ޓްރަމްޕްގެ ޚާއްސަ ގަރާރަށް ފަހު ވެސް އެޕް ސްޓޯރުތަކުން ޓިކްޓޮކް އެޕް ލިބެން ނެތްކަން ޓެކް މީޑިއާތަކުން ފާހަގަ ކޮށްފިއެވެ.
އެމެރިކާގައި ޓިކްޓޮކް ހުއްދަކުރުމުގެ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސޮއިކުރެއްވި އެ ގަރާރަށް ފަހުވެސް އައު ޔޫޒަރުންނަށް ޓިކްޓޮކް އެޕް ޑައުންލޯޑް ކުރެވެން ނެތަސް، މިހާރު އެޕް ބޭނުންކުރަމުންދާ ފަރާތްތަކަށް އެޕް ބޭނުންކުރެވޭނެކަން ޓިކްޓޮކުން ވަނީ ބުނެފައެވެ.
އާދިއްތަ ދުވަހު އެޕް ވަގުތީގޮތުން ބަންދުވުމަށްފަހު، އޭގެ މަދު ގަޑިއިރުތަކެއްގެ ފަހުން، ކުރިން އެޕް ޑައުންލޯޑްކޮށްފައިވާ ފަރާތްތަކަށް އަލުން ބޭނުންކުރެވެން ފެށިއެވެ. ނަމަވެސް ބުދަ ދުވަހުގެ ހެނދުނާ ހަމައަށްވެސް އެމެރިކާގެ އެޕަލް އަދި ގޫގުލްގެ އެޕް ސްޓޯތަކުން ޓިކްޓޮކް ޑައުންލޯޑް ނުކުރެވެއެވެ.
މި ހަނިކުރުން ގެނެވުނީ ޓިކްޓޮކްގެ ޗައިނާގެ މައި ކުންފުނި ބައިޓްޑާންސްއިން އެމެރިކާގެ ވިޔަފާރި ވިއްކާލުމަށް ލާޒިމްކުރާ ޤާނޫނަކާ ގުޅިގެންނެވެ. ކުންފުނިން އެޕް މުޅިން ބަންދުކުރި ނަމަވެސް، 12 ގަޑިއިރު ފަހުން އަލުން ހުޅުވާލިއެވެ.
އެހެންނަމަވެސް، އެޕް ޑިލީޓްކޮށްފައިވާ ނުވަތަ އަލަށް ބޭނުންކުރަން ފަށާ ފަރާތްތަކަށް އަދިވެސް އިންތިޒާރުކުރަން ޖެހޭނެއެވެ. އެޕް ސްޓޯރުތަކަށް ޓިކްޓޮކް އެޕް އަންނާނެ ތާރީޚެއް އަދި މިހާތަނަށް އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!