ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިއަދު އީ-އެސްޓޯނިއާ ބްރީފިންގ ސެންޓަރަށް ޒިޔާރަތްކުރައްވައިފިއެވެ.
އެސްޓޯނިއާގެ ވެރިރަށް ޓަލިންގައި ހުންނަ މި ސެންޓަރަށް ރައީސް ކުރެއްވި މި ޒިޔާރަތުގައި އެމަނިކުފާނަށް މަރުޙަބާ ދެންނެވީ އީ-އެސްޓޯނިއާ ބްރީފިންގ ސެންޓަރގެ ހެޑް، ޓްރިން ޔޯސާރެއާއި އިންޓަނޭޝަނަލް ސަރވިސަސް ޑިވިޜަންގެ އެކްޓިންގ ހެޑް އަދި އެސްޓޯނިއަން އިންވެސްޓްމަންޓް އޭޖެންސީ، އެންޓަރޕްރައިޒް އެސްޓޯނިއާގެ ޑިރެކްޓަރ، ޔޯނަސް ވަންޓޯއެވެ.
މި ޒިޔާރަތުގައި، ރައީސް މުޢިއްޒު އަށާއި، ދިވެހި ވަފުދަށް އެސްޓޯނިއާގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ދަތުރާ ގުޅޭގޮތުން އީ-އެސްޓޯނިއާ ބްރީފިންގ ސެންޓަރުގެ ފަރާތުން ޕްރެޒެންޓޭޝަނެއް ހުށައަޅާފައިވެއެވެ.
މީގެ އިތުރުން، އެސްޓޯނިއާގެ ޑިޖިޓަލް މުޖުތަމަޢު އަދި އީ-ގަވަރނަންސްގެ އައު އީޖާދުތަކާއި، އީ-ރެސިޑެންސީ، ޑިޖިޓަލް އައިޑީ، އީ-ޓެކްސޭޝަން، އަދި އެކްސް-ރޯޑް ސިސްޓަމްތަކުގެ ތެރެއިން ރައްކާތެރި ޑޭޓާ ބަދަލުކުރުން ފަދަ ޑިޖިޓަލް ނިޒާމުތައް އެއްކޮށްލުމުގައި އެސްޓޯނިއާއިން ހޯދާފައިވާ ކާމިޔާބީއާ ބެހޭ ޕްރެޒެންޓޭޝަނެއްވެސް ހުށަހަޅާފައިވެއެވެ.
ރައީސް ޑރ. މުޢިއްޒު އެސްޓޯނިއާ އަށް މި ކުރަށްވާ މި ދަތުރުފުޅަކީ އެ ޤައުމުގެ ރައީސް ޑރ. އަލާރް ކަރިސްގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގެ މަޤްޞަދަކީ އެސްޓޯނިއާގެ ޑިޖިޓަލް ޓެކްނޮލޮޖީގެ ތަޖުރިބާއިން ދިވެހިރާއްޖެއަށް މަންފާ ހޯދުމާއި، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމެވެ. މި ޒިޔާރަތުން ދިވެހިރާއްޖޭގެ ޑިޖިޓަލް ވަސީލަތްތައް ތަރައްޤީކުރުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!