1446 ވަނަ އަހަރު ދިވެހިރާއްޖޭގެ ރައްޔިތުންނަށް ސަޢޫދީ ޢަރަބިއްޔާއިން ހަދިޔާކުރެއްވި ކަދުރު ބަހަން ފަށައިފިއެވެ.
މި އަހަރު ރާއްޖޭގެ ރައްޔިތުންނަށް ބެހުމަށް ސަޢުދީ ސަރުކާރުން ހަދިޔާކޮށްފައި ވަނީ 50 ޓަނުގެ ކަދުރެވެ.
މި ކަދުރު މިދިޔަ ޑިސެމްބަރުމަހުގެ ތެރޭގައި ރާއްޖެ ގެނެސްފައިވާއިރު، މިއަދު ކަދުރު ބަހަންފަށާފައިވާކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބުނިގޮތުގައި ސިޓީތަކާއި އަތޮޅުތަކުގެ ރަށްރަށުގައި ކަދުރު ބަހާނީ މީހުން ދިރިއުޅޭ ގޭބިސީތަކުގެ ތެރެއިން ކަދުރު ބަލައި ހާޟިރުވާ ތަރުތީބުންނެވެ. ކޮންމެ ގޭބިސީއަކަށް 1 ޕެކެޓް ކަދުރު ލިބޭނެއެވެ. މިއަހަރު ލިބުނު ކަދުރުން ކޮންމެ 100 ގޭބިސީއަކަށް ޖެހެނީ 25 ޕެކެޓް ކަދުރެވެ.
ކަދުރު ބެހުމުގެ މަސައްކަތް ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަމަހުގެ 6 އަކާއި ހަމައަށެވެ. މާލޭ ސަރަޙައްދުގައި މި ދުވަސްތަކުގައި ހެނދުނު 09:30 އިން މެންދުރު 13:00 އާ ހަމައަށް މި މަސައްކަތް ކުރިއަށްދާނެއެވެ. މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ އިސްލާމީ މަރުކަޒުގައެވެ. އަދި ރަށްރަށުގައި ނުވަތަ އަތޮޅުތަކަށް ކަދުރު ބަހާނީ ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް މެދުވެރިކޮށެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މައުލޫމާތު ދިން ގޮތުގައި ގޭބިސީތަކަށް ކަދުރު ބަހާނީ އެ ގޭބިސީއެއްގެ ކަރަންޓް މީޓަރުގެ ނަންބަރަށް ބަލައި، ކަދުރާ ހަވާލުވާ މީހެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑަށް ބެލުމަށްފަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!