުރު ރާސްތާއަށް ބަލާއިރު، ޢުމްރާނީ ގޮތުން ރަށްރަށަށް ގެނެވޭ ތަރައްޤީ ބެލެހެއްޓުމަށް ޕަބްލިކް ވަރކްސް ޔުނިޓެއް ހުރުމަކީ، އެތައް ޚަރަދެއް ސަލާމަތް ކުރެވޭނެ ކަމެއް ކަމުގައި ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ޕަބްލިކް ވަރކްސް ޚިދުމަތް ދިނުމަށްޓަކައި އެންމެ މަދުވެގެން، އެއް ޔުނިޓް ގާއިމުކުރެއްވުމުގެ އިތުރުން، ރާއްޖޭގެ އުތުރު އަދި ދެކުނުގެ ސަރަޙައްދު ހިމެނޭ ގޮތަށް، ހުރިހާ ވަސީލަތަކާއެކު އެއްތަނުން އަނެއް ތަނަށް އުފުލައި، ބަދަލު ކުރެވޭ މޯބައިލް ޕަބްލިކް ވަރކްސް ޔުނިޓްގެ 2 ޔުނިޓް އުފައްދަވާނެ ކަންވެސް ރައީސް މިއަދު ޢިއުލާންކުރެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!