އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީއާއި ވުލްވްސް ބައްދަލުކުރި މެޗު ޗެލްސީން ކާމިޔާބު ކޮށްފިއެވެ. އަމިއްލަ ދަނޑުގައި ޗެލްސީން ވަނީ 3-1 ގެ ނަތީޖާއިން ވުލްވްސް ބަލިކޮށްފައެވެ.
ލީގުގައި އެންމެ ފަހުން ކުޅުނު ފަސް މެޗުން ވެސް ޗެލްސީއަށް މޮޅެއް ނުހޯދުނެވެ. ނަމަވެސް ރޭ މެޗުން މޮޅުވެ އެ ޓީމް މިވަނީ މެންޗެސްޓާ ސިޓީއާއި ނިއުކާސަލް ފަހަތަށް ޖައްސާލުމަށް ފަހު ޕޮއިންޓް ތާވަލުގެ ހަތަރުވަނައަށް ޖެހިލާފައެވެ. ޗެލްސީ ހަތަރުވަނާގައި އޮތީ 22 މެޗުން 40 ޕޮއިންޓް ހޯދައިގެންނެވެ. ފަސްވަނާގައި ސިޓީ އޮތީ 22 މެޗުން 38 ޕޮއިންޓް ހޯދައިގެންނެވެ. ހަވަނާގައި އޮތް ނިއުކާސަލް އަށް ވެސް ވަނީ 38 ޕޮއިންޓް ލިބިފައެވެ.
ރޭ މެޗުގައި ޗެލްސީން ލަނޑުޖަހައި ލީޑުނެގީ 24 ވަނަ މިނެޓުގައެވެ. މި ލަނޑު ޖަހައިދިނީ އަޑަރަބިޔޯއެވެ. ފުރަތަމަ ހާފު ނިމުނީ މި ނަތީޖާއިން ޗެލްސީ ކުރީގައި އޮވެގެންނެވެ
ދެވަނަ ހާފުގެ ފަސްވަނަ މިނެޓުގައި ވުލްވްސްގެ މެކް ޑޮހާޓީ ވަނީ ލަނޑެއްޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މެޗުގައި ޗެލްސީއަށް ދެވަނަ ފަހަރަށް ލީޑު ލިބުނީ 60 ވަނަ މިނެޓުގައި ކުކުރެއާ ކާމިޔާބުކުރި ލަނޑުންނެވެ. އޭގެ ފަސް މިނެޓް ފަހުން ޗެލްސީއަށް ލީޑު ފުޅާކޮށްދިން ލަނޑު ޖެހީ މަޑުއޭކޭއެވެ.
ޗެލްސީ އަތުން ބަލިވި ވުލްވްސް މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ 17 ވަނާގައެވެ. އެ ޓީމަށް 22 މެޗުން ލިބިފައި ވަނީ 16 ޕޮއިންޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!