ދިވެހި މަސްވެރި އުފެއްދުންތައް ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ބާޒާރަށް ނެރުމުގައި ހުރި ދަތިތައް ހައްލުކުރުމުގައި އެސްޓޯނިއާގެ އެހީތެރިކަން ލިބޭނެކަމުގައި އެ ޤައުމުން ބުނެފިއެވެ.
މި އެހީތެރިކަން ލިބޭނެކަން ހާމަކުރަށްވާފައި ވަނީ ރައީސް ޑރ. މުހައްމަދު މުޢިއްޒު މިހާރު އެސްޓޯނިއާ އަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއްޔެ އެސްޓޯނިއާގެ ޚާރިޖީ ވުޒާރާގެ ސެކެޓްރީ ޖެނެރަލް، ޖޮނަތަން ސެވިއޮވް އާއި ކުރެއްވި ބައްދަލުވުމުގެ ތެރެއިން ސެކެޓްރީ ޖެނެރަލް، ޖޮނަތަން ސެވިއޮވް އެވެ.
މި ބައްދަލުވުމުގައި ރައީސް މުޢިއްޒު ވަނީ، ދިވެހި މަސްވެރި އުފެއްދުންތަކަކީ ދެމެހެއްޓެނިވި ގޮތެއްގައި އުފެއްދޭ ތަކެތި ކަމަށްވީނަމަވެސް، އީޔޫ ބާޒާރަށް ދިވެހި މަސްވެރި އުފެއްދުންތައް ނެރުމުގައި ހުރި ދަތިތައް ފާހަގަކުރައްވާފައެވެ. މި ދަތިތައް ފާހަގަކުރެއްވުމުން ސެކެޓްރީ ޖެނެރަލް ވަނީ އެ މައްސަލަ ޙައްލުކުރުމުގައި އެސްޓޯނިއާގެ އެހީތެރިކަން ލިބޭނެކަމުގައި ވިދާޅުވެފައެވެ.
މި ބައްދަލުކުރެއްވުމުގައި، ދެޤައުމުގެ ޚާރިޖީ ގުޅުން އިތުރަށް ބަދަހިކުރުމާއި ދެ ޤައުމުން އެކުގައި މަސައްކަތްކުރެވިދާނޭ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.
މި ދަތުރުފުޅުގައި ރައީސް މިހާތަނަށް ވަނީ އެސްޓޯނިއާގެ ރައީސް އާއި، ޤާނޫނު ހަދާ މަޖިލީހުގެ ރައީސްއާއި ބައެއް ވަޒީރުންނާ ވެސް ބައްދަލުކުރަށްވާފައެވެ.
ރަސްމީ ދަތުރުފުޅެއްގައި ރައީސް އެސްޓޯނިއާ އަށް ވަޑައިގަތީ މިދިޔަ ހޯމަ ދުވަހުއެވެ.
ރައީސްގެ މި ދަތުރުފުޅުވެގެން ދާނީ ދިވެހިރާއްޖޭގެ ރައީސަކު އެސްޓޯނިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!