އީސް ޑރ. މުޙައްމަދު މުޢިއްޒު އެސްޓޯނިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅު މިރޭ ނިންމަވާލައްވައިފިއެވެ.

އެ ޤައުމަށް ހޯމަ ދުވަހު ރައީސް ފެއްޓެވި މި ދަތުރުފުޅު މިއަދު ނިންމަވާލައްވާފައިވާއިރު، މި ދަތުރުފުޅަކީ އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކަރިސްގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.

Ad
rt

މި ތާރީޚީ ދަތުރުފުޅަކީ ދިވެހި ރައީސަކު ބޯލްޓިކް ޤައުމަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.

މި ދަތުރުފުޅުގައި ރައީސް ޑރ. މުޢިއްޒު ވަނީ އެސްޓޯނިއާގެ އިސް ވެރިންނާއެކު ގިނަ މަޝްވަރާތަކެއް ކުރައްވާފައެވެ. މީގެ ތެރޭގައި އެސްޓޯނިއާގެ ރައީސް، ޕާލަމެންޓުގެ ރައީސް، ވަޒީރުން، ޓާރޓޫ ސިޓީގެ މޭޔަރު، އެކެޑެމިކް ދާއިރާގެ މަންދޫބުން އަދި އެސްޓޯނިއާގެ އެހެނިހެން ފާހަގަކޮށްލެވޭ މުއައްސަސާތަކުގެ މަންދޫބުން ހިމެނެއެވެ. މި ބައްދަލުވުންތަކުގެ އަމާޒަކީ ސްޓްރެޓެޖީތައް އެއްގޮތްކުރުމާއި އެއްބާރުލުން ދެވިދާނެ ދާއިރާތައް ދެނެގަތުމެވެ.

މި ދަތުރުފުޅު ނިންމަވާލެއްވިކަން ހާމަކުރަށްވައި ރައީސް ޑރ. މުޢިއްޒު ''އެކްސް'' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މި ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދުގައި އައު ޒަމާނެއްގެ އެއްބާރުލުމުގެ ފެށުމެއް ކަމަށެވެ. މިކަން ކަށަވަރުވެގެންދަނީ ކުރެވުނު ގިނަ ކާމިޔާބު ބައްދަލުވުންތަކުންނާއި ޑިޖިޓަލައިޒޭޝަން، ތިމާވެށި އަދި ސިޔާސީ މަޝްވަރާގެ ދާއިރާތަކުން ސޮއިކުރެވުނު އެމް.އޯ.ޔޫވ ތަކުންކަން އެމަނިކުފާނު ވަނީ ފާހަގަކުރަށްވާފައެވެ.

އެސްޓޯނިއާގެ އީޖާދީ ޑިޖިޓަލް ބަދަލުވުމަކީ ހަރުދަނާ އަދި ހާމަކަން ބޮޑު ވެރިކަމުގެ ދުނިޔޭގެ ނަމޫނާއެއް ކަމަށް ފާހަގަކުރައްވައި، ރައީސް ވަނީ އެސްޓޯނިއާއިން އުނގެނުމުގެ ފުރުޞަތު ލިބުނު ކަމަށްޓަކައި ޝުކުރު އަދާކުރަށްވާފައެވެ.