ރ. ވާދޫއަކީ އަމިއްލައަށް އިސްނަންގަވައިގެން، ބިނާކުރަނިވި ވިސްނުމެއްގައި، ގިނަ ކަންތައްތަކެއް ކުރާ ރައްޔިތަކު ދިރިއުޅެމުންދާ ރަށެއްގެ ގޮތުގައި ރައީސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ސިފަކުރަށްވައިފިއެވެ.
އެމަނިކުފާނު މިއަދު ވަނީ ރ.އަތޮޅަށް ދަތުރެއް ފައްޓަވާފައެވެ. މި ދަތުރުފުޅުގެ ތެރެއިން ފުރަތަމަ ވަޑައިގަތީ ރ. ވާދޫއަށެވެ.
ރައީސް މިއަދު ވާދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމު އެރަށް ސިފަކުރައްވާފައި ވަނީ، އަމިއްލައަށް އިސްނަންގަވައިގެން، ބިނާކުރަނިވި ވިސްނުމެއްގައި، ގިނަ ކަންތައްތަކެއް ކުރާ ރައްޔިތަކު ދިރިއުޅެމުންދާ ރަށެއްގެ ގޮތުގައެވެ.
މީގެ އިތުރުން ވާދޫގެ ރައްޔިތުންނަކީ ވަރަށް ފައްސި ވިސްނުމެއްގައި މަސައްކަތް ކުރައްވާ، ތަރައްޤީގެ ވިސްނުމުގެ ރައްޔިތުންތަކެއްގެ ގޮތުގައި ވެސް ރައީސް ވަނީ ސިފަކުރައްވާފައެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ ވާދޫގެ ތަރަޢްޤީއަށް ޚާއްޞަ ކަންތައްތަކެއް ހުރިކަން ފާހަގަކުރަށްވައި އަދި އެރަށަކީ އަމިއްލައަށް އިސްނަގައިގެން އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ވަރަށް ގިނަ މަސައްކަތްތަކެއް ފަށާފައި އޮތް ރަށެއްކަން ފާހަގަކުރަށްވާފައެވެ. އަދި އެކަމަށް މަރްޙަބާ ވިދާޅުވެ، އެމަނިކުފާނު ވަނީ އެކަމަށް ހިތްވަރުވެސް ދެއްވާފައެވެ.
މި މޭރުމުން ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ތެރެއިން ރ. ވާދޫއަކީ މުޅި ރަށުގެ ހުރިހާ ހަކަތައެއް އިޔާދަކުރަނިވި ހަކަތައިގެ މަސްދަރުތަކުން، ޚާއްޞަކޮށް ސޯލަރ ޕަވަރއިން ދޭ ރަށަކަށް ހެއްދެވުމަކީ އެ މަނިކުފާނު ނުހަނު ބޭނުންފުޅު ވާ ކަމެއްކަމުގައި ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!