ދިވެހިރާއްޖޭގެ ކަނޑުފަޅުތަކުގައި އުޅޭ މަޑީގެ ބާވަތްތަކަށް ކާންދޭ މައްސަލަ ބޮޑުވުމާއި ގުޅިގެން އެކަން އެގޮތަށް ނުކުރަން އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިލްތިމާސް ކޮށްފިއެވެ.

މިކަމާއި ގުޅިގެން އީޕީއޭ އިން ނެރުނު ނޫސް ބަޔާނުގައި ބުނެފައި ވަނީ މަޑިއަށް ކާންދިނުމަކީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ދިރޭތަކެއްޗާ ބެހޭ ގަވާއިދުގެ ދަށުން މަނާކަމެއް ކަމަށެވެ.

Ad
rt

މަޑީގެ ބާވަތްތަކަށް ކާންދިނުމުގެ ކަންކަން ރާއްޖޭގެ އެކި ހިސާބުތަކުގައި ވަރަށް ބޮޑަށް އިތުރުވަމުން އަންނަ ކަން ފާހަގަކޮށް އީޕީއޭއިން ބުނީ މަޑީގެ ބާވަތްތަކަށް ކާންދިނުމާއި ކާން އެޅުމަކީ އެ ތަކެތީގެ ގުދުރަތީ އާދަތަކަށް ނޭދެވޭ އަސަރުކުރާނެ ކަމެއް ކަމަށާއި އަދި އެއީ އެ ތަކެއްޗަށް ގެއްލުންވާ ކަމެއް ކަމަށެވެ.

މަޑީގެ ބާވަތްތައް ބަލާލުމަށް އެ ތަކެއްޗާ އެކު މޫދުގައި ފީނުމަކީ ދިވެހިންނާއި ޓޫރިސްޓުންގެ މެދުގައި މަގުބޫލު ކަމަކަށް ވިޔަސް، އެ ހަރަކާތްތަކުގެ ސަބަބުން އިންސާނުންނަށް އެކި ކަހަލަ އަނިޔާވެ އަދި ބައެއް ފަހަރު ފުރާނައަށް ނުރައްކާވާ ކަހަލަ ހިތާމަވެރި ހާދިސާތައް ހިނގުމަށް މެދުވެރިވާ ކަމަށް އީޕީއޭއިން ބުންޏެވެ.

މަޑިއަށް ކާންދޭ ސަރަހައްދުތަކަށް ކާން އެޅުމުން ގިނަ އަދަދެއްގެ މިޔަރު އެތަނަށް އެއްވުމުން މަޑި ނުވަތަ މިޔަރަށް ކާންދޭން އުޅުމުގެ ތެރޭގައި މިޔަރު ދަތް އެޅުމާއި މަޑި ކަށި ހެރުން ފަދަ ހާދިސާތައް ހިނގަން މަގުފަހިވާ ކަމުގައި އީޕީއޭއިން ބުންޏެވެ.

މި ފަދަ ހާދިސާތައް ރާއްޖޭގައި ގިނަވުމަކީ ޓޫރިޒަމަށް ވެސް އޭގެ އަސަރު ކުރާނެ ކަމެއް ކަމަށް އީޕީއޭ އިން ބުންޏެވެ.

އީޕީއޭ އިން ބުނީ ރާއްޖެއަށް އަންނަ ޓޫރިސްޓުން މަޑި އާއި މިޔަރަށް ކާންދިނުން ހުއްޓުވުމަށާއި މިކަމާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކޮށް އެ އެޖެންސީއަށް ޝަކުވާ ލިބެމުންދާ ކަމަށެވެ.

އެހެންވެ، މަޑީގެ ބާވަތްތައް ބެލުމަށް ކުރިއަށް ގެންދާ ހަރަކާތްތައް ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް ހިންގުމަށް އެ އެޖެންސީން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ގަވާއިދުތަކާއި އުސޫލުތަކާ ހިލާފު ވެއްޖެ ނަމަ، ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް އީޕީއޭ އިން ވަނީ ދީފައެވެ.