ހދ.އަތޮޅު ކައުންސިލުން ތައިލެންޑްގެ ބެންކޮކަށް ކުރި ތަޖުރިބާ ދަތުރަށް 952،885 ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށާއި، މި ދަތުރުން ލިބުނު ތަޖުރިބާއިން ހދ.އަތޮޅުގެ ކައުންސިލްތަކަށް މަންފާއެއްކޮށްފާ ނުވާކަމަށް އޮޑިޓަރ ޖެނެރަލް މިއަދު އާންމުކުރި ''ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ 2023 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓް''ގައި ބުނެފިއެވެ.
މި ރިޕޯޓުގައި ބުނެފައިވާގޮތުގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ހދ. އަތޮޅު ކައުންސިލް އިދާރާއިން ޚަރަދުކޮށްގެން ތައިލެންޑްގެ ބެންކޮކަށް، އަތޮޅު ކައުންސިލްގެ ހުރިހާ މެމްބަރުންނާއި ސެކްރެޓަރީ ޖެނެރަލާއި އަދި ސީނިއަރ މެނޭޖްމަންޓްގެ ބައެއް މުއައްޒަފުން ހިމެނޭހެން ޖުމްލަ 20 މީހުން 10 ދުވަހުގެ ތަޖުރިބާއާއި ތަމްރީން ހޯދުމުގެ ދަތުރެއް ކޮށްފައިވާ ކަމަށެވެ.
މި ދަތުރަށް ކޮށްފައިވާ ޚަރަދުތައް މި ރިޕޯޓުގައި ހިމަނާފައިވާއިރު، އެ ޚަރަދުތަކަކީ
- ތައިލެންޑް ޓްރެއިނިން އިންސްޓިޓިއުޓްގެ ފީ އަދި ކެއުމުގެ ޚަރަދު 535،213 ރުފިޔާ
- 20 ބައިވެރިންގެ ދަތުރުގެ ޚަރަދު (2 ދުވަހަށް) 133،229 ރުފިޔާ
- 20 ބައިވެރިންގެ ޕޮކެޓްމަނީ، 46،260 ރުފިޔާ
- 20 ބައިވެރިންގެ ދަތުރު ޚަރަދު (މާލެ) 2 ދުވަސް، 28،000 ރުފިޔާ
މިދަތުރުގެ ރިޕޯޓުގައި ދަތުރުގެ މަގްސަދުތަކުގެ ގޮތުގައި ކައުންސިލްގެ މެމްބަރުންނާއި އިދާރީ މުވައްޒަފުންނަށް ތައިލެންޑްގެ އެކިއެކި ކަންކަމާ ގުޅޭގޮތުން ތަޖުރިބާ ދިނުމާއި ބައިވެރިންގެ ކެޕޭސިޓީ އިތުރުކޮށްދިނުމާއި އަތޮޅުގެ ކުރިއެރުމަށް ކުރެވޭނެ ކަންކަމުގައި ތައިލެންޑްގެ އިންވެސްޓަރުން ހޯދުމަށް މަގުފަހި ކުރުމުގެ އިތުރުން ގުޑް ގަވަރނަންސް، ޕަބްލިކް ޕޮލިސީ އަދި ރޫރަލް ޑިވެލޮޕްމަންޓްގެ ދާއިރާތަކުން ތަޖުރިބާއާއި މައުލޫމާތު ހޯދުންކަމުގައި ބަޔާންކޮށްފައިވާކަން އޮޑިޓް އޮފީހުން ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް މި ދަތުރުން ހާސިލްކުރަން ބޭނުންކަންކަމާއި، މި ދަތުރުން ލިބޭ ތަޖުރިބާ ކައުންސިލުތަކުގައި ބޭނުންކުރާނެގޮތެއް ދަތުރުގެ ކުރިން ކަނޑައަޅާފައިނުވުމުން މިދަތުރުން ހާސިލްކުރަން ރާވާފައިވަނީ ކޮންކަންތައްތަކެއްކަން ސާފުކޮށް އެނގެން ނެތްކަމަށް އޮޑިޓް އޮފީހުން ބުނެފަވެއެވެ.
މި ދަތުރަކީ ކައުންސިލްގެ މަސައްކަތާއި ގުޅުންހުރި ގުނަ ދާއިރާތަކެއްގެ ކަންކަން ފުޅާކޮށް ތަރައްގީކޮށް، ފަންނުވެރިކަން އިތުރުކުރުމަށް ކުރެވުނު ދަތުރެއްނަމަވެސް، ދަތުރުނިމި އެއް އަހަރުގެ މުއްދަތު ފާއިތުވެގެން ދިޔައިރުވެސް، ހދ. އަތޮޅުގެ އެއްވެސް ރަށެއްގައި މިދަތުރުން ހޯދުނު ތަޖުރިބާއާއި، ފަންނީ ކުރިއެރުމުގެ ބޭނުންކޮށްގެން އެއްވެސް މަޝްރޫޢުއެއް ފަށާާފައިނުވާކަން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފަވެއެވެ.
''އެހެންކަމުން މިދަތުރުން އެކަށީގެންވާ މަންފާއެއް ކައުންސިލް އިދާރާތަކަށް ލިބިފައިނުވާކަން ފާހަގަކުރަމެވެ. މީގެ އިތުރުން 2023 ވަނަ އަހަރު ކައުންސިލްގެ އިދާރާއަށް އާމްދަނީގެ ގޮތުގައި ލިބިފައިވާ ފައިސާއިން، އަތޮޅުގެ ތަރައްގީ ނުވަތަ ރައްޔިތުންނަށް ދިގުމުއްދަތެއްގެ ތެރޭގައި ފައިދާ ކުރާނެކަމަކަށް ޚަރަދުކުރުމުގެ ބަދަލުގައި 2023 ވަނަ އަހަރު ކައުންސިލް އިދާރާއަށް އާމްދަނީ އާއި ބްލޮކް ގްރާންޓްގެ ގޮތުގައި ލިބިފައިވާ ފައިސާގެ ތެރެއިން ބޮޑު އަދަދެއް މިދަތުރަށް ޚަރަދުކޮށްފަވެއެވެ.'' އޮޑިޓް ރިޕޯޓުގައި ބުނެފަވެއެވެ.
މި ދަތުރުކޮށްފައި ވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގައި ބުނެފައިވާގޮތަށް ޚަރަދުތައް ހަމަޖައްސައިގެން ނޫންކަމަށާއި، އަދި މާލިއްޔަތުގެ ގަވާއިދުގައި ބުނާގޮތަށް މާލީ ވުޒާރާއިން ހުއްދަ ހޯދުމަކާއި ނުލާކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!