ޑިޖިޓަލައިޒް ވުމަށް އެސްޓޯނިއާއިން އަދާކުރަމުންދާ އިސްދައުރަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ބަލައިގަންނަ ކަމެއްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހާރު ގެންދަވަނީ އެސްޓޯނިއާއަށް ރަސްމީ ދަތުރުފުޅެއް ކުރަށްވަމުންނެވެ.
މި ދަތުރުފުޅުގެ ތެރެއިން ސްޓޯނިއާގެ މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް ޑިޖިޓަލް އެފެއަރޒްގެ ސެކްރެޓަރީ ޖެނެރަލް މިސްޓަރ ތޮނީސް ސާރް އާއި ރައީސް ބައްދަލުކުރަށްވާފައިވާއިރު، މި ބައްދަލުވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ޑިޖިޓަލް ގޮތުން ބާރުވެރި ޤައުމަކަށް ރާއްޖެ ހެއްދެވުމަށާއި، ޢާންމު ޚިދުމަތުގައި ޑިޖިޓަލައިޒޭޝަނަށް އިސްކަންދިނުމަށް މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ މައްޗަށް އަލިއަޅުވައިލެއްވިއެވެ.
ރައީސް ވިދާޅުވިގޮތުގައި ޑިޖިޓަލައިޒް ވުމަށް އެސްޓޯނިއާއިން އަދާކުރަމުންދާ އިސްދައުރަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ބަލައިގަންނަ ކަމެއްކަމެކެވެ. އަދި އެސްޓޯނިއާއިން ގެންގުޅޭ އީޖާދީ ވިސްނުންތައް ބިނާވެފައިވަނީ، ދެފުށް ފެންނަ، ނަތީޖާ ނެރެވޭ، އިތުބާރުހުރި މިންގަނޑުތަކެއްގެ މަތީގަައިކަމަށް ވިދާޅުވިއެވެ.
މި ބައްދަލުވުގައި ރައީސް ވަނީ، ރާއްޖޭގެ އީ-ގަވަރނަންސް އާއި އައި.ސީ.ޓީ އިންފްރާސްޓްރަކްޗަރ ހަރުދަނާކުރުމަށް އެސްޓޯނިއާގެ ތަޖުރިބާގެ ބޭނުން ހިއްޕެވުމުގެ ޝައުގުވެރިކަން ފާޅުކުރަށްވާފައެވެ.
މި ބައްދަލުވުމުގައި އެސްޓޯނިއާގެ މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް ޑިޖިޓަލް އެފެއަރޒްގެ ސެކްރެޓަރީ ޖެނެރަލް މިސްޓަރ ތޮނީސް ސާރް ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން މަޤްޞަދުތައް ޙާޞިލުކުރުމުގައި އެސްޓޯނިއާގެ ތަޖުރިބާއާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ޝައުޤުވެރިކަން ފާޅުކުރެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!