އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި ސައުތެމްޓަން ބައްދަލުކުރި މެޗު ފަހަތުން އަރާ ޔުނައިޓެޑުން ކާމިޔާބު ކޮށްފިއެވެ. އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފައި ވަނީ 3-1 ގެ ނަތީޖާއިންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑަށް ލީޑު ނަގައިދޭން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ގަނާޗޯއަށެވެ. އޭރިއާތެރޭ ހުސްކޮށް ހުރެ އޭނާ ފޮނުވާލި ބޯޅަ ގޯލާ އަމާޒުވާގޮތެއް ނުވިއެވެ. ފުރަތަމަ ހާފުގައި ނުރައްކާތެރި ގިނަ ހަމަލާ އުފެއްދީ ސައުތެމްޓަނުންނެވެ. އެ ހަމަލާތައް ހުއްޓުވުމުގައި ޔުނައިޓެޑްގެ ކީޕަރ އޮނާނާގެ ފަރާތުން ވަރަށް މޮޅު ކުޅުމެއް ވަނީ ފެނިގެންދިޔައެވެ.

Ad
rt

މެޗުގެ ފުރަތަމަ ހާފުގައި ސައުތެމްޓަން އިން ލީޑު ނެގީ 42 ވަނަ މިނެޓުގައެވެ. މި ލަނޑަކީ ނެގި ކޯނަރެއް ކްލިއާ ކޮށްލަން މަސައްކަތް ކުރުމުގެ ތެރޭގައި ޔުނައިޓެޑްގެ އުގާޓޭ އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ.

ޔުނައިޓެޑުން މެޗުގެ ނަތީޖާ އަނބުރާލީ ފަހު ދިހަ މިނެޓްގެ ތެރޭ އަމަދް ޑިއާލޯ ހެދި ހެޓްރިކުންނެވެ. ޔުނައިޓެޑްގެ ފުރަތަމަ ލަނޑު 82 ވަނަ މިނެޓުގައި ޑިއާލޯ ޖެހިއިރު، ދެވަނަ ލަނޑު ޖެހީ 90 ވަނަ މިނެޓުގައެވެ. ސައުތެމްޓަންގެ ޑިފެންސުން ހެދި ގޯހެއްގެ ފައިދާ ނަގައި ޑިއާލޯ ވަނީ އިތުރު ވަގުތުތެރޭ އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ.

މި މޮޅާއިއެކު ޔުނައިޓެޑް އޮތީ ޕޮއިންޓް ތާވަލުގެ 12 ވަނާގައެވެ. އެ ޓީމަށް 21 މެޗުން ލިބިފައި ވަނީ 26 ޕޮއިންޓެވެ. މެޗުން ބަލިވި ސައުތެމްޓަން އޮތީ ޕޮއިންޓް ތާވަލުގެ ފުލުގައެވެ. އެ ޓީމަށް 21 މެޗުން ލިބިފައި ވަނީ އެންމެ ހަ ޕޮއިންޓެވެ.