ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެސްޓޯނިއާގެ މިނިސްޓަރ އޮފް ހެލްތު، ރީނާ ސިކުޓް އާއި ބައްދަލުކުރަށްވައިފިއެވެ.
ރައީސް މިހާރު އެޤައުމަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ކުރިއަށް ގެންދެވި މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ އެސްޓޯނިއާއިން ޑިޖިޓަލައިޒޭޝަންގެ ތެރެއިން ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުންނެވެ.
އެސްޓޯނިއާގެ ހެލްތު މިނިސްޓަރ ވަނީ އެ ޤައުމުގައި ޑިޖިޓަލައިޒޭޝަންގެ ސަބަބުން ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުވެ، ޚިދުމަތް ހޯދުމަށް ފަސޭހަވެފައިވާކަމާއި، މިކަމުގެ ސަބަބުން ޞިއްޙީ ދާއިރާގެ އެކިއެކި ގޮންޖެހުންތަކަށް ހޯދެމުންދާ ހައްލުތަކުގެ މަޢުލޫމާތު ރައީސާ ހިއްސާކުރައްވާފައެވެ.
ރައީސް މުޢިއްޒު ވަނީ އެސްޓޯނިއާގެ ތަޖުރިބާއިން ޢިބްރަތް ޙާޞިލުކުރައްވައި، ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ނިޒާމު ހަރުދަނާކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. އަދި ރާއްޖޭގެ ހުރިހާ ރަށްތަކެއްގައި، އެއް ހަމައެއްގައި މަތީ ފެންވަރުގައި ޞިއްޙީ ޚިދުމަތް ދިނުމަށް ހުރި ފަރަގުތައް ޑިޖިޓަލައިޒޭޝަންގެ ތެރެއިން ނައްތާލެވޭނެ ގޮތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެސްޓޯނިއާއަށް މި ކުރައްވާ ދަތުރުފުޅުގައި ޑިޖިޓަލް ޓެކްނޮލޮޖީ، ސައިބަރ ސެކިއުރިޓީ، އީ-ގަވަރނަންސް، މޫސުމީ ބަދަލުތަކާއި ތަޢުލީމީ ދާއިރާއިން ދިވެހިރާއްޖެއާއި އެސްޓޯނިއާއާ ދެމެދު ގުޅުން ބަދަހިކުރުމާއި، ގުޅިގެން މަސައްކަތް ކުރުމަށް އިތުރު ފުރުސަތުތައް ހޯއްދެވުމަށް މަސައްކަތް ކުރައްވާނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ރައީސްގެ މި ދަތުރުފުޅުވެގެން ދާނީ ދިވެހިރާއްޖޭގެ ރައީސަކު އެސްޓޯނިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!