ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ ހަގީގީ ފައިދާ ލިބިގެންދާނީ އެ ސަރަހައްދުގައި ހުރި ފަތުރުވެރިކަމުގެ ހިދުމަތްދޭތަންތަނަށް ފަސޭހައިން އެ އެއާޕޯޓުން ދަތުރުކުރެވޭނޭ އިންތިޒާމް ހަމަޖެއްސިގެން ކަމަށްވާތީ، އެ އެއާޕޯޓުގައި ސީޕްލޭން ޓާމިނަލެއް ތަރައްގީކޮށް، ސީޕްލޭންގެ ހިދުމަތް ފަށަން ނިންމާފައިވާ ކަމުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލިހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީގެ ސަބް-ކޮމިޓީ 3 ގެ ބައްދަލުވުމުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.
އިންޑިއާއިން ދީފައިވާ 800 މިލިއަނުގެ ކްރެޑިޓް ލައިންގެ ދަށުން ހަނިމާދޫ އެއާޕޯޓްގައި 2.7 ކިލޯ މީޓަރު ރަންވޭއަކާއި އަހަރަކު 1.3 ފަސިންޖަރުންނަށް ހިދުމަތް ފޯރުކޮށްދެވޭވަރުގެ ފަސިންޖަރ ޓާމިނަލެއް އަންނަނީ ތަރައްގީ ކުރަމުންނެވެ.
ހަނިމާދޫއަށް އަންނަ ފަސިންޖަރުންނަށް އެ ސަރަހައްދުގައި ހުރި ރިސޯޓުތަކަށް ފަސޭހަކަމާއިއެކު ދެވޭނަމަ އެ އެއާޕޯޓުން ފައިދާވާނެކަން ފާހަގަ ކުރައްވަމުން މުޖުތަބާ ވިދާޅުވީ އެއާޕޯޓު ހުޅުވޭއިރަށް ހިދުމަތް ފެށޭވަރު ނުވި ނަމަވެސް، އެއާޕޯޓު ހުޅުވުމާ އެކު ކުޑަ ޓާމިނަލެއް ހަދައި ސީޕްލޭންގެ ހިދުމަތް ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެކަން ވަރަށް އަވަހަށް ހާސިލު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތްކަމުގައި އޭނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!