ރާއްޖެ އެތެރެކޮށް މާލޭގައި ހުންނަ ބޮންޑެޑް ވެއާހައުސްއެއްގައި ރައްކާކޮށްފައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓުތަކެއް ގެއްލުނުކަމަށް ބުނާ މައްސަލާގައި، އެ ބޮންޑެޑް ވެއާހައުސްގައި ހުރި މުދަލަށް ޑިއުޓީ ދެއްކުމަށް އަންގައި، މިކަމާ ގުޅޭ ތަހުގީގެއް ފަށާފައިވާ ކަމަށް ދާޚިލީ ވަޒީރު އަލީ އިހްސާން މިއަދު ވިދާޅުވެއްޖެއެވެ.
''ބޮންޑެޑް ވެއާހައުސް އެއްގައި ހުރި 34،000 އެއްހާ ސިނގިރޭޓު ކާޓޫނު ގެއްލިއްޖެ'' މި ސުރުޚީގެ ދަށުން އޮންލައިން ނޫހަކުން ގެނެސްދީފައިވާ ޚަބަރެއް އެކްސްގައި ހިއްސާކުރަށްވަމުން ވަޒީރު އިހްސާން ވިދާޅުވި ގޮތުގައި، ޒަމާންތަކެއް ވަންދެން "ބޮންޑެޑް ވެއާހައުސް" ތައް މާލޭގެ އެކި ގެތަކުގައި އަދި އެޕާޓްމަންޓްތަކުގައި ވަނީ ހިންގަމުން ގޮސްފައެވެ.
މި ތަންތަނުގައި ދެ ތަޅު ހަރުކޮށް، އެތަނުން އެއްތަޅުގެ ތަޅުދަނޑި ބަލަހައްޓަނީ ކަސްޓަމްސްގެ ފަރާތުންކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. އަދި އެ ޚަބަރުގައި ބުނެފައިވާ ބޮންޑެޑް ވެއާހައުސް އަކީ ވެސް މިގޮތަށް ގެއެއްގައި ހަދާފައި ހުރި ތަނެއްކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
"ނަމަވެސް ވެރި ފަރާތުން ވެއާހައުސް ހިންގި ތަން ދޫކޮށް އެތަނުގައި އެހެން މަސައްކަތެއް ކުރަމުން އަންނަ މަޢުލޫމާތު ކަސްޓަމްސްއަށް ލިބުމުން، އެކަން ޔަގީންކޮށް އެ ފަރާތަށް ވަނީ ވެއާހައުސްގައި ހުރި ކަމަށް ކަސްޓަމްސްގެ ރެކޯޑްތަކުން ދައްކާ މުދަލަށް ޑިއުޓީ ދެއްކުމަށް އަންގާފައި،" ވަޒީރު އިހްސާން ވިދާޅުވިއެވެ.
މީގެ އިތުރުން، މިކަން ހިނގި ގޮތް ބަލައި ޤާނޫނީ ފިޔަވަޅު އެޅުމަށް ކަސްޓަމްސް އާއި ފުލުހުން ދަނީ ތަހުގީގު ކުރަމުންކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.
ވަޒީރު އިހްސާން އިތުރަށް ވިދާޅުވި ގޮތުގައި، މިގޮތަށް ގޭގެ ތަކުގައި ބޮންޑެޑް ވެއާހައުސް ހިންގުމަކީ ސަލާމަތީ ގޮތުން އަދި ކޮންޓްރޯލް ކުރުމަށް އެންމެ ރަނގަޅު ގޮތް ކަމަށް ނުފެންނާތީ، މި ސަރުކާރުން ވަނީ ބޮންޑެޑް ވެއާހައުސް ދެން ހިންގޭނީ ހަމަ އެކަނި "ކަސްޓަމްސްގެ ފުލް ކޮންޓްރޯލް" އޮންނަ ސަރަހައްދުތަކުގައި އެކަނި ކަމަށް ކަނޑައަޅައި އެ ސިޔާސަތު ތަންފީޒު ކުރަން ފަށާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!