މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށްޓަކައި ގިރާވަރުފަޅު ހިއްކުމަށް ހިންގާ މަޝްރޫޢުގެ ދަށުން މިހާތަނަށް 115 ހެކްޓަރުގެ ބިން ހިއްކައި، މުޅި މަޝްރޫޢުގެ 68.8 ޕަސެންޓް މަސައްކަތް ފުރިހަމަކޮށްފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.

އެމްއޭސީއެލުން ހާމަކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، މި މަޝްރޫޢުގެ ދަށުން ގިރާވަރުފަޅުން ޖުމުލަ 167.15 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިހާރު ކުރިއަށްދާ މަސައްކަތްތަކާއެކު، ބިން ހިއްކުމުގެ މަސައްކަތް ބާރު ދުވެއްޔެއްގައި ކުރިއަށްދާ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.

Ad
rt

މި މަޝްރޫޢުގެ ތެރެއިން ވޭތުވެދިޔަ ސަރުކާރު ނިމުނުއިރު ހިއްކިފައި އޮތީ 70 ހެކްޓަރުގެ ބިމެވެ. އޭގެ ފަހުން، ނުނިމި އޮތް 97.15 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތާ އެމްއޭސީއެލުން ހަވާލުވެ، އެ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައެވެ.

އެމްއޭސީއެލްއިން މި މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކޮންޓްރެކްޓްކޮށްފައިވަނީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އާއެވެ. އަދި ބިން ހިއްކުމުގެ އަމަލީ މަސައްކަތް ކުރިއަށް ގެންދަނީ ބޮސްކާލިސް ކުންފުންޏާ ގުޅިގެންނެވެ.

މި ބިޔަ މަޝްރޫޢުގެ ބިން ހިއްކުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމުގައި މުހިންމު ދައުރެއް އަދާކުރަނީ ދުނިޔޭގައި މިވަގުތު އޮތް އެންމެ ބޮޑެތި ޑްރެޖަރުތަކުގެ ތެރޭގައި ހިމެނޭ "ކުއީން އޮފް ނެދަލޭންޑްސް" ޑްރެޖަރެވެ.

ގިރާވަރުފަޅުގެ ބައެއް ސަރަޙައްދުތަކަކީ ވަރަށް ބޮޑަށް ފުން ސަރަޙައްދުތަކެއް ކަމަށް ވުމާއެކު، ބިން ހިއްކުމުގައި ގޮންޖެހުންތަކެއް ހުރި ނަމަވެސް، މަޝްރޫޢުގެ މަސައްކަތްތައް ވަރަށް ބާރު ދުވެލީގައި ކުރިއަށްދާ ކަމަށް އެމްއޭސީއެލުން ވަނީ ބުނެފައެވެ.