އިރުވައި މޫސުމުގެ ދުންފުހުގެ ސަބަބުން ރާއްޖޭގެ އުތުރުގެ އަތޮޅުގައި ވައި ނުސާފުވެ ދުރުފެންނަ މިންވަރު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމުގައި މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
އެ އިދާރާއިން ބުނީ ދުންފުހުގެ ސަބަބުން ވައި ނުސާފުވެ އުތުރުގެ އަތޮޅުތަކަށް ހަމަލޮލަށް ސާފުކޮށް ފެންނަ ދުރުމިން ގާތްގަނޑަކަށް 3 ކިލޯމީޓަރަށް ދަށްވެފައިވާ ކަމަށެވެ.
ކުރިއަށް އޮތްތަނުގައި ދުންފުހުގެ އަސަރު މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވެސް ފެތުރިގެންދާނެ ކަމަށް ލަފާކުރެވޭ ކަމުގައި އެ އިދާރާއިން ބުންޏެވެ.
މި މައުލޫމާތާއިއެކު އެ އިދާރާއިން ދުންފުހުގެ އަސަރު ކޮށްފައިވާ މިންވަރު ދައްކުވައިދޭ ފޮޓޯއެއް ވެސް ވަނީ އާންމުކޮށްފައެވެ. އެ ފޮޓޯގައި ފެންނަނީ ފާއިތުވި އަހަރުގެ ނޮވެމްބަރު މަހު ކުޅުދުއްފުށީގައި ހުރެ ކޭލަކުނު ފެންނަ ގޮތަށް ނަގާފައިވާ ފޮޓޯއަކާއި މި ދުވަސްކޮޅު ނަގާފައިވާ ފޮޓޯއެކެވެ. ކޭލަކުނަކީ ކުޅުދުއްފުއްޓާއި ގާތްގަނޑަކަށް 7 ކިލޯމީޓަރު ދުރުގައި އޮންނަ ރަށެކެވެ. ޖައްވު ސާފުނަމަ ކުޅުދުއްފުއްޓަށް ސާފުކޮށް އެ ރަށް ފެންނާނެވެ.
މީގެ ދެ ދުވަސްކުރިން މާލެ ސަރަހައްދުގެ ޖައްވު ވެސް ވަރަށް ބޮޑަށް ވަނީ ނުސާފުވެފައެވެ. ވިލިމާލޭގައި ހުންނަ ގައުމީ ޔުނިވާސިޓީގެ ސެންޓަ ފޯ މެރިޓައިމް ސްޓަޑީސްގެ ކެމްޕަސް އިމާރާތުގައި ބަހައްޓާފައިވާ އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމުން ދައްކާ ގޮތުން، އެ ދުވަހު މާލެ ސަރަހައްދުގެ ވައިގެ ކޮލިޓީ ހުރީ 107 ގަ އެވެ.
އެއީ ސިއްހަތަށް ނުރައްކާވާ މިންވަރެކެވެ. އެ މިންވަރުގައި ހުންނަ ނަމަ ހައި ރިސްކް މީހުން ހާއްސަ ސަމާލުކަމެއް ދޭން ޖެހޭނެ އެވެ. އެހެންވެ، ބޭރަށް ދާއިރު މާސްކު އަޅަން އިރުޝާދު ދީފައިވެއެވެ.
މިހާރު އާންމުކޮށް ކޮންމެ އަހަރަކު ވެސް، އިރުވައި މޫސުމުގައި ރާއްޖެ އަށް، ޖައްވު ތަގައްޔަރުވުމުގެ ސަބަބުން ފުސްކަމުގެ އަސަރު ކުރެ އެވެ. ރާއްޖޭގެ ޖައްވު ތަގައްޔަރުވަނީ އުތުރު އިންޑިއާގެ ސަރަހައްދުތަކުގައި އަންނަ ނުސާފު ވައިގެ ސަބަބުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!