ޕްރިމިއާ ލީގުގައި ރޭ އެސްޓަން ވިލާއާއި ދެކޮޅަށް ދެއްކި ކުޅުމާއިމެދު ވަރަށް ހިތްހަމަޖެހޭ ކަމަށާއި ނަމަވެސް ނަތީޖާއާއި މެދު ހިތްހަމަ ނުޖެހޭކަމުގައި އާސެނަލްގެ ކޯޗް އާޓޭޓާ ބުނެފިއެވެ.

ރޭ އަމިއްލަ ދަނޑުގައި އާސެނަލްއާއި އެސްޓަން ވިލާ ބައްދަލުކުރި މެޗު ނިމިގެން ދިޔައީ 2-2 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މެޗުގައި ފުރަތަމަ ދެ ލަނޑު ވެސް ޖެހީ އާސެނަލުންނެވެ. އެ ޓީމްގެ ފުރަތަމަ ލަނޑު 35 ވަނަ މިނެޓުގައި މާޓިނެލީ ޖަހައިދިންއިރު، ދެވަނަ ލަނޑު 55 ވަނަ މިނެޓުގައި ޖަހައިދިނީ ކައި ހަވާޓްޒްއެވެ.

Ad
rt

ވިލާގެ ފުރަތަމަ ލަނޑު 60 ވަނަ މިނެޓުގައި ޖަހައިދިނީ ޓިއެލެމަންސްއެވެ. އޭގެ އަށް މިނެޓް ފަހުން ވިލާގެ ދެވަނަ ލަނޑު ޖަހައިދިނީ ވަޓްކިންސްއެވެ. އާސެނަލުން ލީގުގައި އެންމެ ފަހުން ކުޅުނު 12 މެޗުން ވެސް ބަލިވެފައި ނުވެއެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން އާޓޭޓާ ބުނީ މެޗުގައި ޓީމް ދެއްކީ ގަބޫލުކުރަން ވެސް އުނދަގޫހާ މޮޅު، ރަނގަޅު ކުޅުމެއް ކަމަށެވެ.

"އަހަރެމެން މި ކުޅުނީ ހަ ދުވަހުގެ ތެރޭ ތިން މެޗު، އެހެން ނަމަވެސް ޓީމުގެ ކުޅުމާއިމެދު އަހަރެން ފަހުރުވެރިވަން، ނަތީޖާއާއި މެދު މި ހުރީ ހިތްހަމަ ނުޖެހިފަ، މިއަށްވުރެ ރަނގަޅު ނަތީޖާއެއް އަހަރެމެންނަށް ހައްގު، މި މެޗުން ލިބުނު ނަތީޖާއާއި މެދު އަރެމެން މިތިބީ ދެރަވެފަ" އާޓޭޓާ ބުންޏެވެ.

މި މެޗުން ދެ ޕޮއިންޓް ގެއްލުމާއިއެކު އާސެނަލް ދެވަނާގައި އޮތީ 22 މެޗުން 44 ޕޮއިންޓް ހޯދައިގެންނެވެ. އެއްވަނާގައި އޮތީ ލިވަޕޫލެވެ. އެ ޓީމަށް 21 މެޗުން ވަނީ 50 ޕޮއިންޓް ލިބިފައެވެ.