ކާރިސާތަކުން އަރައިގަތުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށް ނުދެވިވާ ރަށްރަށަށް ކުރިއަށް އޮތް 4 އަހަރު ތެރޭގައި މިވަސީލަތްތައް ފޯރުކޮށްދެވޭނެކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ ޗީފް އެގްޒެކެޓިވް ހިސާން ހުސައިން ވިދާޅުވެއްޖެއެވެ.
ހިސާން މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.
ހިސާން ވިދާޅުވީ އެންޑީއެމްއޭގެ ޒިންމާގެ ބޮޑު ބައެއް އޮންނަނީ ވިލުންވެރި މުޖްތަމައެއް ބިނާ ކުރުމަށްކަމަށެވެ. އެގޮތުން މިހާރު ކުރަމުންދާ މަސައްކަތުގެ ތެރޭގައި ރަށްރަށުގައި ކޮމިއުނީޓީ ބޭސްޑް ޑިޒާސްޓަރ ރިޑަކްޝަން ޕްރޮގްރާމާއި، ކޮމިއުނިޓީ އިމަރޖެންސީ ރެސްޕޮންސް ޓީމްތައް އުފެއްދުމުގެ މަސައްކަތް ހިމެނޭކަމަށެވެ.
ކައުންސިލްތަކާއި މުޖްތަމަޢުގެ ފެންވަރުގައި ކާރިސާތަކަށް އިޖާބަދިނުމުގެ ޤާބިލްކަން އިތުރުކުރުމުގެ ގޮތުން ކާރިސާތަކުން އަރައިގަތުމަށް ބޭނުންވާ ވަސީލަތްތައް ރަށްރަށަށް ފޯރުކޮށްދިނުމުގެ މަޝްރޫޢުގެ ތެރެއިން މިހާރު ނުދެވި ހުރި ރަށްތަކަށް ކުރިއަށް އޮތް 4 އަހަރު ތެރޭގައި މިވަސީލަތްތައް ފޯރުކޮށްދީ ނިމޭނެކަމުގައި އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ޖަޕާން ސަރުކާރާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން އެމްއެންޑީއެފަށް އަލިފާން ނިއްވުމާ ގުޅޭ ސާމާން ހަދިޔާކުރުމަށް ހަމަޖެހިފައިވާކަމަށާއި، މީގެ ފުރަތަމަ ޝިޕްމަންޓް މިއަހަރުގެ ސެޕްޓެމްބަރުމަހު ރާއްޖެ އަންނާނެކަމަށް ހިސާން ވިދާޅުވިއެވެ. މި ޝިޕްމަންޓްގައި އަލިފާން ނިންވާ 4 ވެހިކަލާއި 40 ޕަންޕް ހިމެނޭކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!