ރ. އިންނަމާދޫގައި އޮޑިދޯނިފަހަރު ބަނުމުގެ ދާއިރާއިން ދިވެހި މަސައްކަތްތެރިން ބިނާކުރުމަށްޓަކައި ތަމްރީނުދޭ ޚާއްޞަ މަރުކަޒެއް ތަރައްޤީކުރަށްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ، ރ. އަތޮޅުގެ ބައެއް ރަށްތަކަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރޭ އިންނަމާދޫ އަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުގައެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ އޮޑިދޯނިފަހަރު ބަނުން ނުވަތަ ބޯޓު ބިލްޑިންގް ދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވެފައި ތިބި ދިވެހިންނަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މާލީ ދަތިކަން ކަމުގައި ވިދާޅުވެފައެވެ. އެހެންކަމުން އެދަތިކަމަށް އެހީތެރިވުމަށް ރަހުނަކާ ނުލައި، ބޭންކިންގް ނިޒާމުގެ ތެރެއިން ލޯނު ނެގޭނެ ލުއި ގޮތަކަށް އިންތިޒާމު ހަމަޖައްސަވައިދެއްވާނެ ކަމަށް ވިދާޅުވިއެވެ. މިއާއެކު، އިންޑަސްޓްރީ ފުޅާ ކުރުމަށް ފުރުޞަތު ލިބިގެންދާނެކަން ރައީސް ވަނީ ފާހަގަކުރަށްވާފައެވެ.
ރައީސް ވިދާޅުވީ އޮޑިދޯނިފަހަރު ބަނުމުގެ ދާއިރާގެ މަސައްކަތުގައި ބިދޭސީންގެ ޝާމިލުވުން އޮތުމަކީ އެމަނިކުފާނު އެދިވަޑައިގަންނަވާ ގޮތެއް ނޫނެވެ. އެހެންކަމުން މި ދާއިރާއިން ދިވެހި މަސައްކަތްތެރިން ބިނާކުރުމަށްޓަކައި އިންނަމާދޫގައި ތަމްރީނުދޭ ޚާއްޞަ މަރުކަޒެއް ތަރައްޤީ ކުރައްވަން ގަސްތުކުރައްވާކަމަށް ވިދާޅުވިއެވެ.
މި މަރުކަޒު ތަރައްޤީކުރެވިގެން ދިއުމާއެކު، ބޯޓު ބިލްޑިންގް ސިނާޢަތަކީ ދިވެހީންނަށް ޚާއްޞަ، އަދި ހަމަ އެކަނި ދިވެހި މަސައްކަތްތެރިން ހަރަކާތްތެރިވާ ދާއިރާއަކަށްވެ، ތަމްރީނު ވެފައިވާ ދިވެހިން އިތުރުވެގެންދާ މަންޒަރު ދެކެވަޑައިގަންނަވަން ބޭނުންފުޅުވާކަމަށާ، ސަރުކާރުގެ ފުރިހަމަ އެއްބާރުލުން އެކަމަށް ލިބިގެންދާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.
ބޯޓު ބިލްޑިންގް ސިނާޢަތަށް ދިމާވެފައިވާ ބިމުގެ ދަތިކަމުގެ ގޮންޖެހުން ފާހަގަކުރަށްވައި ރައީސް ވިދާޅުވީ، ކައުންސިލްތަކުން ކުއްޔަށް ބިން ދޫކުރަމުން އައިސްފައި ވަނީ ކުރު މުއްދަތަކަށް ކަމަށްވާތީ، އެފަދަ ބިންތަކުގައި އިންވެސްޓުކޮށް، ބޮޑެތި މަޝްރޫޢުތައް ހިންގުމުގައި ދަތިތަކެއް ހުރިކަމަށެވެ. އެހެންވެ ބިމާ ބެހޭ ސިޔާސަތުގެ ތެރެއިން، އެ މަސައްކަތަށް ދިގު މުއްދަތަކަށް ބިންތައް ކުއްޔަށް ދޫކުރެވޭނެ މަގުތައް ކައުންސިލްތަކަށް ފަހިކޮށްދެއްވައި، އެ ދާއިރާގައި އިންވެސްޓް ކުރުމުގެ އިތުބާރު ގާއިމުކޮށްދެއްވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި އެކަމަކީ ހަމައެކަނި އިންނަމާދޫއަށް އޮތް ކަމެއް ނޫން ކަމަށާއި، މުޅި ރާއްޖޭގައިވެސް މިކަންކަން ތަންފީޒުކުރަށްވާނެއެވެ. އަދި ބޯޓު ބިލްޑިންގް އިންޑަސްޓްރީ ސެކްޓަރގައި ދިވެހީންނަށް ކުރިއަށްދިއުމުގެ މަގު ފަހިކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް މުޢިއްޒު ވަނީ ތަކުރާރުކޮށް ދެއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!