ރ. އިންނަމާދޫގައި 50 ޔުނިޓްގެ ހައުސިންގް މަޝްރޫޢެއް ހިންގަވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ، ރ.އަތޮޅުގެ ބައެއް ރަށްތަކަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރޭ އިންނަމާދޫ އަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުގައެވެ.

Ad
rt

ރައީސްގެ ވާހަކަފުޅުގައި ވަނީ މި އަަހަރުގެ ބަޖެޓުން އެންމެ އިސްކަމެއް ދެއްވަނީ ބޯހިޔާވަހިކަމުގައި ހުރި ދަތިކަމަށް ދާއިމީ ޙައްލު ހޯއްދަވައިދެއްވަން ކަމުގައި ފާހަގަކުރަށްވާފައެވެ. އެހެންކަމުން އިންނަމާދޫ ކައުންސިލުން ބިން ކަނޑައަޅައި ހަމަޖައްސަވައި ދެއްވުމާއެކު ކޮންޓްރެކްޓަރުން ހަމަޖެހުނުހާ އަވަހަކަށް، އެރަށުގައި 50 ޔުނިޓްގެ ހައުސިންގް މަޝްރޫޢެއް ހިންގަވަން ނިންމަވާފައި ވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެރަށުގެ ބަނދަރުގެ ޖާގައިގެ ދަތިކަމަށް ޙައްލު ހޯއްދަވައި ދެއްވުމަށް އިސްކަން ދެއްވާނެކަން ވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރަށްވާފައިވާއިރު، އެރަށުގެ ބަނދަރުގެ މައްސަލަ ޙައްލު ކުރުމަށް ފަށާފައިވާ މަޝްރޫޢު ޢަމަލީ ގޮތުން ހިންގަވައިދެއްވައި، ނިންމަވައިދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ އެރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ.

ންނަމާދޫގެ ތަޢުލީމީ ދާއިރާއާއި ޞިއްޙީ ދާއިރާއަށް ބޭނުންވެފައިވާ ތަރައްޤީ ގެނެސްދެއްވާނެކަމުގެ ޔަޤީންކަން ވެސް ރައީސް ދެއްވާފައިވާއިރު، އެރަށު ސްކޫލަށް ބޭނުންވާ ވަޞީލަތްތަކާއި ޖާގަ އިތުރުކުރުމަށްޓަކައި އައު މަޝްރޫޢެއް ހިންގަންޖެހޭ ކަމަށާ، މި އަހަރުގެ ބަޖެޓުގައި ހަމަޖައްސާފައިވާ ފަދައިން ތަރައްޤީގެ މަޝްރޫޢު ހިނގަމުންދާނެކަމުގައި ވިދާޅުވިއެވެ.

މީގެ އިތުރުން އެރަށުގެ ޞިއްޙީ ދާއިރާއަށް ގެންނަން ބޭނުންވެފައިވާ ޢުމްރާނީ އަދި އިންސާނީ ވަޞީލަތުގެ ތަރައްޤީއާއި، ތަކެތީގެ ގޮތުން ގެންނަންޖެހޭ ތަރައްޤީއާއި ޚިދުމަތުގެ ވަގުތު އިތުރުކުރުމުގެ ކަންކަން، ރައްޔިތުން އެދުނު ގޮތަށް މި އަހަރު ތެރޭގައި ހަމަޖައްސައިދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވިގޮތުގައި އިންނަމާދޫގެ ގިރާ ސަރަޙައްދު ހިމާޔަތްކުރުމާއި، ނަރުދަމާގެ މަސައްކަތްތަކާއި، މަގު ހެދުމުގެ މަޝްރޫޢު ފަދަ ތަރައްޤީގެ މަޝްރޫޢުތަކާއި، ޒުވާނުންނަށް ޚާއްޞަކޮށްގެން ހިންގާ ތަރައްޤީގެ މަޝްރޫޢުތަކަކީ މި އަހަރާއި އަންނަ އަހަރުގެ ތެރޭގައި ޢަމަލީ ސިފަޖެހިގެންދާނެ މަޝްރޫޢުތަކެވެ.