އޮފީސް ކެންޓީނުން ކައިބޮއި ހެދުމަކީ އަހަރެންގެ އާދައެއް ނޫނެވެ. އޮފީހުގައި އުޅޭތާ އެއް އަހަރު ހޭދަ ކުރެވުނު އިރު އެއް ފަހަރު ވެސް އެ ތަނަކަށް ނުވަންނަމެވެ. ބައެއް މީހުން އެކަމާ އަހަންނާ މަލާމާތްކުރެއެވެ. އަހަންނަކީ "ދަހި" މީހެއްކަމުގައި ބުނެ އަހަންނަށް މަލާމާތްކޮށް ހަދައެވެ. އެހެނަސް، މުސާރައިގެ ތިންބައިކުޅަ އެއްބައި ކެންޓީނަށް ހޭދަ ކުރުމަކީ އަހަންނަށް ވާނެ ކަމެއް ނޫނެވެ.

އާދައިގެ މަތިން މިއަދު ވެސް އަހަރެންގެ މުރާލި އަނބިމީހާ ހުރީ އަހަރެންގެ ދަބަހަށް ތަށިބަރި ލައިފައެވެ. ތަށިބަރި ނަގައި ފޫހިކަމާއެކު އޭގެ އެތެރެ ބަލައިލީމެވެ. ކިތަންމެ މީރުކޮށް ކައްކާފައި ހުރި ނަމަވެސް އަހަރެން ކަނީ ކާހިތަކުން ނޫނެވެ. އަނގަޔަށް މީރު ވިޔަސް، އަރުތެރެއިން ދިރެނީ ކަށިތަކެއް ފަދައިންނެވެ.

Ad
rt

ޑިޔުޓީ ނިމުމުން ގޮސް ވަންނަން ޖެހެނީ އަހަރެންގެ ފޫހި ދުނިޔެއަށެވެ. އެ ކުޑަ އެޕާޓްމަންޓަށް ވަދެވުމާއެކު އަހަރެންގެ ހިތަށް ފޫހިކަން ވެރިވެއެވެ.

ފެންނަނީ އަބަދުވެސް އެއް މަންޒަރު ތަކެކެވެ. ގެވެހި އަނތްބެއްގެ ތާހިރު ދިރިއުޅުމެވެ. އަހަންނަށް ފަސޭހަ ވާނެ ގޮތްގޮތަށް ގޭތެރޭގެ ކަންތައްތައް ބަލަހައްޓަމުންދާ މަންޒަރެވެ. މޮހޮރެއް ނުވަތަ އިސްކުރެއް ޖަހަން ޖެހުނަސް، އެކަން ކުރާނީ އޭނާއެވެ. ގެއަށް ގަންނަން ޖެހޭ ހުރިހާ އެއްޗެއް ގަންނަން ދާނީ އޭނާއެވެ. އަހަރެން ދޭނީ ހަމައެކަނި ލާރިއެވެ. ނުވިތާކަށް އަހަންނަށް ލިބޭ މަދު ލާރި ކޮޅުން ދެކޮޅު ނުޖެހި ދާނެތީ، ފައިސާ ހޯދުމަށްޓަކައި އޮންލައިންކޮށް އެއްޗެހި ގެނެސް، ވިއްކާ ހަދައެވެ.

އަހަންނަކީ ބަސްމަދު މީހެއްކަން އެނގޭތީ، ޒިފާ ވެސް އަހަންނާ މާ ގިނައިން ވާހަކަ ދައްކައެއް ނަހަދައެވެ. އަހަރެމެންގެ ކައިވެންޏަށް ހައެއްކަ އަހަރު ވެއްޖެއެވެ. މިއަދާ ހަމައަށް ވެސް އަހަރެންގެ އެއްވެސް ކަމަކަށް ޒިފާ ފަރުވާކުޑަ ކޮށްފައެއް ނުވެއެވެ. ފިރިމީހާއަށް ހިދުމަތް ކުރުމުގައި އެއީ ލާމަސީލު ނަމޫނާއެކެވެ. އަހަރެން އޭނާދެކެ ލޯބިވެއެވެ. ނަމަވެސް ޝައުގުވެރިއެއް ނުވެއެވެ. ގުޅިގެން އެކުގައި އުޅޭހިތެއް ނުވެއެވެ. އެކަމަކު ވަކިވާކަށް ވެސް ބޭނުމެއް ނުވެއެވެ. ވަކިވާން ހުދު އޭނާވެސް ބޭނުން ނުވާ ކަހަލައެވެ.

" ބައްޕަ އަނެއްކާ ވެސް މީހަކާ އިނދެފި." ޒިފާ ބުންޏެވެ.

އެ އަޑުގައި ރިހުމެއް އެކުލެވިފައިވާކަން އަހަންނަށް އެނގެއެވެ. ނަމަވެސް އެއްޗެއް ނުބުނަމެވެ. އޭނާ އައިސް ސޯފާގެ އެއްކޮޅުގައި އިށީނދެ އިސްޖަހާލިތަން އަހަރެން ދުށީމެވެ.

"މިފަހަރު އިނީ އަހަންނަށް ވުރެވެސް ޒުވާން ކުއްޖަކާ. މަންމަ ނިޔާވި ފަހުން ތިންވަނަ މީހާ ވަރިކޮށްފައި އެ އިނީ. އެއީ ހިސާބަށް ވުރެ ލާރި ގިނައިން ލިބޭތީ އުޅޭ ގޮތް. އަހަންނަށް ކީއް؟ އަހަންނާ ގުޅުން ބާއްވާ މީހެއް ވެސް ނޫން. އެކަމަކު ބައްޕަ ވީމަ، އެ ގޮތަށް އުޅޭތީ އަހަރެން ލަދުގަނޭ. އެއީ މަންމަ ދުނިޔޭގައި ވެސް ބައްޕަ އުޅުނު ގޮތް." ޒިފާ ވާހަކަ ދެއްކީ މަޑުމަޑުންނެވެ.

އޭނާގެ ވާހަކަތައް އަޑު އިވުނު ނަމަވެސް އަހަރެން އެއްވެސް ރައްދެއް ނުދެމެވެ. އަދި އޭނާގެ މޫނަށް ވެސް ބަލައިނުލަމެވެ.

"ކޮންމެހެން ރިލްވާންގެ ސިމްޕަތީ ހޯދާކަށް ނޫން އަހަރެން މި ވާހަކަ ދެއްކީ. އަދި ބައްޕައާ ބެހޭ ގޮތުން ޝަކުވާ ކުރާކަށް ވެސް ނޫން. އަހަރެން ބުނެލަން ބޭނުންވަނީ ރިލްވާނާމެދު އަހަރެން ވަރަށް ފަހުރުވެރިވަމޭ. " ތެދުވަމުން އޭނާ ބުންޏެވެ.

އަހަންނަށް ބަލައިލެވުނީ ދެނެވެ. ޒިފާ އަހަންނާމެދު ފަހުރުވެރި ވާންޖެހޭ އެއްވެސް ކަމެއް ނޯންނާނެޔޭ ހިތަށް އަރާފައެވެ. އަހަރެންގެ ފަރާތުން ލޯތްބާއި އަޅާލުމެއް އޭނާއަކަށް ނުދެމެވެ. އެއްވެސް ކަމެއް ހިއްސާއެއް ނުކުރަމެވެ. ހައިރާންވެފައި އިންދާ އަނެއްކާ ވެސް ޒިފާ ވާހަކަ ދައްކަން ފެށިއެވެ.

" ކައިވެންޏަށް މިހާ ދުވަސް ވީ އިރު ވެސް ދުވަހަކު ވެސް އަހަންނަށް ޝައްކު ކުރާކަށް ނުޖެހޭ. ދަރިޔަކު ނެތަސް އެހެން މީހަކާ އިންނާކަށްވެސް ނޫޅޭ. މި ޒަމާނުގައި ކިތަންމެ ލޯބިން، ކިތަންމެ އެކުގައި އުޅުނަސް ދުވަސް ކޮޅަކުން އިވޭނީ ވަރީގެ އަޑު. ނޫނީ ހަމަނުޖެހުން އުފެދިގެން އުޅޭ ވާހަކަ. އަހަރެން އަބަދުވެސް ރިލްވާންއަށް ތައުރީފް ކުރަން ބޭނުން. " އާދައިގެ ރާގަކަށް ޒިފާ އެހެން ބުނުމަށްފަހު ގޮސް ކޮޓަރިއަށް ވަނެވެ.

އެ ދިމާލަށް ބަލަން އިނދެ އަހަންނަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ.

ޖެހިގެން އައި ދުވަހެވެ. ގެއަށް ދާން ނިކުތުމާއެކު އަހަންނާއެކު މަސައްކަތްކުރާ ރާއިދު އައިސް ކޮނޑުގައި ޖަހާލައިފިއެވެ. އަހަންނަކީ އެއްވެސް މީހަކާ މާ ގަޔާވެގެން ވާހަކަ ދައްކާއުޅޭ މީހެއް ނޫނެވެ. އެހެންވެ އާދައިގެ ހިނިތުންވުމަކުން ފުއްދާލީމެވެ. ނަމަވެސް މިއަދު ރާއިދު ހުރީ އަހަރެން ހިފަހައްޓަން ބޭނުންވެފައި ކަހަލައެވެ.

" ބްރޯ. ހިނގާބަލަ ދާން ކޮފީއަކަށް. މަށޭ ދޭނީ." ރާއިދު ބުންޏެވެ.

" ކޮފީ؟ އަހަރެން ވަރަށް ކޮފީ ނުބޮން." ރާއިދާއެކު ދާން އުޒުރުވެރި ވުމުގެ ގޮތުން އަހަރެން ބުނީމެވެ.

" ބްރޯ ހީވަނީ އަބަދުވެސް ކޮންމެވެސް ކަމަކާ ވިސްނަން އިންނަހެން. ފިކުރު ބޮޑުވެ ހާސްވީމަ ކޮފީއެއް ބޯލަން ޖެހޭނީ. އޭރުން ހަމައަކަށް އެޅިދާނެ. ހިނގާ ދެން މަށާއެކު ކޮފީތައްޓެއް ބޯލަން. އެހެން ނޫނަސް މިއަދު ހާދަ ގިނަ އިރު މިތާ އުޅެވިއްޖެޔޭ." ރާއިދު ކުރެއް ނުކުރިއެވެ.

މީގެ ކުރިން އަހަރެން ގާތު އެއްވެސް މީހަކު އެވަރަކަށް އާދޭހެއް ނުކުރެއެވެ. އެހެންވެ، ހިތާ ދެކޮޅަށް އަހަރެން އޭނާއާއެކު ދިޔައީމެވެ.

އޭނާ ގޮސް ސައިކަލް މަޑުކުރީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ބީޗް ސަރަހައްދުގައި ހުރި ގެސްޓްހައުސްއެއް ކައިރިއަށެވެ. ފަރާތްފަރާތަށް ބަލަމުން އަހަރެން ރާއިދުގެ ފަހަތުން ދިޔައީމެވެ. އޭރު އިރުއޮއްސިއްޖެއެވެ.

ގެސްޓްހައުސްގެ ލޮބީގައި ހުރި ސޯފާގައި ރީތި އަންހެން ކުއްޖަކު ޝީޝާއެއް ހިފައިގެން އިނެވެ. އޭނާއަށް އަހަރެމެން ފެނުމާއެކު އަތުން ހަނާ އަޅާލިއެވެ. އެއާއެކު ރާއިދު ވެސް ގޮސް އެތާ އިށީނީ ، އިށީނުމަށް އަހަންނަށް ވެސް ދައުވަތު ދެމުންނެވެ.

އަހަރެން އިނީ ރާއިދުދެކެ ވަރަށް ބޮޑަށް ނުރުހުން ވެފައެވެ. ނަމަވެސް މޫނުމަތިން އެކަން ހާމަކުރަން ބޭނުން ނުވާތީ ހަމަޖެހޭގޮތް ދައްކަން މަސައްކަތް ކުރީމެވެ. އިރުކޮޅަކުން އަހަރެންގެ މޫނާ ދިމާ، ފަހަތުން މީހަކު ކޮފީތައްޓެއް ދިއްކޮށްލިއެވެ. ސިއްސައިގެން ދިޔަ ވަރުން ކޮންމެވެސް ވަރަކަށް ތެދުވެވެން އުޅުނެވެ.

" ރިލޭ ކަލޭ ހާދަ ވަރަކަށް ތި ސިހެނީ؟ " ހިނިގަނޑެއް ޖަހާލަމުން ރާއިދު ބުންޏެވެ.

ގަދަކަމުން ހީލުމަށްފަހު އަހަރެން ކޮފީތަށީގައި ހިފީމެވެ. ރައްދުގައި ވެއިޓަރުވެސް ހީލިއެވެ. ބީރައްޓެހިވެފައި އަހަރެން އިންނަން ފެށުމުން ރާއިދު މަސައްކަތް ކުރީ އެ އަންހެން ކުއްޖާއާ އަހަންނާ ރައްޓެހި ކުރުވާށެވެ. އެކަން އަހަންނަށް އެނގުނެވެ. އެތަނުން ނިކުމެވޭހާ އަވަހަކަށް ރާއިދުއަށް އެއްޗެހި ގޮވާނަމޭވެސް ހިތަށް އެރިއެވެ.

"ރިލޭއަށް އަދި ދުނިޔެއެއް ނޭނގެ. އޮފީހުން ގެއަށް. ގެއިން އޮފީހަށް. މިއީ މީނަގެ ރޫޓިން އިންނަ ގޮތް. އަހަރެން އަސްލު ބޭނުންވަނީ ރިލޭ ކަހަލަ ސްމާޓް، ވިސްނޭ މީހަކު ތަންކޮޅެއް ޗިލް ލައިފެއް އުޅޭތަން ބަލަން." ރާއިދު ބުންޏެވެ.

އެ ވަގުތު އަންހެން ކުއްޖާ ބާރަށް ހީގަތެވެ. އެއާއެކު އަހަންނަށް ބޭއިހްތިޔާރުގައި އޭނާއަށް ކަތި ނަޒަރަކުން ބަލައިލެވުނެވެ. ބޮލު މެދަށް ހުޅިއެއް ޖަހާފައި ހުރުމުން އޭނާގެ އިހި ކަނދުރާއާއި ދޮން، އޮމާން މޭ މަތިން ބޮޑު ބައެއް ހާމަވާން އޮތެވެ. ލައިގެން ހުރީ އަތްކަނޑާފައި ހުރި ޓީޝާޓަކާއި ކުރު ސޯޓު ބުރިއެކެވެ. އެ ހިތްގައިމު ކަމަށް ޝައުގުވެރިވެދާނެ ކަމުގެ ބިރަށްޓަައި އަހަރެން އަވަސް އަވަހަށް ނަޒަރު ބަދަލު ކޮށްލީމެވެ.

"އަހަރެން ހީކުރީ އެހާ ހޭންޑްސަމް މީހެއް ވީމަ ވަރަށް ހިންގާލާފަ އުޅޭނެކަމަށް." އިވުނީ އެ އަންހެން ކުއްޖާގެ އަޑެވެ.

އެވަރުން ވެސް އަހަރެން އެއްޗެއް ނުބުނަމެވެ. އިރުއިރުކޮޅުން ގަޑިއަށް ބަލައިލަނީ ވެސް އަހަންނަށް ލަސްވާކަން ރާއިދަށް އަންގައިދޭން ބޭނުންވާތީއެވެ.

" ރައްޓެހިންނާއެކު މިގޮތަށް ނިކުމެ އުޅެލަން ވާނެ. އަބަދު އަނބިމީހާ އުނގަށްލައިގެން އޮތީމަ ވައެއް ނޫންތަ؟ ޖައިޝާމެންނާއެކު ކުޑަ ވަގުތު ކޮޅެއް ހޭދަ ކުރިޔަސް އެއަށް ވުރެ އުފާވާނެ." އެތަނުން އެކަކު އަހަންނާ ސުވާލު ކުރިއެވެ. އެއްމިޔަކަނުން ހީލުމަށްފަހު އަހަރެން އަނެއްކާވެސް އިސްޖަހާލީމެވެ.

"އަހަރެމެން މިދަނީ މާދަމާ ޑައިވްކުރަން ދާން. ރިލޭ ދާނަންތަ؟" ރާއިދު އަހާލިއެވެ.

"ޑަ..ޑައިވް؟ " ޖެހިލުންވެފައި އަހަރެން އެހީމެވެ.

އަހަރެންގެ ޖުމްލަ ނުނިމެނީސް އަނެއްކާވެސް ޖައިޝާ ހޭން ފަށައިފިއެވެ. ޑައިވް ކުރަން ނޭނގެނީތޯއާ ދަސްކޮށްދޭންވީ ތޯ ވެސް އޭނާ އެހިއެވެ. ހަމަ އެ ހިނިގަނޑުގެ ތެރެއިންނެވެ.

އެ ވަގުތު ރާއިދުގެ ފޯނަށް ފޯނެއް އައިސްގެން އޭނާ ނިކުމެއްޖެއެވެ. އަހަރެން ތެދުވާން އުޅުމާއެކު ޖައިޝާ އަހަންނާ ވާހަކަ ދައްކަން ފެށިއެވެ.

" އަސްލު ބުނެބަލަ! ޑައިވް ކުރަން ޝައުގެއް ނެތްތަ؟ " އޭނާ އެހިއެވެ.

އޭނާ ބުނި އެއްޗެއް ރަނގަޅަށް އަހަންނަށް އަޑެއް ވެސް ނީވުނެވެ. އޭރުވެސް އަހަންނަށް ބެލެނީ ދޮރާ ދިމާލަށެވެ. ރާއިދު އާދޭތޯއެވެ.

" މިއީ އަހަރެންގެ ގެސްޓްހައުސްއެއް. ބޭނުންތަ ރޫމްތައް ބަލައިލަން؟" ޖައިޝާ އެހިއެވެ.

ޖަވާބެއް ނުދެވި އުޅެނިކޮށް އޭނާ ތެދުވެއްޖެއެވެ.

" ހިނގާބަލަ! އެކި ފެންވަރުގެ ރޫމްސް ހުންނާނެ. " ޖައިޝާ ހިނގައިގަތުމުން އެކަމަށް ދެކޮޅު ހަދާކަށް އަހަންނަކަށް ނުކެރުނެވެ.

" ރާއިދު އަންނަން ދެން މަޑުކުރަން ވީނު." އަހަންނަށް ވާހަކަ ދެއްކުނީ އާގަންނަމުންނެވެ. ޖައިޝާއާއެކު ދާކަށް އަހަރެންގެ ހިތެއް ނޭދުނެވެ.

" އޭނަ އެ އޮބާލީ. އޭނަ އަންހެނުން ގުޅައިގެން އެ ދިޔައީ. ދެން ނާދެވޭނެ. " ލިފްޓް ކައިރީ ހުއްޓެމުން ޖައިޝާ ބުންޏެވެ.

އޭނާއާއެކު އައުމަށް ދެވަނަ ފަހަރަށް އެދުމުން އަހަރެން ތެދުވީމެވެ. އޭރު ކައުންޓަރުގައި ހުރި އަންހެން ކުއްޖާ ހުރީ ޖައިޝާއަށް ބަލަހައްޓައިގެންނެވެ.

ހާސްހިތަކައިގެން އަހަރެން ތެދުވީ، އިތުރަށް ދެކޮޅު ހެދެން ނެތީމައެވެ. ލިފްޓްގައި ތިބި އިރު ޖައިޝާ އަހަންނަށް ބަލާހެން ހީވެގެން އަހަންނަށް ވެސް އޭނާއަށް ބަލައިލެވުނެވެ. އެއާއެކު އޭނާ ހީލިއެވެ. ގަދަކަމުން ކަހަލަ ގޮތަކަށް އަހަރެން ވެސް ހީލީމެވެ.

ތަނަށް ވެރިވެފައިވާ ހަމަހިމޭންކަން އަހަރެމެންނަށް މަރުހަބާ ކިޔަމުން ދިޔައެވެ. ޖައިޝާގެ ފަހަތުން ގޮސް އަހަރެން ވަނީ ދިހަ ވަނަ ފަންގިފިލާގައި ހުރި ކޮޓަރިއަކަށެވެ. އެއީ ތަނަވަސް ބޮޑު ކޮޓަރިއެކެވެ. އެކި ދިމަ ދިމާލަށް ބަލަމުން ގޮސް ދޮރުފޮތިގަނޑު ކަހާލި އިރު މަންޒަރު ވަރަށް ހިތްގައިމެވެ.

" މިއީ އެންމެ ބޮޑު ރޫމް. 2000 ރުފިޔާއަށް މި ރޫމް ދޫ ކުރަނީ. " ޖައިޝާގެ އަޑު އިވުނީ ދާދި ގަތުންނެވެ.

އަހަންނަށް ފަހަތް ބަލައިލެވުނީ ސިހިފައެވެ. އެއާއެކު އަހަރެން ލައިގަތީ ޖައިޝާގެ ގައިގައެވެ. ވަގުތުން ޖައިޝާ އަހަރެންގެ ގައިގައި ހިފައިގެންފިއެވެ.

" އޭ! ކިހިނެއް ވެގެން ތިއުޅެނީ؟ " ބާރުބާރަށް އަހަރެން ބުނީމެވެ.

ޖައިޝާ އަހަރެންގެ ގަމީހުގައި ހިފި ވަގުތު ބެގީ ވެސް ނެއްޓިއްޖެއެވެ. އޭނާ މަސައްކަތް ކުރީ އަހަންނާ ގާތް ވާންކަން އެނގުމުން އިންތިހާއަށް ރުޅިގަނޑު ފަޅައިގެން ދިޔައެވެ.

" މޮޔަވީތަ؟ " ދަތްވިކާފައި އަހަންނަށް ބުނެވުނެވެ. އަދި ހަމަ އެ ވަގުތު އޭނާގެ ދެ ކޮނޑުގައި ހިފާ ދުރަށް ވިއްސާލެވުނެވެ.

އެއާއެކު ކޮޓަރީގެ މެދުގައި ހުރި ބޮޑު ތަނބުގައި ބޯ ޖެހި ޖައިޝާ ތިރިވިއެވެ. އަހަންނަށް ހަމަ ނޭވާއެއް ލެވުނީ ދެނެވެ. ގިރުވާން ރީތި ކޮށްލަމުން ޖައިޝާއަށް ބަލައިލެވުނެވެ. އޭނާ ވެއްޓިފައި އޮތް ގޮތުން އަހަރެންގެ ހިތް ބިރުގަންނަން ފެށިއެވެ. ހަބަރު ހުސްވެފައި އޮތްހެން ހީވެގެން އަހަރެން ގޮސް ޖައިޝާ ގާތު އިށީނދެލީމެވެ. ދެ ތިން ފަހަރަކު ގޮވާލުމުން ވެސް ހަބަރެއް ނުވިއެވެ.

ތުރުތުރުއަޅާ އަތަކުން އަހަރެން އޭނާގެ ގައިގައި ހިފާ، ބަލައިލީމެވެ. އެއްވެސް ތާކުން އެއްވެސް ޒަހަމެއް ފެންނާކަށް ނެތެވެ. ނަމަވެސް ޖައިޝާގެ ދެ ލޯ އޮތީ މެރިފައެވެ. ގައިގައި އެއްވެސް ކަމެއް ނެތެވެ. އޭރު އަހަރެންގެ މުޅި ހަށިގަނޑު ތުރުތުރު އަޅައެވެ. ތަންކޮޅެއް ބާރަށް އޭނާއަށް ގޮވަން ފެށީމެވެ. އެއްވެސް ހަބަރެއް ނެތެވެ. އޭނާ ނޭވާ ލާ ހެން ހީ ނުވާތީ އަހަންނަށް ތެޅި ގަނެވުނެވެ.

އަވަސް އަވަހަށް ފޯނު ނަގައި ރާއިދުއަށް ގުޅީމެވެ. ނަމަވެސް އޭނާގެ ފޯނު އޮތީ އޮފް ކޮށްލާފައެވެ. ލަސްކުރާކަށްވެސް އަދި އެތާ ހުންނާކަށް ވެސް އަހަރެން ބޭނުމެއް ނުވިއެވެ. ޖައިޝާ ނަގައިގެން ގޮސް އެނދުމަތީ ބޭއްވުމަށްފަހު އަހަރެން ނިކުމެ ލިފްޓަށް އެރީމެވެ. އޭރު މުޅި މީހާ ދާހިއްލާ ފޯވެއްޖެއެވެ. އާދަޔާ ހިލާފަށް ބާރަށް ހިތާއެކު މޭ ވެސް ތެޅެމުންދާކަން އެނގެއެވެ.

ލިފްޓުން ފައިބަމުން އަހަންނަށް ބަލައިލެވުނީ ކައުންޓަރާ ދިމާލަށެވެ. ނަސީބަކުން މިހާރު އެތާ އިނީ އެހެން ކުއްޖެކެވެ. މަޑުވެސް ނުކޮށް އަހަރެން ނިކުމެގެން ދިޔައީމެވެ.

ގެއަށް ވަތް އިރު އަންހެނުން ފެންނާކަށް ނެތެވެ. އެއީ ވެސް ނަސީބޭ ހިތަށް އެރިއެވެ. އަހަރެންގެ ހާލަތު ފެނިއްޖެނަމަ އޭނާގެ ހިތުގައި އެތައް ސުވާލުތަކެއް އުފެދޭނެކަން ޔަގީނެވެ.

ފެންވަރަން ވަދެ މާގަނޑު ދަށުގައި އެތައް އިރެއް ވަންދެން އަހަރެން ހުރީމެވެ. ފެން ކިތަންމެ ފިނި ކަމުގައި ވިޔަސް އަހަރެންގެ އެތެރެހަށިން ދިލަނަގާހެން ހީވެއެވެ. ބިރުގެންފައި ހުރިވަރުން ހިތް އަވަސްވަމުން ދެއެވެ.

ކުއްލިއަކަށް އަހަރެން ސިހުނީ ޒިފާގެ އަޑަށެވެ. އަނގައިން ނުބުނެ ހުރެ، ތުވާލި އަނދެލައިގެން އަހަރެން ނިކުތީއެވެ. އޭރު އަހަރެންގެ އިންތިޒާރުގައި ޒިފާ ހުރީ ހިނިތުންވެފައެވެ.

" އަހަރެން ބަނޑުބޮޑު." ޒިފާ ބުންޏެވެ.

އަހަރެން ދިޔައީ ސިހިގެންނެވެ. އެއީ އުއްމީދު ކޮށްކޮށް، މިހާރު އަަހަރެން އުއްމީދު ކަނޑާލައިފައިވީ ކަމެކެވެ. އެ ފަޅުކަމުގެ ސަބަބުން އަހަރެން މި ހުންނަނީ މި ދިރިއުޅުމާއި އަނބިމީހާގެ މަތިން ވެސް ފޫހިވެފައެވެ. ނަމަވެސް އެ އުފާވެރި ހަބަރު އޭނާ އަހަންނަށް އެ ދިނީ ކޮންފަދަ ބިރުވެރި ވަގުތެއްގައި ހެއްޔެވެ؟

އަހަރެންގެ މޫނުމަތިން އުފާވެރިކަން ނުފެނުމުން އޭނާގެ މޫނުމަތީގައި ހުރި އުފާވެރިކަންވެސް ފިލައިގެން ގޮއްސިއެވެ.

" ރިލްވާން އުފަލެއް ނުވޭތަ؟" ޒިފާ އެހިއެވެ.

އަހަންނަކަށް ޖަވާބެއް ނުދެވުނެވެ. ހުއްޓުން އަރާފައި ހުރެވުނީއެވެ. އޭނާ އަހަންނާ ދިމާލަށް ބަލަން ހުރެހުރެފައި އައިސް އަހަންނާ ދާދި ގާތުގައި ހުއްޓުނެވެ.

" އަހަރެމެން ދެ މީހުންގެ މެދުގައި މި އޮންނަ ދުރުކަމާ، ހިމޭންކަން ދެން ފިލައިގެން ހިނގައިދާނެ. " ޒިފާ ބުންޏެވެ.

އޭރު އޭނާގެ ދެ ލޮލުން އުފާވެރިކަމުގެ ކަރުނަ ވިދަން ފަށައިފިއެވެ. ބޭއިހްތިޔާރުގައި އަހަންނަށް އޭނާގެ ގައިގައި ހިފައި ގާތް ކޮށްލެވުނެވެ. އުފާވާން ބޭނުން ވިޔަސް އުފާވާކަށް އަހަންނަކަށް ނޭނގުނެވެ. އަހަރެންގެ ހިތުގައި އަދިވެސް އޮތީ ބިރުވެރިކަމެވެ.

ޒިފާ ނިދި އިރުވެސް އަހަންނަކަށް ނުނިދުނެވެ. ސިޓިންރޫމްގައި ހުރި ސޯފާގައި އަހަރެން އިނީ މިރޭ ވީ ކަންތަކާމެދު ފިކުރު ބޮޑުވެފައެވެ. އަހަންނާމެދު ކަންތައްތައް ވާނެ ގޮތަކާމެދު ވިސްނާށެވެ.

ކުއްލިއަކަށް ފޯނު ރިންގުވާން ފެށުމުން އަހަންނަށް ތެޅި ގަނެވުނެވެ. އޭރު ގަޑިން އެކެއް ވެސް ޖަހައިފިއެވެ. ގުޅަނީ ރާއިދެވެ. އޭނަގެ ނަން ފެނުމާއެކު އަހަރެން ރުޅި ގަދަވެއްޖެއެވެ. ފޯނު ނެގީ ލައްކަ އެއްޗެހި ކިޔާނަމޭ ހިތައެވެ. ނަމަވެސް އަހަރެން އެއްޗެއް ބުނުމުގެ ކުރިން އޭނާ ބުނި ޖުމްލައިން އަހަރެން މާ ބިރުގަތެވެ.

" އެނގޭތަ ޖައިޝާ މަރާލައިފައި އޮތްކަން؟" ރާއިދު ސުވާލު ކުރީ ވަރަށް ބާރަށެވެ.

އޭނާގެ އަޑު އިވިފައި އަހަރެންގެ ދެ ތުންފަތް ތުރުތުރު އަޅަން ފެށިއެވެ. އަޑު ނައިސްގެން ދެ އަތުން ވެސް އަހަންނަށް ހަރަކާތްތަކެއް ކުރެވުނެވެ.

" މަ ވެސް މިހުރީ އެތަނަށް ދާން ނުކެރިފައި. އެފް ބީ ބަލާބަލަ! ހުރިހާ ނޫހެއްގައި އެ ހަބަރު އެބަ އުޅޭ!" ރާއިދު ވާހަކަ ދެއްކީ އަވަސް އަވަހަށެވެ.

" ރާ..ރާއިދު! މަށާ ބައްދަލް ކޮށްބަލަ.މިގެ ކައިރިއަށް އާދޭ!" އަހަންނަށް ބުނެވުނެވެ.

އަހަރެން އިނީ ރާއިދު އަންނަން ދެން ގޭ ދޮރުމަތީގައެވެ. މާ ގިނައިރުތަކެއް ނުވެ ރާއިދު އަތުވެއްޖެއެވެ.

ރާއިދު އައިސް މަޑުކުރުމާއެކު ކަންތައް ވީ ހުރިހާ ގޮތެއް އޭނާއަށް ކިޔައިދިނީމެވެ.

" ކަލޭ ހޯދާނެ ފުލުހުން. " ރާއިދު ބުންޏެވެ.

" ކަލޭ ކީއްކުރަން މަ އެތަނަށް ލައިފަ ފިލީ؟ ގުޅަން ފެށީމަ ފޯނު ނިއްވާލީ ކީއްވެ؟" އަހަރެން ރުޅި އައީ ރާއިދު ދެކެއެވެ.

" މަގޭ އަންހެނުން ގުޅާތީވެ ދިޔައީ. ގެއަށް ދިޔުތަނާ ފޯނު އަތުލައިފި. ފޯނު ޗެކު ކުރަން އުޅޭތީ މަ ނިއްވާލީ. އޭނަ ޒުވާބު ކުރަން ފެށީމަ ރުޅި އައިސްގެން ގެއަށް އައީ. ސޮރީ ބްރޯ! ހަމަ ތެދެއް މި ބުނީ." ރާއިދު ހުރީ ވަރަށް ދެރަވެފައެވެ.

އަހަންނަށް ހަދާނެ ގޮތް ހުސްވިއެވެ. އެ ގެސްޓުހައުސްގައި ސީސީ ކެމެރާތައް ހުންނާނެ ވާހަކަ ރާއިދު ބުނުމާއެކު އިތުރަށް ހާސްވެއްޖެއެވެ.

" އަހަރެން އޭނަ މަރައެއް ނުލަމޭ! ސަލާމަތްވާން ވެގެން ކޮއްޕާލީ! އެހާ ބާރަކަށް ވެސް ނޫން ބޯ ޖެހުނީ. " އަހަރެން ބުނީމެވެ.

ރާއިދުގެ މޫނުމަތިން އޭނާ ވެސް ބިރުގެންފައި ހުރިވަރު ހާމަވެއެވެ. އިތުރަށް ވާހަކަ ދެއްކުމުން އަހަރެން ހާސްވާނީކަން އަހަންނަށް އެނގެއެވެ. އެހެންވެ، އަވަހަށް ރާއިދު ވެސް ފޮނުވައިލީމެވެ.

އިރުކޮޅަކު ބޭރުގައި ހުރެލުމަށްފަހު އެތެރެއަށް ވަނީމެވެ. އެއާއެކު އަހަރެން ސިހުނީ ސިޓިންރޫމްގައި ހުރި ޒިފާ ފެނުމުންނެވެ. ދެ އަތް އުރާލައިގެން އޭނާ ހުރީ ސީދާ އަހަރެންގެ އިންތިޒާރުގައި ކަހަލައެވެ. އޭނާގެ ދެ ލޮލުން ފައިބަމުންދާ ކަރުނަތައް ފެނި، އަހަރެން ހާސް ވިއެވެ. އޭނާ އެއްޗެކޭ ބުނުމުން ނޫނީ އަހަރެން އަނގައިން ވެސް ނުބުނާނަމޭ ހިތަށް އެރިއެވެ.

" ރިލްވާން؟ ކީއްވެ؟" އޭނާއަށް ބުނެވުނީ އެ ހިސާބަށެވެ.

އަހަރެންގެ އެޕާޓްމަންޓްގެ ބެލް ރިންގް ވެއްޖެއެވެ. އެއް ފަހަރު ދޮރާ ދިމާލަށް، އަނެއް ފަހަރު ޒިފާގެ މޫނަށް އަހަންނަށް ބަލައިލެވުނެވެ. ހަށިގަނޑު ގުޑުވައިލަން ވެސް ނުކެރިފައި ހުއްޓާ، ޒިފާ ގޮސް ދޮރު ހުޅުވިއެވެ. އެއާއެކު ފުލުހުންގެ ޓީމެއް އެތެރެއަށް ވަދެ، ކޯޓު އަމުރެއްގެ ދަށުން ގެއަށް ވަދެ އަހަރެން ހައްޔަރު ކުރަނީ ކަމުގައި ބުންޏެވެ.

ދެކޮޅެއް ނަހަދަމެވެ. ދެ އަތުގައި ބިޑި އަޅުވައިގެން ގެންދިޔަ އިރު ވެސް އަހަރެންގެ ނަޒަރު ހުއްޓިފައި ހުރީ ރޮވިފައި ހުރި ޒިފާއަށެވެ. އަހަރެން ދެކެ އިންތިހާއަށް ލޯބިވާ އަނބިމީހާއަށެވެ.

މަގުމައްޗަށް ނިކުތުމާއެކު އަހަންނަށް ފެނުނީ ޒިފާގެ ބައްޕަ ރައޫފެވެ. އޭރު އޭނާގެ މޫނުމަތީގައިވަނީ އިންތިހާ ދަރަޖައިގެ ރުޅިވެރިކަމެވެ. އޭނާ އަހަރެން ގައިގައި ހިފައިގަންނަން އަންނަން އުޅުނެވެ. ނަމަވެސް ފުލުހުން އަހަންނަށް ހިމާޔަތް ދީ އަވަހަށް ޖިޕަށް އަރުވައިފިއެވެ.

" މަގޭ އަނބިމީހާ ރޭޕްކޮށްފައި އޭނަ މަރާލީ ތި ހައިވާނު! ކަލެއަށް ޖަލަށް ވެސް ދެވޭނީ މަގޭ އަންހެން ދަރި ވަރިކޮށްފައި. އޭނަ ވަރިކުރޭ! " އޭނާ ބާރުބާރަށް ގޮވަމުން ދިޔައެވެ.

ޖައިޝާއަކީ، ޒިފާގެ ބައްޕަ އެންމެ ފަހުން އިން އަންހެންކުއްޖާކަން އަހަންނަށް އެނގުނީ ވެސް އެ ހިސާބުންނެވެ. އަދި ޖައިޝާގެ މަރުގެ ހަބަރު، ޒިފާއަށް ދޭނީ ޒިފާގެ ބައްޕަކަން ވެސް އެ ވަގުތު ޔަގީން ކުރެވުނެވެ. މިހާރު ޒިފާ އަހަންނާމެދު ދެކޭނީ ކިހިނެއް ހެއްޔެވެ؟ އަހަންނަކީ ހާދަ ނުބައި ނުލަފާ މީހެކޭ އޭނާ ވެސް ހީ ކުރާނެއެވެ. ވަހުމްތަކުން ހިތް ފުރެމުން ދާ ވަރަކަށް އަހަންނަށް ރޮވެން ފެށުނެވެ. އިންތިހާއަށް ބިރުވެސް ގަންނަން ފެށިއެވެ.

ޖަލުގައި ހޭދަކުރާތާ މިއީ ހަ ވަނަ މަހެވެ. އެންމެ ފަހަރަކު ވެސް އަހަރެންގެ އަނބިމީހާ އަހަންނާ ބައްދަލް ކުރާކަށް ނާދެއެވެ. އަހަރެންގެ ހާލު ބަަލައިލާކަށް ނާދެއެވެ. ޝަކުވާ ކުރާކަށް ނުވަތަ ރުޅި އައިސް އެއްޗެހި ކިޔާކަށް ވެސް ނާދެއެވެ. ކަންތައްވީ ގޮތް އަހަރެންގެ ދުލުން އަޑުއަހާލާކަށް ވެސް ނާދެއެވެ. އަހަރެންގެ ހިތާމައަކީ މިހާރު އެއީއެވެ.

ދެ މީހުންގެ ދުރުކަމާއި ދިރިއުޅުމުގެ ފަޅުކަމަށް ދިރުން ގެނެސްދިން ހަބަރު ލިބުނު ރޭ އަހަރެން އަންނަން މި ޖެހުނީ ޖަލުގެ ތޭރިތަކު ތެރެއަށެވެ. ނަަމަވެސް ސިކުނޑި ގުޅިފައިވަނީ ހަމައެކަނި ޒިފާއަށެވެ. މާބަނޑު ވުމުން އުފުލަން ޖެހޭ ބުރައާއި އެކަނިވެރި ކަމުގައި ދުވަސްތައް ހޭދަކުރާނެ ގޮތް ހިތަށް އަރާ އަހަންނަށް ރޮވެއެވެ. ޒިފާގެ ހާލު ނޭނގޭތީ ހިތް ބިރުގަނެއެވެ.

ޖައިޝާގެ ޕޯސްޓްމޯޓަމް ރިފޯޓް ލިބި، އަހަރެން ކޯޓަށް ހާޟިރު ކުރި ދުވަހެވެ. އޭނާ މަރުވެފައިވަނީ ގުދުރަތީ މަރަކުންކަން ރިޕޯޓުގައި އޮތުމުން އަހަރެން ސަލާމަތްވިއެވެ. އެތަނުން ޒިފާގެ ބައްޕައެއް ވެސް އަހަރެން ނުދެކެމެވެ. އަހަރެން ސަލާމަތްވާނެކަން އެނގޭތީ ނައީ ކަމަށް ވެދާނެއެވެ. އެކަމާ ފަރުވާލެއް ނުބަހައްޓަމެވެ.

މަރަކީ އެ ކަހަލަ އެއްޗެކޭ އެ ދުވަހު އަހަރެންގެ ހިތަށް އެރިއެވެ. އޭނާ މަރުވީ އަހަރެންގެ ފަރާތުން ގެއްލުމެއް ލިބިގެން ނޫންކަން އެނގުމުން ހިތްހަމަ ޖެހުނެވެ. ނަމަވެސް އަނބިމީހާއާ ކުރިމަތިލާނެ ހިތްވަރު ވަރަށް ކުޑައެވެ.

ކޯޓުން ނިކުމެވުމާއެކު އަހަރެން ހީކުރީ އަހަންނަށް ފުރިހަމަ މިނިވަންކަން ލިބުނީ ކަމަށެވެ. ނަމަވެސް އަނެއްކާ ވެސް އަހަންނަށް ޖެހުނީ ފުލުހުންގެ ޖިޕަށް އަރާށެވެ. ހިތުގައި ސުވާލު އުފެދުނު ނަމަވެސް، އަހަރެން ވާހަކައެއް ނުދައްކަމެވެ. އިރުގަނޑަކު ދުއްވުމަށްފަހު ޖިޕް މަޑުކޮށްފިއެވެ. އެ މީހުންގެ އެދުމުގެ މަތިން އަހަރެން ފޭބީމެވެ. އަހަންނަށް ހުރެވުނީ އާސަހަރާ ދޮރުމަތީގައެވެ. ހައިރާންކަމާއި ބިރުވެރިކަމާއެކު ސިހިފައި އަހަންނަށް ބަލައިލެވުނީ ކައިރީގައި ހުރި ފުލުސް މީހާއަށެވެ. ކުރިއަށް ހިނގައިގަންނަން އޭނާ އިޝާރާތް ކުރުމުން ހާސް ހިތަކައިގެން އަހަރެން ހިނގައިގަތީމެވެ.

މޫނު ދެއްކުމަށް ހާއްސަ ކޮށްފައި ހުރި ތަނަށް ވަނުމާއެކު އަހަރެންގެ މޫނަށް އަނދިރި ވެގެން ދިޔަ ކަހަަލައެވެ. އަށިމަތީގައި އެ އޮތީ ހަމަހުގެ ބޮޑު ބަނޑާއެކު އަހަރެންގެ އަނބިމީހާއެވެ. އޭނާ އޮތީ ހިނަވައި ކަފުންކޮށްފައެވެ. ފަސްގަނޑުގެ ދަށަށް ދާން ތައްޔާރު ވެފައެވެ. އަހަންނަށް ދުއްވައިގަނެވުނެވެ. އޭނާގެ މޫނުގައި ބޮސްދޭން ފެށުނެވެ. ބަނޑުގައި އޮޅުލައިގަނެވުނެވެ. އެއާއެކު ދެ ތިން މީހަކު އަހަރެން ހިފަހައްޓައިފިއެވެ. ލޯ ފުސްވެ، ބޮލަށް އެނބުރުން އަރައިގެން އަހަރެންގެ ހޭވެރިކަން އެހިސާބުން ގެއްލިއްޖެއެވެ.

ލޯ ހުޅުވާލެވުނު އިރު އަހަރެން އޮތީ އެޑްމިޓް ކުރެވިފައެވެ. ކައިރީގައި އިނީ ރާއިދާއި އޭނާގެ އަންހެނުންނެވެ. އެއްޗެއް ނުބުނެ އަނެއްކާވެސް އަހަންނަށް ރޮވުނީއެވެ. އެ ވަގުތު ޒިފާއާމެދު ކަންތައްތައް ކުރެވުނު ރަހުމްކުޑަ ގޮތް ހިތަށް ސިފަވާން ފެށިއެވެ. އެ ކިޔަމަންތެރި އަނބިމީހާ، އަހަންނަށް ކުރާ އިހްތިރާމް ވަޒަން ކުރެވެން ފެށިއެވެ. އެއީ ޝަކުވާ ކުރާ އަނތްބެއް ނޫނެވެ. ޒިފާއަކީ ހިތްވަރުގަދަ އަދި ހިތްތިރިކަމުގެ މިސާލެކެވެ. އެ ހުރިހާ ކަމެއް ހިތަށް އިހްސާސް ކުރެވެން ފެށުމާއެކު އިތުރަށް ދެރަވެއްޖެއެވެ.

އަހަރެން ޖަލަށް ދިޔުމުން ޒިފާއާމެދު ކަންތައްތައް ވީ ގޮތް އެނގޭތޯ ރާއިދު ގާތު އަހަރެން އެހީމެވެ.

ރާއިދުގެ ވާހަކަތަކުން އަހަރެންގެ ލޭ ކެކެމުން ދިޔައެވެ. ރުޅިވެރިކަން އިންތިހާއަށް ދިޔައެވެ. ދެ ލޯ ބޮޑުވެ ދަތްތަކަށް ބާރުވާން ފެށިއެވެ. ގައިމަތީގައި އަޅާފައި އޮތް ހުދުކުލައިގެ ބެޑްޝީޓް ހޫރާލުމަށްފަހު އަހަރެން ތެދުވީމެވެ. ނަމަވެސް ރާއިދު އަހަރެން ހިފެހެއްޓިއެވެ. އަދި އަހަންނަށް ވިސްނައިދޭން ފެށިއެވެ. އަހަރެން ހިތްހަމަ ޖައްސަން އޭނާ މަސައްކަތް ކުރަމުން ދިޔައެވެ.

ހޮސްޕިޓަލުން ދޫކޮށްލުމުން އަހަރެން ދިޔައީ ވެސް ރާއިދުގެ ގެއަށެވެ. ދާނެ އިތުރު ތަނެއް ނެތީމައެވެ. އެ ރޭ އަހަރެން އިންތިޒާރު ކުރަމުން ދިޔައީ ރާއިދުގެ ދެމަފިރިން ނިދާނެ ވަގުތަކަށެވެ.

ދަންވަރުގެ ހަމަހިމޭން ވަގުތެވެ. ފަޔަށް ލެވުނު ބާރެއް ލައިފައި ޒިފާގެ ބައްޕަގެ ގެއަށް އަހަރެން ދިޔައީމެވެ. އަހަރެން ހުރީ ރައޫފް ފެންނާނެ ވަގުތަކަށް ކެތްމަދުވެފައެވެ. އޭނާ ދިރިއުޅޭ އެޕާރޓްމަންޓްގައި ބެލް ޖަހަން ފެށީމެވެ. ހުއްޓުމެއް ނެތިއެވެ. އޭރު އަހަރެންގެ ލޭ ކެކި އުތުރެމުން ދެއެވެ. ރުޅިވެރިކަން އިތުރުވާ ވަރަކަށް އަހަރެންގެ ގަޔަށް ބާރު އަންނަމުން ދާ ކަހަލައެވެ.

ކުއްލިއަކަށް ވަރަށް ބާރަށް ދޮރުގެ ތަޅުގައި ހިފައި ދޮރު ހުޅުވިއްޖެއެވެ. ކުރިމަތީގައި ހުރި ރައޫފް ފެނުމާއެކު އަތުގައި އޮތް ވަޅި އޭނާގެ ކަރަށް ޖެހީ، އޭނާ ނުވެސް ވިސްނާ ހުއްޓައެވެ. އެވަރުން ވެސް އަހަރެން އޭނާ ދުލެއް ނުކުރަމެވެ. އަހަންނަށް ވުރެ އޭނާ ކުރުވެފައި ހަށިގަނޑު ވެސް ނިކަމެއްޗެވެ. އަހަރެންގެ ކައިރިން ސަލާމަތް ވެދާނެ ކަމަށް ހީ ނުކުރާށޭ ހިތާހިތާ ކިޔެމުން ދިޔައެވެ.

ރައޫފްގެ ހަށިގަނޑުގެ އެތައް ތަނަކަށް ވަޅިން ހަމަލާ ދިނުމަށްފަހު އަހަރެން އެގެއިން ނިކުތީ އޭނާ މަރުވީކަން ޔަގީން ކޮށްފައެވެ. އޭރު އަހަރެންގެ މުޅި މޫނާއި ޓީޝާޓް ވެސް އޮތީ ލެއިން ފޯވެފައެވެ. ނަމަވެސް އަހަރެންގެ ހިތުގައި މިހާރު އެއްވެސް ބިރުވެރިކަމެއް ނެތެވެ. ދުނިޔެއަކީ ފޫހި ތަނަކަށް ވެއްޖެއެވެ.

ޖީބުގައި އޮތް ފޯނު ނަގައި ކަންފަތުގައި ޖައްސާލުމަށްފަހު އަހަރެން ދެ ލޯ މަރާލީމެވެ. ކުޑަ އިރުކޮޅެއްގެ ތެރޭގައި ފުލުހުންގެ އެތައް ވެހިކަލެއް އައިސް އެ މަގު ފުރާލައިފިއެވެ. އަހަރެން އެތާ ހުރީ އެ މީހުންގެ އިންތިޒާރުގައެވެ.

ޖިޕަށް އެރުމާއެކު އަހަރެންގެ ކަންފަތުގައި ގުގުމަން ފެށީ ރާއިދު ދެއްކި ވާހަކަތަކެވެ. އެ ވާހަކަތަކުން އަހަރެންގެ ހިތުގެ އެންމެ ފުނަށް އަދިވެސް އަސަރުކުރެއެވެ.

" ޒިފާއާ އޭނަގެ ބައްޕަ އުޅެނީ އަހަރެންގެ ރައްޓެއްސަކު އުޅޭ އިމާރާތެއްގަ. އެހެންވެ އަހަންނަށް އެނގުނީ އެ މީހުން އުޅޭ ތަން. ދެ ދުވަހަކު އަހަންނަށް ޒިފާ ފެނުނު. އެކަމަކު އޭނަ ބައްޕަ ހުންނާތީ ވާހަކަ ދައްކާކަށް ނުކެރޭ. އެ ވާހަކަ ވައިފް ގާތު ބުނީމަ އޭނަ ބުނީ އަހަރެމެންގެ ފްރެންޑްޝިޕަށްޓަކައި ވެސް ޒިފާގެ ހާލު ބަލަން ވާނޭ. ޒިފާގެ ބައްޕަގެ ގެއަށް އަހަރެން ދިޔައީ ހަމައެކަނި ރިލްވާންއާ އަހަންނާ ދެމެދު އޮތް ރަހްމަތްތެރިކަމަށްޓަކައި. ރިލްވާންގެ ކޭސްގެ ފަހުގެ އަޑުއެހުން އޮތް ދުވަހު އަހަރެން އެގެއަށް ދިޔައިން. ބެލް ޖަހާލުމާއެކު ދޮރުހުޅުވީ އޭނަގެ ބައްޕަ. އަހަރެން ފެނުނީމަ ބުނެފި އެހެރީ އޭ ޒިފާގެ ކޮޓަރި. އޭނަ އިންނާނީ ހަމަ ތައްޔާރަށޭ. އެކަމަކު އެތަނަށް ވަދެވޭނީ -/2000 ރުފިޔާ ދީފައޭ. " އަހަރެން ސިހުނީ ކުއްލިއަކަށް ޖިޕް މަޑުކޮށްލުމުންނެވެ.

އެ މީހުން އަހަރެން ފާހާނާއަކަށް ވެއްދުމަށްފަހު ފެންވަރައިގެން ނިކުންނަން އެދުނެވެ. އަނެއްކާ ވެސް ހިތަށް ހަމަހިމޭންކަން ވެރިވެއްޖެއެވެ. މަތީގައި ހުރި މާގަނޑުން ފައިބަމުންދާ ސާފު ފެންތިކިތައް އަހަރެންގެ ގައިން ކޫއްތެމުން ގޮސް ، ފެން ހިންދާތަނުން ފުރޭނިގެން އެ ދަނީ ރަތް ލެއިންނެވެ. އެ މަންޒަރު ވެސް އަހަންނަށް މިހާރު މާ ހިތްގައިމޭ ހިތަށް އެރިއެވެ.

" އަހަރެން ވަގުތުން އޭނައަށް ފައިސާ ދެއްކިން. އަދި އަވަސް އަވަހަށް ގޮސް އެ ބުނާ ކޮޓަރިއަކަށް ވަނިން. އޭރު ޒިފާގެ ބަނޑު ވަރަށް ބޮޑު. އޭނަ އޭރުވެސް އިނީ ރޮއިލަ ރޮއިލަ. ވަރަށް ނިކަމެތި ހާލެއްގައި އިނީ. އަހަރެން ވަނުމާއެކު ބޮލުގައި އޮތް ބުރުގާ ނަގަން އުޅުނު. އަހަރެން ވަގުތުން މަނާ ކުރިން. އަދި އަހަންނަކީ ރިލްވާންގެ ރައްޓެއްސެކޭ ބުނިން. ޒިފާ ކިޔައިދިން ގޮތުގައި އޭނަގެ ބައްޕަ އޭނަ ގެނައީ ވިޔަފާރި ކުރަން. ހަށި ވިއްކަން. އެ ހާލުގައި އިންދާ ވެސް... ޒިފާގެ ފަރާތުން އެއްވެސް ކުށެއް، މީހަކު ދެއްކިޔަސް އޭނައަށް ވަރަށް އަނިޔާ ކުރާކަމަށް ވަނީ. އެހެންވެ، އެ ފަކީރު އިނީ މަޖުބޫރުވެފައި. ވިހޭމަ ދަރިފުޅު ވެސް ޖެންޑާ އާ ހަވާލު ކުރަން ނިންމާފަޔޯ އޮތީ. އަހަރެން އެތަނުން ނިކުތީ ޒިފާ ސަލާމަތް ކޮށްދޭނަމޭ ބުނެފަ. އެކަމަކު އޭނަ އެކަމަށް އެއްބަހެއް ނުވި. އޭނަ ބުނީ ދެން މާ ގިނަ އިރަކު އޭނަ ދުނިޔެއަކު ނުހުންނާނެޔޭ. އަހަރެން ހީކުރީ އެއީ ފިކުރު ކުރާތީ ދެއްކޭ ވާހަކަ ކަމަށް. "

އަހަރެން ސިހުނީ ކުއްލިއަކަށް ފާހާނާގެ ދޮރުގައި ވަރަށް ބާރަށް ފުލުސް މީހާ ޖެހުމުންނެވެ. އަވަހަށް ނިކުންނަން ބުނެ، އޭނާ ހަޅޭއްލަވަން ފެށިއެވެ. އަހަންނަށް ފުން ނޭވާއެއް ދޫކޮށްލެވުނު ނަމަވެސް ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ.

" ގެއަށް ގޮސް ވައިފް ގާތު ހުރިހާ ވާހަކައެއް ދެއްކިން. އަހަރެމެން ދެ މީހުން ވެގެން ފުލުހުންނަށް ގުޅަން ނިންމީ. އެހެންވެ، އަހަރެމެން ދިޔައީ ޒިފާ ދިރިއުޅޭ އިމާރާތުގައި އުޅޭ އަހަރެންގެ އެކުވެރިޔާގެ ގެއަށް. އެތަނުގައި ތިބެގެން ގުޅަން ވެގެން އަހަރެމެން ދިޔައީ. އެކަމަކު އަހަރެމެން ސައިކަލް އެތަނަށް މަޑުކޮށްލި ވަގުތު، އެ ގެއިން ނެރުނީ ޒިފާގެ ހަށިގަނޑު. އެމްބިޔުލާންސަށް ލައިގެން ގެންދިޔައީ. އޭނަ ބައްޕަ އެތާ ރޮއިރޮއިފައި އުޅުނުތަން ދުށިން. ވީ ކީއްކަމެއް ނޭނގެ. އަހަންނަށް ހީވަނީ މަރުވާން ބޭނުން ވެގެން އަމިއްލައަށް ޒިފާ ކޮންމެވެސް ކަމެއް ކުރީހެން. "

ރާއިދުގެ އެންމެ ފަހުގެ ޖުމްލައާއެކު އަހަންނަށް އަނެއްކާ ވެސް މަރުހަބާ ކީ ޖަލުގެ ތޭރިތަކެވެ. އެރޭ އަހަންނަށް ޖައިޝާއާއެކު އެ ކޮޓަރިއަށް ނުދެވުނު ނަމަ މި ހުރިހާ ކަމަކާ ކުރިމަތިލާކަށް ނުޖެހުނީހެވެ. ބައެއް ފަހަރު އަމިއްލަ ނަފްސު ކުއްވެރި ކުރެވޭ ގޮތް ވެއެވެ. އަހަންނަށް ކުރެވުނު އެންމެ ކުށަކުން ހުރިހާ އަނިޔާއެއް މި ލިބުނީ މައުސޫމް އަނބިމީހާއާއި ކުށެއް ނެތް ފުރާނައަކަށެވެ. ފާރުގައި ލެނގިލައިގެން އިނދެ އަހަރެން ދެ އަތުން މޫނުގައި އަތް އެޅީމެވެ. އަނިޔާވެރި ދުނިޔޭގައި އުދުހުމަށްވުރެ މި ކުޑަކުޑަ ގޮޅި ވެސް އަހަންނަށް މާ ކަމުދެއެވެ.

-ނިމުނީ-

ނޯޓު: ސަލާގެ ސިލްސިލާ ވާހަކަ ''ލޯބިވިޔަސް''ގެ 37 ވަނަ ބައި މިއަދު ގެނެސްދެވޭގޮތް ނުވިކަމަށްޓަކައި ކިޔުންތެރިންގެ ކިބައިން މައާފަށް އެދެމެވެ.

(ނިމުނީ)