ވަޒީރުންގެ މަޖިލީހަށް އެއްވެސް ބަދަލެއް ގެންނަވަން ރައީސް ޑރ. މުހައްމަދު މުޢިއްޒު ނިންމަވާފައިނުވާކަމަށް ރައީސް އޮފީހުގެ އިސްތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ކެބިނެޓަށް ބަދަލުތަކެއް ގެންނަވަން ނިންމަވާފައިވާކަމަށް ރޭ މީސްމީޑިއާގައި ވަނީ އަޑު ފަތުރާފައެވެ. މިގޮތުން ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިބްރާހީމް ވަހީދު މަގާމުން ވަކިކޮށް، އެމަގާމަށް ޓޫރިޒަމް މިނިސްޓަރުކަމުގައި ހުންނެވި އިބްރާހީމް ފައިސަލް ހަމަޖަސަވަން އުޅޭކަމަށް ވަނީ އަޑުފަތުރާފައެވެ.
މީގެ އިތުރުން ޓޫރިޒަމް މިނިސްޓަރަކަށް މިހާރުގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ހަމަސައްވަންއުޅޭކަމަށާއި، ފިނޭންސް މިނިސްޓަރުކަމަށް މިހާރު އެޑްވައިޒަރ ޓް ދަ މިނިސްޓްރީ އޮފް ފައިނޭންސް ކަމުގައި ހުންނެވި، އެމްއެމްއޭގެ ކުރީގެ ގަވަރނަރު އަހްމަދު ނަސީރު ހަމަޖައްސަން އުޅޭކަމަށް ވެސް ވަނީ އަޑު ފަތުރާފައެވެ.
އިސްތަރުޖަމާނު ހީނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެކަން ދޮގުކުރަށްވާފައެވެ.
''ކެބިނެޓަށް އެއްވެސް ބަދަލެއް ގެންނަވަން ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިނުވާ ވާހަކަ ދަންނަވަން.'' ހީނާ ވިދާޅުވެފަވެއެވެ.
މި ދައުރުގައި މިހާތަން ވަޒީރުންގެ މަޖިލީހަށް ތިން ބަދަލެއް ވަނީ ގެންނަވާފައެވެ. 30 ސެޕްޓެމްބަރު 2024ގައި ގެންނެވި މި ބަދަލުގައި ޚާރިޖީ ވަޒީރު ކަމުގައި ހުންނެވި މޫސާ ޒަމީރު މާލީ ވަޒީރު ކަމަށް ބަދަލުކުރެއްވުމާއި، ސިއްހަތާބެހޭ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ޚާރިޖީ ވަޒީރުކަމަށް ބަދަލުކުރެއްވުމާއި އަދި ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުﷲ ނާޒިމް ސިއްހީ ވުޒާރާގެ ވަޒީރުކަމަށް ޢައްޔަނުކުރެެއްވުން ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!