ހިޔާވެހި ފައިނޭންސް ސްކީމަކީ ރައްޔިތުންނަށް ލިބިފައި އޮތް ރަނުގެ ފުރުޞަތެއްކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާާޅުވީ، ހުވަދޫ އަތޮޅަށް ރައީސް މުޢިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ގއ. މާމެންދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

Ad
rt

ރައީސް ވިދާޅުވީ، ގެދޮރުވެރިކަމާއި ބޯހިޔާވަހިކަން ކަށަވަރުކުރުމަށްޓަކައި ހިޔާވެހި ފައިނޭންސް ސްކީމަކީ ރައްޔިތުންނަށް ލިބިފައި އޮތް ރަނުގެ ފުރުޞަތެއް ކަމަށެވެ. އެހެންވެ ހުރިހާ ރައްޔިތުންވެސް މި ފުރުޞަތުގެ ބޭނުން ހިއްފުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

މާމެންދޫގައި ދެއްކެވި ވާހަކަފުޅުގައި ވެސް ރައީސް ވަނީ ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ ގެދޮރުގެ ދަތިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުންކަން ތަކުރާރުކޮށް ފާހަގަކުރަށްވާފައެވެ.

ރައީސް ވާހަކަފުޅުގައި ވަނީ، ދިވެހީންގެރާއްޖެ މެނިފެސްޓޯގައިވެސް ހިމަނުއްވާފައިވާ ފަދައިން، މި ޕްރޮގްރާމުގެ ދަށުން، ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރި މީހަކު ކަމުގައިވިޔަސް، އެމީހެއްގެ އަމިއްލަ ގޯތި، އުޅެވޭ ވަރުގެ ހިޔާވައްސަކަށް ހެދޭނެކަމުގެ އުންމީދު ދެއްވާފައެވެ.

ރާއްޖޭގެ ރައްޔިތުންނަށް އެންމެ ބޮޑުވެފައިވާ މައްސަލައަކީ ބޯހިޔާވަހިކަމުގެ ދަތިކަން ކަމުގައިވާތީ، މި މައްސަލައަށް ޙައްލެއް ލިބެން އޮތް ދެވަނަ ގޮތަކީ ހައުސިންގް މަޝްރޫޢުތައް ހިންގުން ކަމުގައި ރައީސް ވަނީ ފާހަގަކުރަށްވާފައެވެ. އަދި މި މަޝްރޫޢުތައް މިއަހަރުގެ ތެރޭގައި ފެށުމަށް ދަޢުލަތުގެ ބަޖެޓުގައި 1.5 ބިލިއަން ރުފިޔާ ހިމަނުއްވާފައި އޮތްކަން ފާހަގަކުރެއްވިއެވެ.

ރައީސް ޑރ. މުޢިއްޒުގެ ވާހަކަފުޅުގައި ހިނގަމުން މިދާ ރިޔާސީ ދައުރު ނިމޭއިރު، ދިވެހި ކޮންމެ ރައްޔިތަކީ ގެދޮރުގެ މައްސަލައަށް ދާއިމީ ޙައްލެއްގެ ފުރުޞަތު އޮތް މީހަކަށް ވުމަކީ ޢަމާޒުކަމުގައި ވަނީ ފާހަގަކުރަށްވާފައެވެ.