" ކިހިނެއްވީ؟ ހާދަ ކަންބޮޑު ވީ؟ ޒައިނާގެ މަގުސަދު އަރޫޝާއަށް އެނގުނީމަ ދިރިއުޅުމުގައި މައްސަލަ ޖެހޭނީ. އެހެންވެ އޭގެ ކުރިން މި ބުނަނީ އޭނަ ފޮނުވާލާށޭ. " ދެ ލޯ ބޮޑު ކޮށްގެން ހުރެ މަދީހާ އަމުރު ކުރިއެވެ.
ނަމަވެސް ނަދީމްއަކަށް އެއްވެސް ރައްދެއް ނުދެވުނެވެ. ސިކުނޑިއަށް ތޮއްޖެހެމުންދިޔަ ވާހަކަތައް ބޭރު ކުރާނެ ހިތްވަރެއްވެސް އޭނާއަކަށް ނުލިބުނެވެ.
" އަދިވެސް ނަދީމްއަށް އެއްބަހެއް ނުވެވެއެއްނު. " އަނެއްކާވެސް ނަދީމްގެ ކަންފަތުގައި ޖެހުނީ މަދީހާގެ އަޑެވެ.
ހިތްވަރުކޮށްފައި ވާހަކަ ދެއްކޭތޯ އެ ވަގުތު ނަދީމް މަސައްކަތް ކުރިއެވެ.
" މަންމާ! އޭނަ މަންމަމެން އައީމަ ފޮނުވާލާނަން. " ހަގީގަތް ހާމަ ކުރާކަށް ނަދީމްއަކަށް ނުކެރުނެވެ.
ނަދީމްގެ އެދުމުގެ މަތިން މަދީހާ އެކަމަށް ރުހިއްޖެއެވެ.
" ތި ދެ ކުދިންގެ ދިރިއުޅުމުގެ ތެރެއަށް ޒައިނާ ވަންނަން ފުރުސަތު ދީގެން ނުވާނެ. މިއަދު ޒައިނާ މި ކޮޓަރިއަށް ވަތްކަން އަރޫޝާއަށް އެނގިއްޖެއްޔާ އޭނަ ވެސް ކިހާ ދެރަވާނެ. ދެން... މާދަމާއަށް ރާވާފައި އޮތް މަސްދަތުރު ވެސް ދާނެ ކަމެއް ނެތް. ޒައިނާއާ ދުރުން އުޅޭތި." މަދީހާ ބުންޏެވެ.
" މަންމަ މާ ބޮޑަށް ތި ވިސްނަނީ. ތި ހީކުރާ ކަހަލަ ކަމެއް ނުވެޔޭ." ނަދީމް އަވަސް އަވަހަށް ބުންޏެވެ.
" މަންމަ ރުޅި މިއައީ އަރޫޝާ ނެތްކަން ކަނޑައެޅިގެން އެނގި ހުރެ އޭނަ އައިސް މި ތަނަށް ވަނީމަ. ދަރިފުޅަށް ވުރެ ގިނަ ދުވަހު މަންމައަށް ދޯ ދުނިޔޭގައި އުޅެވިފައި ހުންނާނީ. އެހެންވީމަ ދުނިޔޭގައި ކަންކަން ހިނގާ ގޮތް މަންމައަށް މާ ރަނގަޅަށް އެނގޭނެ. " މަދީހާ ބުންޏެވެ.
ނަދީމްއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ކުޑައިރުކޮޅަކު ނަދީމްގެ މޫނަށް ބަލަން ހުރެފައި މަދީހާ ނިކުމެގެން ދިޔައެވެ.
" އަހަރެން ބުނީމެއްނު އަހަންނާ ދުރުން އުޅޭށޭ." ނަދީމް ބުންޏެވެ.
މަދީހާ ނިކުތުމާއެކު ނަދީމް، ޒައިނާއަށް ގުޅިއެވެ.
" ބުނިންތަ އަހަންނަކީ ނަދީމްގެ ކާކުކަން؟" ނަދީމް ދައްކާ ވާހަކައަށް ސަމާލުކަން ދިނުމުގެ ބަދަލުގައި ޒައިނާ ކުރީ ސުވާލެކެވެ.
" ނުބުނަން. އަހަންނަށް ކެރޭތަ ބުނަން؟ ޒައި މިތަނުން ފެނުނީމަ ވެސް މަންމަ ހުރީ ރުޅި އައިއްސަ. އަދި ހަގީގަތަށް ބުނިއްޔާ ކިހާ ރުޅި އަންނާނެ." ނަދީމް ބުނެލީ ނުހަނު އަވަހަށެވެ.
" އެހެންވީމަ ނަދީމްގެ މަންމައަށް މިހާރު އެނގިފައި އޮންނާނީ އަހަންނަކީ ގޮތެއް ނެތް، ލަދެއް ހަޔާތެއް ނެތް އަންހެނެއްގެ ގޮތުގައި ދޯ؟ ވާހް! ކިހާ ރީތި ނަމެއް މަށަށް މި ލިބުނީ." ޒައިނާ ބުންޏެވެ.
" ޒައި ދެން ވެސް އަހަރެން ބުނާ ގޮތް ހަދައިގެން އުޅެބަލަ." ނަދީމް ބުނެލިއެވެ.
" އަހަރެން މިއަދު ވަރަށް ދެރަވެއްޖެ އަހަރެންގެ މައިންބަފައިން ދޫކޮށް ތިކަހަލަ ހިތްވަރެއް ނެތް، މީހަކާއެކު މި ތަނަށް އާދެވުނީތީ. ލޯތްބަށްޓަކައި ނަދީމްއަށް ކުރެވުނީ ކޮންކަމެއް؟ އެންމެ ކުޑަމިނުން އަހަންނަކީ ނަދީމްގެ ލޯބިވެރިޔާއޭ ވެސް ބުނެލާކަށް ނުކެރުނު. އަދި ނަދީމްގެ މަންމަގެ ކުރިމަތީގައި އަހަރެންގެ އަގު ވެއްޓުނު އިރު ވެސް، އަހަންނާމެދު އެއްވެސް އިހްތިރާމެއް ތި ހިތަކު ނެތް. މަންމަ ދެކެ ބިރުން ނަދީމް ހުރީ ސަލާމަތް ވެގެން. ނަދީމްގެ ލޯބީގެ ހައްގުގައި އަހަރެންގެ މައިންބަފައިން ދޫކޮށްލި އިރު އަހަރެން ވެސް ބިރުގަތޭ. ދެރަވެސް ވިޔޭ. އެކަމަކު މިއަދު އެނގިއްޖެ އެ ކުރެވުނީ ބޭކާރު ކަމެއްކަން." ޒައިނާ ބުންޏެވެ.
ނަދީމް ބުނާނެ އެއްޗަކަށް އިންތިޒާރު ކުރުމެއް ނެތި ޒައިނާ ފޯނު ކަނޑާލިއެވެ. އަދި އެނދުމައްޗަށް ފޮނު އެއްލުމަށްފަހު އޭނާ ނިކުމެއްޖެއެވެ. އޭރު ވެސް ހިތްހަމަ ނުޖެހިފައި ހުރިކަން އޭނާގެ މޫނުމަތިން ހާމަވަމުން ދެއެވެ. އޭނާ ނިކުތް ގޮތަށް ގޮސް ހުއްޓުނީ މަދީހާގެ ކޮޓަރި ދޮރުމަތީގައެވެ. ފުން ނޭވާއެއް ބޭރަށް ދޫކޮށްލުމަށްފަހު ޓަކި ޖަހާލީ ތަންކޮޅެއް ބާރަށެވެ.
މަދީހާ ދޮރު ހުޅުވި އިރު ވެސް ޒައިނާގެ މޫނުމަތިން ފެންނަނީ ނުތަަވަސްކަމާއި ރުޅިވެރިކަމުގެ އަސަރުތަކެވެ. މަދީހާ އެއްޗެއް ނުބުނެ އުޅެނިކޮށް އޭނާ އެތެރެއަށް ވެސް ވަދެއްޖެއެވެ. ދޮރު ލެއްޕުމަށްފަހު މަދީހާ ބަލަން ފެށީ ކޮަޓަރީގެ މެދުގައި، އޭނާއަށް ފުރަގަސް ދީގެން ހުރި ޒައިނާއަށެވެ.
" އަހަންނަށް އެނގޭ ދައްތަ ތިހުރީ އަހަރެންދެކެ ވަރަށް ރުޅި އައިސްފައިކަން. ދައްތަގެ ދަރިފުޅު، ނަދީމްގެ ކޮޓަރިއަށް އަހަރެން ވަނީމަ، އަހަންނަކީ އެއްވެސް އަހުލާގެއް ހުރި މީހެއް ކަމަކަށް ދައްތަ މިހާރު ގަބޫލެއް ނުކުރާނެ. " ޒައިނާ ބުންޏެވެ.
" އެ ކޮޓަރިއަށް ވަދެގެންނެއް އަހަރެން ރުޅިއެއް ނާންނާނެ. އަހަރެން ރުޅި އައީ އަރޫޝާ ނެތްކަން އެނގި ހުރެ، އަރޫޝާ ހޯދާށޭ ކިޔާފަ ނަދީމްގެ ކޮޓަރިއަށް ވަނީމަ. އާނ އެހެން ކިޔާފަ ތާ އެތެރެއަށް ވަދެވޭނީ." މަދީހާ ވެސް ހުރީ ނުރުހޭކަން އަދިވެސް އަންގަން ބޭނުންވެފައެވެ.
" ނަދީމް އެ ހެދީ ދޮގެއް. އަހަރެން ދިޔައީ އަރޫޝާ ހޯދާކަށް ނޫން. އަދި އަހަރެން އެހެން ނުވެސް ބުނަން." ޒައިނާ މަދީހާއަށް ބަލައިލިއެވެ.
އެއާއެކު މަދީހާގެ މޫނުމަތިން ހައިރާންފެނި ޒައިނާއަށް އިތުރު ހިތްވަރެއް ލިބުނު ކަހަލައެވެ. އޭނާ ލަސްލަހުން ހިނގާފައި އައިސް ހުއްޓުނީ ސީދާ މަދީހާގެ ކުރިމަތީގައެވެ.
" އަހަރެން ނަދީމްގެ ކޮޓަރިއަށް ވަނީ ނަދީމް ހޯދަން. " ޒައިނާ ބުންޏެވެ.
އެ ވަގުތު މަދީހާގެ މޫނުމަތީގައި ނުރުހުންތެރިކަން ކެކި އަރައިގަތެވެ.
" ދައްތަ އަދި އެއްޗެއް ނުބުނެ މަޑުކޮށްލަދީފާނަންތަ؟ އަހަންނާ ދިމާލަށް ނަދީމްގެ މަންމަ ރުޅިއައިސްގެން އެއްޗެއް ބުނިއްޔާ އަހަރެން ވަރަށް ދެރަވާނެ. " މަދީހާ އަނގަ ހުޅުވާލުމާއެކު ޒައިނާ އޭނާ ހުއްޓުވިއެވެ.
" އަހަންނަކަށް ހިއެއް ނުވެ ދައްކަން މި އުޅޭ ވާހަކަތައް އަޑުއަހާނެ ހިތްވަރު ދައްތަގެ ކިބައިގައި ހުންނާނެ ހެންނެއް." ފޯނާ ކުޅެމުން ޒައިނާ ބުންޏެވެ.
އެއަށްފަހު އޭނާ ދައްކާލީ ފޮޓޯއެކެވެ. އެއީ ނަދީމްގެ އުފަންދުވަހު، ނަދީމްއާ ޒައިނާ އެކުގައި ނަގާފައިވާ ފޮޓޯއެކެވެ. ދެ މީހުން މޫނާ މޫނު ޖައްސާލައިގެން ތިބި ފޮޓޯއަށް މަދީހާ ބަލައިލީ ފަރުވާތެރިކަމާއެކުގައެވެ.
" އަހަންނާ ނަދީމް ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ވަރަށް ދުވަސް ވެއްޖެ. " ޒައިނާ ބުންޏެވެ.
މަދީހާއަށް ތެޅިގަނެވުނެވެ. އަދި ދެ ލޯ ބޮޑުވެ، ތުންފަތުގައި އިނގިލި ޖައްސާލެވުނެވެ.
" މިއީ ދޮގެއް ނޫނޭ ދައްތާ! އަހަރެންގެ މައިންބަފައިން އެމެރިކާއަށް ދިރިއުޅުން ބަދަލުކުރަން ނަދީމް ގާތު އެދުމުން ނަދީމް އެކަމަށް އެއްބަސް ނުވީ. އެހެންވެ، އަހަރެން ނަދީމްއަށްޓަކައި މައިންބަފައިންވެސް ދޫކޮށްލީ. އޭގެ ފަހުން ނަދީމް އަރޫޝާއާ ކައިވެނިކުރިކަން އެނގުނީ. އެކަމަކު... ނަދީމް މާލެ ދިޔަތަނާ އަހަރެން ފެނިގެން އޭނަ އަހަރެން ގެނައީ." ޒައިނާ މިފަހަރު ވާހަކަ ދެއްކީ މަޑުމައިތިރިކަމާއެކުއެވެ.
ހަރަކާތް ހުއްޓި، ބަހެއް ބުނަން ނޭނގިފައި މަދީހާއަށް ހުރެވުނީއެވެ.
" ނަދީމް އަހަރެން ގެނައީ ކީއްކުރަންކަން އެނގޭތަ؟" ޒައިނާ އެހިއެވެ.
އެއާއެކު ކުރިއަށްވުރެ ބޮޑަށް މަދީހާގެ މޫނުމަތި ބަނަ ވެއްޖެއެވެ. އޭނާ ބަލަމުން ދިޔައީ ސީދާ ޒައިނާގެ މޫނަށެވެ.
" އަރޫޝާ ވަރިކޮށްފައި އޭނަ އަހަންނާ ކައިވެނި ކުރާނެ. ނަދީމް އަހަންނަށް އެ ވައުދު ވީ." ޒައިނާ ބުނެލީ ބާރަށެވެ.
މަދީހާއަށް ލިބުނީ ކުއްލި ސިހުމެކެވެ. އެއީ ހުވަފެނުން ވެސް އޭނާ ދެކެން ބޭނުންވާ ދުވަހެއް ނޫނެވެ. މަދީހާއަށް ފަހަތަށް ޖެހިލެވުނެވެ.
" ނަދީމް އަރޫޝާ ވަރިއެއް ނުކުރާނެ." މަދީހާއަށް ބުނެވުނީ މަޑުމަޑުންނެވެ.
" ނޫނޭ ދައްތާ! ނަދީމް އަރޫޝާދެކެ އެއްވެސް ވަރަކަށް ލޯތްބެއް ނުވެ. އެ ދެމީހުންގެ މެދުގައި އެއްވެސް ގުޅުމެއް ނޯވެ. ނަދީމް ނިދަނީ ވެސް މުށިތައްމަތީ. އެ ދެ މީހުންނަކީ އަދިވެސް ދެ ބީރައްޓެހިން. ދައްތަމެން ހީކުރީ އެ މީހުން އުޅެނީ ވަރަށް ލޯބިން ކަމަށްތަ؟ " ޒައިނާ ބުންޏެވެ.
" ނޫން... ތިހެންނެއް ނުވާނެ. " މަދީހާއަށް ރޮވެން ފެށުނެވެ.
" ދައްތައަށް ނޭނގި ނަމަވެސް ނަދީމްއަށް ތި ދެވެނީ ވަަރަށް ބޮޑު ދެރައެއް. އަރޫޝާއާއެކު އެންމެ ސިކުންތަކު ވެސް އުޅޭކަށް އޭނަ ބޭނުމެއް ނުވެ. ވަރިކުރަން ނުކެރިގެން އެ އުޅެނީ ދައްތަމެން ދެކެ ބިރުން. ދައްތާ ހެޔޮނުވާނެ. ތިހެން ނަހަދާ! އަހަރެންގެ މައިންބަފައިން ދޫކޮށް، އެވަރުގެ ބޮޑު ގުރުބާނީއެއް ވެގެން އައީމަ، މިހުރީ އަހަންނަށް އުޅެން ޖެހޭ ގޮތް. ނަދީމް އަހަރެން ދެކެ ވަރަށް ލޯބިވާނެ. އޭނަގެ މުޅި ދިރިއުޅުން ދައްތަމެން ތި ހަލާކު ކުރަނީ. " ޒައިނާ އައިސް މަދީހާގެ އަތުގައި ހިފިއެވެ.
އެ ވަގުތު މަދީހާއަށް ޒައިނާގެ މޫނަށް ބަލައިލެވުނީ ހިތްހަމަ ނުޖެހުމާއެކުއެވެ.
" ނަދީމް ބުނެގެންތަ ޒައިނާ، މައިންބަފައިން ދޫކޮށްލީ! އަރޫޝާއާ ނަދީމް ކުއްލި ގޮތަކަށް ކައިވެނި ކުރިޔަސް، އެ ދެ ކުދިން ލޯބިން އުޅުނީސް ޒައިނާ މި ދޭތެރެއަށް ނުވަތް ނަމަ. ނަދީމަކީ މައިންބަފައިންގެ ނުރުހުމުގައި ކަންތައްތައް ކުރާނެ ކުއްޖެއް ނޫން. މައިންބަފައިން ދޫކޮށް ނަދީމް ހޯދަން އައުމަކީ މޮޅުކަމެއް ނޫނޭ ޒައިނާ. ތިމާގެ މައިންބަފައިން ދޫކޮށްލި މީހަކު މާދަމާ ނަދީމް ވެސް ދޫކޮށްލަފާނެ ދޯ؟" މަދީހާ ހުރީ ވަރަށް ބޮޑަށް ރުޅި ގަދަވެ ރޮވިފައެވެ.
މަދީހާގެ ޖުމްލަތަކުން ޒައިނާގެ ލޭ ހޫނުވެ، ކެކެން ފަށައިފިއެވެ. އޭނާ ވަގުތުން މަދީހާއަށް ފުރަގަސްދީ، ތުންފަތުގައި ދައިގަތީ ރުޅި ގަދަވެގެންނެވެ.
" ޒައިނާ ގާތު ބުނަންތަ ވާހަކައެއް؟ މަގޭ ދަރީންގެ ދިރިއުޅުން ހަލާކު ނުކޮށް، މި ގެއިން ނިކުމެގެން އަވަހަށް ދޭ! " މަދީހާ ބުންޏެވެ.
އެއާއެކު ޒައިނާ މަދީހާއަށް ބަލައިލިއެވެ.
" ހިނގައިދާނަން. އެކަމަކު އަހަރެން ދާނީ އަރޫޝާއަށް ވެސް އަހަންނަކީ ނަދީމްގެ ކާކުކަން ބުނެދީފަ. އަދި ދުވަހަކުވެސް ނަދީމްގެ ލޯތްބެއް އަރޫޝާއަކަށް ނުލިބޭނެކަން އޭނައަށް އަންގައިދީފަ. އަދި ބުނަންތަ އެއް ވާހަކަ.. އަހަރެން މި ގެއިން ފޮނުވާލަންޏާ ނަދީމް އަހަންނާއެކު އަންނާނެ. އޭނަ އަހަރެން އެކަނި ފޮނުވައެއް ނުލާނެ." ޒައިނާ ބުންޏެވެ.
ޒައިނާ ބާރުބާރަށް ނިކުތުމާއެކު މަދީހާ ވެސް ޒައިނާގެ ފަހަތުން ހިނގައިގަތެވެ. އެއާއެކު ކުއްލިއަކަށް ޒައިނާ ހުއްޓުނެވެ. އަދި ފަހަތް ބަލައިލުމަށްފަހު އެއްބުމަ ހިއްލާލަމުން ޒައިނާ ހީލިއެވެ.
" މި ގޭމް ފެށީ ދައްތަމެން. އެކަމަކު ނިންމާނީ އަހަރެން. " ޒައިނާ ބުންޏެވެ.
އޭނާ ބުނި އެއްޗެއް ނުވިސްނޭ ކަހަލަ ގޮތަކަށް މަދީހާ ހުއްޓެވެ. އެއާއެކު އަނެއްކާ ވެސް ޒައިނާ ހީލިއެވެ.
" އަހަންނަކީ ނަދީމްގެ ލޯބިވެރިޔާކަން އެނގޭ އިރަށް އަރޫޝާ ވަގުތުން ނަދީމް ދޫކޮށްލާނެ. އޭނަ ދެކެ ލޯބި ނުވާ މީހަކާއެކު އުޅޭކަށް އޭނަ ވެސް ބޭނުމެއް ނުވާނެ ދޯ. އެ ހިސާބުން ދައްތަގެ ލޯބިވާ ދަރިފުޅަށް އަހަންނަށް މިލްކުވާނެ. " ޒައިނާ ބުންޏެވެ.
އެ ވަގުތު މަދީހާއަށް ދެ ފަރާތަށް ބޯ ހޫރާލެވުނެވެ. މަދީހާގެ މޫނަށް ބަލައިލަމުން ޒައިނާ ނިކުމެއްޖެއެވެ.
ޒައިނާ އެ ބުނި ގޮތަށް ކަންތައް ވެއްޖެނަމަ ރަށު މީހުން އޭނާއަށް ކުރާނެ މަލާމާތް އޭނާގެ ހިތަށް އަރަން ފެށިއެވެ. އެ ވަގުތު މަދީހާގެ ހިތަށް ވެރިވި ބިރުވެރިކަމާއެކު ނޭވާލާން އުނދަގޫވާން ފެށިއެވެ. މޭގައި އަތް އަޅައިގެން ހުރެ އޭނާ ފުންކޮށް ނޭވާ ލާން މަސައްކަތް ކުރިއެވެ. ނަމަވެސް އެތެރެއަށް ދަމާލާ ކޮންމެ ނޭވާއެއް، އިހްސާސް ވެގެން ދަނީ ތޫނު ކަށިތަކަކުން އެތެރެހަށި ޒަހަމް ކުރުވާ ހެންނެވެ. ދެ ލޯ މެރެމުން ގޮސް އޭނާ ބިންމައްޗަށް ވެއްޓުނީ ނުހަނު ބާރަށެވެ.
ކޮޓަރިއަށް ވަނުމާއެކު ފުރަތަަމަ ވެސް އަރޫޝާއަށް ފެނުނީ އެނދުމަތީގައި އިން ނަދީމްއެވެ. ދެ އަތުން ދަތް ދޮޅީގައި ހިފަހައްޓާލައިގެން އޭނާ އިނީ ކޮންމެވެސް ކަމަކާ ފިކުރު ކުރަންކަން ޔަގީނެވެ. ދޮރު ކައިރީ އިރުކޮޅަކު މަޑުކޮށްލުމަށްފަހު އަރޫޝާ މަޑުމަޑުން ދޮރު ލައްޕާލިއެވެ. މާޔޫސްވެފައި އިނދެ ނަދީމް އަރޫޝާއަށް ބަލައިލުމާއެކު އަރޫޝާއަށް ބޭއިހްތިޔާރުގައި ހިނިތުން ވެލެވުނެވެ. ނަމަވެސް ދެން ފެނުނީ އަނެއްކާ ވެސް ނަދީމް އިސްޖަހާލި ތަނެވެ.
" ފިލްމު ބަލާ ނިމުނީތަ؟ " އަރޫޝާ އަހާލިއެވެ.
" އުމް؟ ހޫމް.." ނަދީމް ހޫމް އަޅުވާލިއެވެ.
" ހަވީރު ވެއްޖެއެއްނު. ދެން ސައިބޯން އަންނަން ވީނު." އަރޫޝާ އެދުނެވެ.
ބޭރަށް ނިކުންނަން ހިތަށް އެރިޔަސް މަންމައާ ކުރިމަތިލާނެ ހިތްވަރެއް އޭނާގެ ނެތެވެ. ޒައިނާގެ ފަންސަވީސް ވަނަ މިސްކޯލް ވެސް އައީ އެ ވަގުތެވެ. ސިކުނޑީގައި އެނބުރެމުންދާ ހައިޖާނުގަނޑަކަށް ނިމުމެއް ނައެވެ.
ހަމަ އެ ވަގުތެވެ. ކޮޓަރި ދޮރުގައި ބާރުބާރަށް ޖެހި އަޑު އިވުނީ ރިޒާގެ ރުއިމާއެކުގައެވެ. އަރޫޝާއާ ނަދީމްއަށް އެ ދިމާލަށް ދުއްވައި ގަނެވުނީ އެއްފަހަރާއެވެ.
ނަދީމް ގޮސް ދޮރު ހުޅުވުމާއެކު ރިޒާ ރޮމުން ދުއްވައިގަތީ ކޮޓަރިއާ ދިމާލަށެވެ. ފަހަތުން އަރޫޝާއާއި ނަދީމް ވެސް ދިޔައެވެ. ވަގުތަކީ ޒައިނާ ވެސް ނިކުތް ވަގުތެވެ.
" ނޭވާ ލައިތަ؟ މަދީހާ! މަދީހާ....." ރިޒާ އަނެއްކާ ވެސް ރޮއިގަންނަމުން މަދީހާއަށް ގޮވަން ފެށިއެވެ.
އެއާއެކު އަރޫޝާއަށް ވެސް ރޮވިއްޖެއެވެ. އެތެރެއަށް ވަތް ޒައިނާގެ ދެ ލޯ ބޮޑު ވީ ބިރުންނެވެ. އެހެން އެ ދިމާވީ އޭނާއާ ހެދި ކަމަށް ގަބޫލު ކުރެވި، މުޅި މީހާ ދާހިއްލަން ފެށިއެވެ. އޭރު ނަދީމްއަށް އޭނާގެ އަމިއްލަ ނަފްސު ކުއްވެރި ކުރެވެން ފަށައިފިއެވެ. އެހެންވެ ނަދީމްއަށް ވެސް އެކަމުގެ ސަބަބުން އިތުރު ހިތްދަތިކަމެއް ދިޔައީ ލިބެމުންނެވެ.
" މަރުކަޒަށް ގެންދަން ހިނގާ... ބައްޕާ! ލަހެއް ނުކުރެވޭނެ.. ބައްޕާ! މަންމަ ގެންދަން އުޅޭ." އަރޫޝާ ބުންޏެވެ.
އެއާއެކު ނަދީމް، އަތްދަނޑިމައްޗަށް މަންމަ ނަގައި އުފުލާލިއެވެ. އޭރު ވެސް މަދީހާގެ ގައިގައި އެއްވެސް ކަމެއް ނެތެވެ. އޭނާގެ ފަހަތުން އެންމެން ނިކުތެވެ. ބޭރުގައި އޮތް ބަގީގައި މަދީހާ ބޭއްވި އިރު ރިޒާ އަރާ، ބަގީ ސްޓާޓް ކޮށްފިއެވެ. ބަގީ ދުއްވާލި އިރު ޒައިނާ ހުރީ ދޮރުމަތީގައި ބަލަހައްޓައިގެންނެވެ.
" ކީކޭ؟" ދާއިންއަށް ކޮޅަށް ތެދުވެވުނެވެ.
އާބިދު ދިން ހަބަރުން ދާއިންއަށް ހީވީ އޭނާގެ ފުރާނަ ދިޔަހެންނެވެ.
" އެއާ އެމްބިޔުލާންސްގައި މިހާރު މާލެ ގެންނަނީ. މަށަށް ވެސް އެނގުނީ ދެންމެ މަންމަ ގުޅާފައި ބުނީމަ." އާބިދު ވާހަކަ ދެއްކީ ނުހަނު އަވަހަށެވެ.
އިތުރަށް މަޑު ކުރުމެއް ނެތި ދާއިން ދުއްވައިގަތީ އޮފީހާ ދިމާލަށެވެ. އޭރު އޭނާގެ ކުރިމަތީގައި ސިފަވަމުންދަނީ މަންމަގެ ނިޔަނެތި މޫނެވެ.
ފުރަން ކުޑަ ވަގުތު ކޮޅެއް އޮތުމާއެކު ދާއިން އަވަސްވެ ގަތީ ނަމާދުކޮށް މަންމައަށް ހެޔޮ ދުއާ ކުރުމަށެވެ. އޭރު ވެސް އޭނާގެ ހިތް ބިރުންް ތެޅިފޮޅެމުން ދެއެވެ. މަންމައަށް ވާނުވާ ނޭނގި ހިތް މަރުވަމުން ދާ ކަހަލައެވެ.
" ކޮން... ކޮން ހޮސްޕިޓަލެއްގައި؟" ރިޒާ ފޯނު ނެގުމާއެކު ދާއިން އެހިއެވެ.
ޖަވާބު ދިނުމުގެ ބަދަލުގައި ރިޒާއަށް ރޮވިއްޖެއެވެ. އެ އަޑަކީ ދާއިންއަށް އަހަން ފަސޭވި އަޑެއް ނޫނެވެ.
" ކޮބާ ނަދީމްބެ؟ ދީބަލަ އަވަހަށް." ދާއިން ބުންޏެވެ.
ދާއިންއަށް ހޮސްޕިޓަލަށް ދެވުނު އިރު މަދީހާ އޮތީ އައި ސީ ޔޫގައެވެ. ދުވަމުން ކަހަލަ ގޮތަކަށް އައިސް އޭނާ ފުރަތަަމަ ވެސް ރިޒާގެ ގައިގައި ބައްދައިގަތެވެ. އޭރު ރިޒާއާއެކު އެތާ އިނީ ނަދީމެވެ.
" ކިހިނެއްވީ މަންމައަށް؟' ދާއިން ސުވާލު ކުރިއެވެ.
" ނޭނގެ.. ބައްޕަ ގެއަށް އައި އިރު...މަންމަ އޮތީ ހަބަރު ހުސްވެފައޭ." ރިޒާ ބުންޏެވެ.
އިސްޖަހައިގެން އިން ނަދީމް ފެނި، ދާއިން ގޮސް ނަދީމްއާ ޖެހިގެން ހުރި ގޮނޑީގައި އިށީނެވެ.
" ކަންތައްތައް ހިނގާ ދިޔަލެއް އަވަސް ކަމުން ނުގުޅުނީ. އަހަރެމެން ބެލީ އަވަހަށް މަންމަ ފަރުވާއަށް ގެނެވޭތޯ." ނަދީމް ބުނެލީ މަޑުމަޑުންނެވެ.
އަތުން މޫނު ފުހެލަމުން ދާއިން ރިޒާއަށް ބަލައިލިއެވެ. މަޑުމަޑުން ގިސްލަގިސްލާ އިން ބައްޕަގެ މޫނު ފެންނަ ކޮންމެ ފަހަރަކު ދާއިން ފެންކަޅި ވެއެވެ.
" ޑޮކްޓަރ އަދި މަންމަ ވެއްދި ފަހުން ނުނިކުމޭ. އެހެންވެ މިތާ މި ތިބެނީ. " ނަދީމް ބުންޏެވެ.
" ރަށުން ކީކޭ ބުނީ؟" ދާއިންއަށް އަހާލެވުނެވެ.
" ހާޓް އެޓޭކް." ނަދީމް އެހެން ބުނެ އިސްޖެހިއެވެ.
ދާއިންއަށް ލިބުނު ކުއްލި ސިހުމުގައި އޭނާއަށް ވެސް އިނދެވުނީއެވެ. މަންމަ ވަކިވެދާނެ ކަމުގެ ބިރު ހިތަށް ވެރިވުމާއެކު މަންމައާ ދެބަސްވެ ޒުވާބު ކުރާ ހަނދާންތައް އާވާން ފެށިއެވެ. އެހެންވެ، އިތުރަށް އޭނާ ހިތުގައި ޖެހިއްޖެއެވެ.
" ބައްޕަ ފެންފޮދެއް ބޯލަން ވީ އެއްނު. " ދާއިންގެ ކަންފަތުގައި ޖެހުނީ އަރޫޝާގެ އަޑެވެ.
އެއާއެކު ދާއިންއަށް އިސް އުފުލައި ބަލައިލެވުނެވެ. އޭރު ކޮތަޅެއް ހިފައިގެން އައިސް ރިޒާގެ ކުރިމަތީގައި އަރޫޝާ ހުއްޓެވެ. ކުޑަ ފެންފުޅިއެއް ނަގައި އޭނާ ރިޒާއަށް ދިއްކޮށްލި މަންޒަރު ބަލަން ދާއިންއާއި ނަދީމްއަސް ވެސް ތިބެވުނީއެވެ.
" އިންޝާﷲ މަންމައަށް ދެރަ ގޮތެއް ނުވާނެ. ދެން މިތާ މިސްކިތަށް ނަމާދު ކޮށްލަން ދާންވީނު ބައްޕައާއި ނަދީ...މް.." އަރޫޝާއަށް ރަނގަޅަށް ޖުމްލަ ފުރިހަމަ ވެސް ނުކުރެވުނެވެ.
ނަދީމްއަށް ބަލައިލި ވަގުތު އޭނާއާ ޖެހިގެން އިން ދާއިން ފެނި، އަރޫޝާގެ މުޅި ހަށިގަނޑު ރޫރޫ އަޅައިގަތެވެ. ފުންފުން ދެ ތިން ނޭވާ ވެސް ބޭއިހްތިޔާރުގައި އޭނާއަށް ދޫކޮށްލެވުނެވެ.
" ތެދެއް ދަރިފުޅާ ނަދީމް. ނަމާދުކޮށް ދުއާ ކުރުމުން އެންމެ އަވަސް ޝިފާ ދެއްވާނީ. ދާއިން ވެސް އާދޭ." ރިޒާ ތެދުވަމުން ބުނެލިއެވެ.
" އަހަރެން އައީ ނަމާދު ކޮށްގެން. " މަޑުމަޑުން ދާއިން ބުންޏެވެ.
ރިޒާއާއި ނަދީމް ހިނގައިގަތުމާއެކު އަރޫޝާ އިށީނީ ދެ ގޮނޑި ދޫ ކޮށްފައެވެ. އެ ވަގުތު ދާއިންއަށް އަރޫޝާގެ މޫނަށް ބަލައިލެވުނެވެ. އެއްފައި މައްޗަށް އަނެއްފައި ލައިގެން އަރޫޝާ އިސްޖަހާލައިގެން އިން ގޮތުން ހީވަނީ، ދާއިންގެ މޫނު ދެކެން ވެސް ބޭނުން ނުވާ ހެންނެވެ. އޭނާގެ ފަން އިސްތަށިގަނޑުން މޫނު ހުރީ ފޮރުވިފައެވެ. ހާސްކަމުގެ ތެރެއިން ވެސް އަރޫޝާ ފެނުމުން އިތުރަށް ދާއިންގެ ހިތަށް ތަދުވިއެވެ.
( ނުނިމޭ )
މި ވާހަކަ ގެނެސްދޭނީ ކޮންމެ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެވެ.