ސިލްސިލާ ވާހަކަ: ލޯބިވިޔަސް (18)

loabi viyas

ކުރީގެ އަދަދާއި ގުޅޭ:

" ނަދީމްގެ މަންމައަށް އަހަރެން ހުރިހާ އެއްޗެއް ކިޔައިދޭނަން. އެކަން ކުރަން އޭނައަށް ނުކެރުނަސް އަހަންނަށް ކެރޭނެ! އަރޫޝާ ހީކުރީ އަހަރެންގެ ބޮލަށް އޮށްގާ ބަސްތާއެއް އޮއްސާލީމަ، ބިރުން އަހަރެން މިތަނުން ދާނެ ކަމަށްތަ؟ ތިއީ ހަމަ ކުށްހީއެއް. އަހަރެން ފަހަތަކަށް ނުޖެހޭނަން. އަހަރެން މި ތަނުން ދާނީ ނަދީމް ވެސް ގޮވައިގެން. އަދި އަރޫޝާ އޭނަގެ ހަޔާތުން ނެރެ އެއްލައިލާފަ!" ޒައިނާއަށް ވާހަކަ ދެއްކުނީ ދަތްތައް ފިއްތަމުންނެވެ.

ރުޅި އައިސް ހުރި ވަރުން އޭނާ ނަދީމްއަށް ގުޅީ ހިތުގައި އޮތް ބިރުވެރިކަން އޭނާއަށް ހާމަކޮށްދޭށެވެ.

" ނަދީމް! އަހަންނަކަށް ހިއެއް ނުވެ އަރޫޝާ އަމިއްލައަށް ނަދީމްއާ ދުރަށް ހިނގައިދާނެހެންނެއް. " ޒައިނާ ބުނެލިއެވެ.

ފޯނު ނެގުމާއެކު ނަދީމްއަށް އިވުނީ ޒައިނާގެ ރުންކުރު އަޑެވެ. އެއާއެކު އޭނާއަށް ދެ ފަރާތަށް ބޯ ހޫރާލެވުނެވެ. އުނގުމަތީގައި އޮތް ލެޕްޓޮޕް ލައްޕާލުމަށްފަހު ނަދީމް ހަމަޖެހިލީ ޒައިނާގެ ވާހަކަ އަޑުއަހާށެވެ.

" މިހާރު ކިހިނެއްވީ؟ " ނަދީމްގެ ވާހަކަ ދެއްކުމުގެ ރާގުގައި ހުރީ ހިތްހަމަ ނުޖެހުމުގެ އަސަރުތަކެވެ.

" މިއަދު އަރޫޝާ ވަރަށް ނުސީދާކޮށް އަހަންނާ ދިމާލަށް ވަރަށް އެއްޗެހި ކީ. " ޒައިނާ ބުނެލިއެވެ.

އެ ވަގުތު ނަދީމްއަށް ލިބުނީ ހައިރާންކަމެވެ.

" އަރޫޝާއޭ؟ ޒައި އާ ދިމާލަށް އެއްޗެހި ކީ؟" ނަދީމްއަށް އަހައިލެވުނެވެ.

" އަހަންނަށް ހީވަނީ އަރޫޝާ އަހަންނަށް ޝައްކު ކުރާހެން. އޭނަ ބުނި އަހަރެން ގާތު، ނަދީމް އެންމެ ލޯބިވާ ކުއްޖާ އަހަންނަށް އެނގެންޏާ އަހަރެން ބުނާށޯ އެކުއްޖާ ގާތު ދުވަހަކު ވެސް ތިކަމެއް ނުވާނެޔޭ. ނަދީމް ދުވަހަކުވެސް އަރޫޝާ ވަރިއެއް ނުކުރާނެޔޭ." ޒައިނާ ބުންޏެވެ.

އެއްޗެއް ނުބުނެ އިރުކޮޅަކު ވިސްނާލަން އިނުމަށްފަހު ނަދީމް ހީލިއެވެ. އެ އަޑަށް ޒައިނާ އިތުރަށް ރުޅި ގަދަވެއްޖެއެވެ.

" އަދިވެސް ހެނީތަ؟ އޭނަ އެހެން ބުނެގެން އަހަރެން މިހިރަ ތެޅިފޮޅެނީ. ނަދީމްއަށް ހެވެނީތަ މަ މިހެން ބުނީމަ؟ ނަދީމް އޭނަ ދޫކޮށް ނުލާނެކަމުގެ ފުރިހަމަ ޔަގީންކަމާައި އިތުބާރު އޭނައަށް އޮންނަން ވީ ކީއްވެތަ؟ އަހަރެން ހީކުރީ އޭނަ ހުންނާނީ ނަދީމް އޭނަ ވަރިކޮށްފާނެތީ ބިރުން ސިހިސިހި ކަމަށް. އެކަމަކު އޭނަ ހަމަ ވަރަށް ކޫލް. " ޒައިނާ ވާހަކަ ދެއްކީ އަވަސް އަވަހަށެވެ.

" އެހެންތަ؟ ކޫލް ވުމާ ކޫލް ނުވުމަކީ އޭނަގެ ކަމެއްނު.  އަހަރެން ހިނިއައީ ޒައި ތިވަރަށް ތެޅޭތީވެ. އަބަދުވެސް އަހަރެން ބުނަން ދޯ ޒައި ހާސްނުވާށޭ. ކޮންމެ މީހަކު ކޮންމެ އެއްޗެއް ކިޔަސް އަހަރެން އަދި ޒައިއާ މެރީ ކުރާނަމޭ. ޒައި ތިހުރީ މިހާރު ވެސް އަހަރެންގެ ބެލުމުގެ ދަށުގައެއްނު. ދެން ހިތްހަމަ ޖައްސާލަބަލަ." ނަދީމް ބުންޏެވެ.

" މިހެން ހިތްހަމަ ޖައްސާލައިގެން ހުއްޓައޭ ތި ދެ މީހުން ލޯބިވާނީ. ނަދީމްދެކެ ލޯބިވޭތޯ އަހަރެން އަރޫޝާ ގާތު އެހީމަ ބުނި ވިއްޔަ ކީއްވެހޭ ލޯބި ނުވާންވީ؟ އެއީ ތިމަންނަގެ ފިރިމީހާއޭ. އޭނަގެ ދުލުން ނަދީމްއަކީ ފިރިމީހާއޭ ބުނާ އަޑު އިވޭ ކޮންމެ ފަހަރަކު އަހަރެން ހިތަށް އޭނަގެ އަރާ އަނގަމަތީ ޖަހާފާނަމޭ ވެސް. " ޒައިނާ ބުންޏެވެ.

" އޭ!އޭ! ހާދަ މައްޗަކަށް ތި ދަނީ؟ ޒައި މިހާރު ވާހަކަ ދައްކާ ގޮތުން އަހަރެން ހިތަށް އަރާ ތިއީ ހަމަ ޒައިބާވައޭ." ހެމުން ހެމުން ނަދީމް ބުންޏެވެ.

 

" ދެން މިހެން ދޯ އަހަންނަށް ވާނީ! އަހަންނަކަށް ނުވާނެ ކެތެއް! މިހާރު އަހަރެން ބޭނުންވަނީ އަހަންނަކީ ނަދީމްގެ ރައްޓެއްސެއް ނޫންކަން މަންމަ ގާތު ބުނަން. އޭރުން ދެން ހިތްހަމަ ޖެހޭނީ. " ޒައިނާ ބުންޏެވެ.

" ވަގުތު ޖެހުނީމަ އަހަރެން ބުނާނަމޭ. ޒައި ކެތްކޮށްބަލަ." ނަދީމް ތަންކޮޅެއް ބާރަށް އެހެން ބުނުމުން ޒައިނާ މައިތިރި ވެއްޖެއެވެ.

ފޯނު ބޭއްވުމަށްފަހު ނަދީމް ފުން ނޭވާއެއް ދޫކޮށްލިއެވެ. އޭރު ވެސް އޭނާގެ ކަންފަތުގައި ހަރުލާފައި ހުރީ އަރޫޝާއާ ބެހޭގޮތުން ޒައިނާ ދެއްކި ވާހަކަތަކެވެ. ބޭއިހްތިޔާރުގައި ނަދީމްއަށް ހިނިތުން ވެވުނެވެ. މިއީ އަރޫޝާ، ނަދީމްއާއެކު އުޅެން ބޭނުންވާ ވަރު ނަދީމްއަށް އިހްސާސް ކުރެވުނު ފުރަތަމަ ފަހަރެވެ.

ނަދީމް ފާހާނާއިން ނިކުތް އިރު އަރޫޝާ އޮތީ މުށިތައް މަތީގައެވެ. އިރުކޮޅަކު އަރޫޝާއަށް ބަލަން ހުރެފައި އޭނާ ވާހަކަ ދައްކަން ފެށިއެވެ.

” އެނދުގައި އޮންނަން ވީއެއްނު. “ ނަދީމް ބުންޏެވެ.

” ނޫނޭ. އަނެއްކާ މިރޭ ވެސް ނަދީމްއަށް އަނިޔާއެއް ލިބިދާނެ. އަހަރެން ބޮޑުވީ މަޑު ގޮދަނޑީގައި ނިދައިގެންނެއް ނޫނޭ. އަހަންނަށް ފުދޭނެ ކޮންމެ ތަނެއް ވެސް.” އަރޫޝާ ބުނެލިއެވެ.

” އެކަމަކު. ތިހެން ކަމަކު ނުދާނެ. އަހަރެން އޮވެދާނަން ތިރީގައި. ނިދަން ދެށީމަ ހޭނިދާނެ.“ ނަދީމް ބުންޏެވެ.

ނަމަވެސް މި ފަހަރުވެސް އަރޫޝާ ކުރީ އިންކާރެވެ.

“ އަދި ރަނގަޅަކަށް ބުންޏަސް ގޮތެއް ދުލެއް ނުކުރާނެ. “ ރުޅި އައިސް ހުރެ ނަދީމް އެހެން ބުނެ އެނދަށް އެރި އިރު ވެސް އަރޫޝާ އޮތީ އިތުރަށް އެއްޗެއް ނުބުނެއެވެ.

މިއަދަކީ ރިސޯޓަށް އައި ފަހުން ދާއިންއަށް ލިބުނު ފުރަތަމަ އޮފް ދުވަހެވެ. އެހެންވެ މެންދުރު ވީ އިރު ވެސް އޭނާ އެނދަކުން ނުފައިބައެވެ. އޭނާގެ ފޫހި ހަޔާތާމެދު ވިސްނާވިސްނާ މާޔޫސް ވެއްޖެއެވެ.

އޭރުވެސް އޭނާ އޮތީ އަރޫޝާ ކައިވެނި ހެދުމުގައި ހުރި ފޮޓޯއަށް ބަލާށެވެ. ދުވަހެއް ދުވަހަކަށް އެ ލޯބި ވަރުގަދަ ވާހެން ދާއިންއަށް ހީވެއެވެ. ނަމަވެސް ދުވަހަކު ވެސް ދެން އޭނާއަށް އަރޫޝާއެއް ނުލިބޭނެޔޭ ހިތަށް އަރާ ކޮންމެ ފަހަރަކު ވަރަށް ހިތުގައި ޖެހެއެވެ. އެފަދަ ކޮންމެ ވަގުތަކު އަދިވެސް ދާއިންއަށް އޭނަގެ އަމިއްލަ ނަފްސު ކުއްވެރި ކުރެވެއެވެ.

“އޭރު މާ ބޮޑަށް އުއްމީދު ކުރެވުނީމަ ފަރުވާކުޑަ ކުރެވުނީ..އެކަމަކު އަރޫއާއެކު ހޭދަކުރެވުނު ރޭތައް ތާޒާކަމާއެކު އަދިވެސް ހަނދާން އެބަހުރި. ކިހިނެއް އަހަރެން ހަދަންވީ؟ އެހެން ހަޔާތެއް ފަށަން ވީތަ ؟ “ ދާއިން ވާހަކަ ދެއްކީ ފޯނުން ފެންނަން ހުރި ފޮޓޯ ގަނޑަށް ބަލަމުންނެވެ.

ކުއްލި ގޮތަކަށް އޮފީހަށް ދާން ޖެހިގެން އަރޫޝާ ކޮޓަރިއަށް އައީ ފެންވަރާށެވެ. އޭރު ނަދީމް އޮތީ ފޯނުން ފިލްމެއް ބަލާށެވެ. އޭނާއަށް އަރޫޝާ ފެނުމާއެކު ފަރުވާތެރިކަމާއެކު ބަލައިލެވުނެވެ. އަރޫޝާ ބަލަން ހުރި ގޮތުން އޭނާ ކޮންމެވެސް އެއްޗެއް ބުނަން ބޭނުން ވެފައި ހުރި ހެން ހީވިއެވެ. ނަމަވެސް އަދިވެސް އިސްވެ އޭނާ، އަރޫޝާއާ  އަނގައިނެއް ނުބުނެއެވެ. އެހެންވެ، ގޮތްދޫ ނުކޮށް އޭނާ އަނެއްކާ ވެސް ފޯނަށް ބަލައިލީ އަރޫޝާއަށް ސަމާލުކަންދޭން ބޭނުން ނުވާކަން ދައްކާށެވެ.

" އަހަރެން... އޮފީހަށް ދާން ވެގެން." އަރޫޝާ ބުންޏެވެ.

" ދެން؟ އަހަރެން ނުހިފަހައްޓަމެއްނު. އަރޫޝާގެ އެއްވެސް ކަމަކާ އަހަންނެއް ނުބެހެމެއްނު. ތި ދާ ތާކަށް ދެވޭނެ ކޮންމެހެން އަހަރެން ގާތު ނުބުންޏަސް." ނަދީމް ބުންޏެވެ.

ނަދީމް ބޭނުންވީ އޭނާ އަރޫޝާ ދެކެ ފޫހިވާ ވަރު ހާމަކޮށްދޭށެވެ. ނަމަވެސް އެހެން ދުވަސްތަކާ ހިލާފަށް މިއަދު ނަދީމްއަށް ތަފާތުކަމެއް އިހުސާސް ކުރެވިއްޖެއެވެ. އަރޫޝާ އަނގައިން ބުނުމުން އޭނާއަކަށް ރުޅިއެއް ނާދެވުނެވެ.

އެ ވަގުތު ދޮރު ބުޑުގައި ހުރި އަރޫޝާ، ފަޔަށް ބާރުލައިފައި ގޮސް އެނދު ކައިރީ ހުއްޓި، ދެ އަތް އުރާލިއެވެ.

" އަހަރެން މިއައީ ނަދީމްގެ ހުއްދަ ހޯދާކަށް ނޫނޭ. " އަރޫޝާ ބުންޏެވެ.

އެއާއެކު ފޯނު އެނދުމަތީ ބޭއްވުމަށްފަހު ނަދީމް ވެސް ތެދުވިއެވެ. އަދި ދެ ޖީބަށް އަތް ޖަހާލަމުން ދެ ކޮނޑު ހިއްލާލިއެވެ.

" ދެން ކޮންމެހެން އަހަރެން ގާތު ބުނަން ޖެހޭތަ؟ ފިލްމެއް ބަލަން އޮތްކަމެއް ނޭނގޭތަ؟ ހީވަނީ ހަމަ އަހަންނަށް އުނދަގޫކޮށް ނުލައި އަރޫޝާއަށް ކެތްވެސް ނުވަނީހެން." ނަދީމް ބުންޏެވެ.

" އަހަރެން އޮފީހަށް ދާ ގަޑި ޖެހެނީ. އޮފީހަށް ދާނީ ފެންވަރައިގެން ކަމެއް ނޭނގޭތަ؟ އެހެން ބުނީމަ ނިކުންނަން ނޭނގޭ ވަރުގެ ކުޑަކުއްޖެއްތަ ތީ؟" އަރޫޝާ ވަގުތުން ނަދީމްއަށް ފުރަގަސް ދިނެވެ.

" އުނ؟ ތި ހިތުގައި އޮންނަ އެއްޗެއް މަށަށް އެނގޭތަ؟ ފެންވަރަން ބޭނުންވަންޏާ ބުނަން ޖެހޭނީ ފެންވަރާށޭ މިއައީ. އޮފީހަށް ދާން ވެގެންނެކޭ ނޫން ބުނާނީ. " އެނދުމަތީ އޮތް ފޯނު ނަގަމުން ނަދީމް ބުންޏެވެ.

އެއަށްފަހު އެންމެ އިރުކޮޅަކު ވެސް މަޑުނުކޮށް އޭނާ ނިކުމެއްޖެއެވެ. އެ ވަގުތު އަރޫޝާގެ މޫނުމަތީގައި ކުޅެލީ ލާނެތް ހިނިތުން ވުމެކެވެ.  ބޭރަށް ނިކުތް ނަދީމްއަށް ވެސް ބޭއިހްތިޔާރުގައި ހެވުނެވެ.

" މިއީ ހާދަ މަޖާކަމެކޭ! އެ ކުއްޖާއާ ޒުވާބު ކޮށްލެވުނީމަ މިއަދު ވަރަށް ހިތްހަމަ ޖެހިއްޖެ! " ނަދީމްއަށް ބުނެވުނެވެ.

ފަނަރަ ވަރަކަށް މިނިޓް ވީ އިރު ވެސް ނަދީމް އިނީ ސޯފާގައެވެ. ޒައިނާ ކޮޓަރީގައި އޮންނާނެކަން އެނގި ހުރެ ވެސް އޭނާ ޒައިނާއަކަށް ނުގޮވައެވެ. އިންތިޒާރު ކުރަމުން ދިޔައީ އަރޫޝާ ނިމޭނެ އިރަކަށެވެ. އެންމެ ފަހުން އޭނާ ގޮސް ކޮޓަރީގައި ޓަކި ޖަހައިފިއެވެ.

ދެ ފަހަރަކު ޓަކި ޖަހާލުމާއެކު އަރޫޝާ އައިސް ދޮރު ހުޅުވިއެވެ. އެ ވަގުތު ކޮޓަރި ތެރެއިން ދުވާ މީރު ވަހުން ނަދީމްއަށް އެތެރެއަށް ނޭވާ ދަމާލެވުނެވެ.

" އަަހަރެން އަދި ނުނިމެޔޭ! " އަރޫޝާ ބުންޏެވެ.

ނަމަވެސް ނަދީމް މަޑުނުކޮށް އެތެރެއަށް ވަދެއްޖެއެވެ. އަރޫޝާ ބުނި އެއްޗަކަށް ސަމާލުކަން ނުދީ އޭނާ ގޮސް އަނެއްކާ ވެސް އެނދުގައި އޮށޯވެލިއެވެ.

" އަހަރެން ނިމެންދެން މަޑު ނުކުރީ ކީއްވެ؟ " އަރޫޝާ އެހިއެވެ.

" އެ ހޫނު ގަނޑަކު ނީނދެވޭނެ. އެހެން ނޫނަސް މިހާރު ފެންވަރައިފީމެއްނު. " ފަރުވާކުޑަ ގޮތަކަށް ނަދީމް ބުނެލިއެވެ.

" މިހާރު ހީވަނީ އަހަންނަށް އުނދަގޫ ކުރަން އުޅޭހެން. ކިތަންމެ އުނދަގޫ ކުރިޔަސް ވަރިވާކަށް އަހަންނެއް ފޯމެއް ނުލާނަން. ނަދީމްއަށް ބޭނުމިއްޔާ މިހާރު މިތާ ވެސް ވަރި ކުރެވިދާނެ. އެކަން ނުވެގެންދޯ ތިހެން އަހަންނަށް ޖެއްސުން ތި ކުރަނީ. " އަރޫޝާ އެހެން ބުނެ ޑްރެސިން ޓޭބަލްއާ ދިމާލަށް ހިނގައިގަތެވެ.

" ވަރިކުރަން ބޭނުން ނުވާތީއެއް ނޫނޭ ވަރި ނުކޮށް މި ހުރީ! އަހަރެން އަދި އަރޫޝާ ވަރިކުރާނަން." ނަދީމް ބުނެލިއެވެ.

އެއާއެކު ލޯގަނޑު ކުރިމަތީގައި ހުރި އަރޫޝާގެ އަވަސް ހަރަކާތްތަކަށް ލަސްކަމެއް އައިކަން ނަދީމްއަށް ފާހަގަ ކުރެވުނެވެ. ބޮލުގައި މަޑުމަޑުން ފުނާ ހާކާލަ ހާކާލާ އޭނާ ހުރީ ފުން ވިސްނުމެއްގައިކަން ވެސް ނަދީމްއަށް ދެނެގަނެވުނެވެ.

" ހީކުރީތަ އަހަރެން މި އުޅެނީ ވަރަށް އުޅޭހިތުންނޭ. ނޫނީ އަހަރެން އަރޫޝާ ވަރިއެއް ނުކުރާނެޔޭ. އެކަހަލަ ކުށް ހީ ނުކުރައްޗޭ. " އަނެއްކާ ވެސް ނަދީމް ބުނެލިއެވެ. އަރޫޝާއަށް އަޑު އިވޭ ވަރަށެވެ. އެފަދަ ބަސްތައް ބުނާ ކޮންމެ ފަހަރަކު އަރޫޝާއަށް ވާ ގޮތް ބަލައިލަން ނަދީމް ބޭނުންވާ ކަހަލައެވެ.

ނަމަވެސް އަރޫޝާގެ ފަރާތުން އެއްވެސް ބަހެއް ނުލިބުނެވެ. ފާރުގައި އަޅުވާފައި ހުރި އަތް ބަދަސް ނަގައި ކޮނޑުގައި އަޅުވާލުމަށްފަހު ދޮރާ ދިމާލަށް އޭނާ ހިނގައިގަތެވެ. ދޮރާ ހަމައަށް ގޮސް ހުއްޓުމަށްފަހު އޭނާ ނަދީމްއަށް ބަލައިލިއެވެ. އެއާއެކު ބޭއިހްތިޔާރުގައި ނަދީމްއަށް ވެސް އަރޫޝާގެ މޫނަށް ބަލައިލެވުނެވެ.

" އަހަރެން ކިހިނެއް ތިހެން ހީ ކުރާނީ؟ އަހަންނަށް އެނގެޔޭ ނަދީމް ތި އުޅެނީ އުޅޭހިތަކުން ނޫންކަން. އަދި ނަދީމް ވަރަށް ލޯބިވާ އެހެން ކުއްޖަކު ހުންނަކަން ވެސް އަހަންނަށް އެނގެޔޭ." އަރޫޝާ ބުންޏެވެ.

އިތުރަށް ވާހަކަ ދައްކާނެ ފުރުސަތެއް ނަދީމްއަށް ނުދީ އަނެއްކާ ވެސް ވާހަކަ ދައްކަން ފެށީ އަރޫޝާއެވެ.

" އެ މީހަކު ބޭނުން ގޮތަކަށް އަހަންނާމެދު ކަންތައް ކުރަންވީ! އަހަންނަކީ ޔަތީމެއް. އަހަރެންގެ ދިފާއުގައި ނިކުންނާނެ އެއްވެސް މީހަކު ނުހުންނާނެ. ބަޔަކު ބުނެގެން، އެ ބަޔަކު ދެއްކި މީހަކާ އަނެއްކާ ކައިވެނި ކުރީ! ދެން އަހަރެންގެ ފިރިމީހާ ބޭނުންވީމަ، އޭނަ އަހަރެން ވަރިކުރަންވީ. މިއީ އަހަރެންގެ ތަގްދީރު. އަހަރެންގެ އަމިއްލަ ނަފްސަށް ބާރު ފޯރުވުމުގެ މިނިވަންކަން ވެސް ހުދު އަހަންނަކަށް ލިބިފައެއް ނެތް. މިއީ އަހަންނަށް ހުރި ގޮތް. ލޯބިވުމާ، ލޯބި ލިބުމުގެ ނަސީބްވެސް އަހަރެންގެ ނެތް." އަރޫޝާ ބުންޏެވެ.

އޭނާގެ އަޑުގައި ހުރި މަޑުމައިތިރިކަމާ ހިތްދަތިކަމުގެ އަސަރު ނަދީމްގެ ހިތުގެ އެންމެ ހިމަ ނާރާހަމައަށް ވެސް ފޯރައިފިއެވެ. ރައްދުގައި އެއްޗެއް ބުނަން ނޭނގިފައި އޭނާއަށް އޮވެވުނީއެވެ. އެ ވަގުތު އެއްމިޔަކަނުން ހީލުމަށްފަހު އަރޫޝާ ނިކުމެގެން ގޮއްސިއެވެ.

 

" އަހަންނަށް ވަކި ހުރީ ކޮން ގޮތެއް؟ ވީ އެއްވެސް މޮޅެއް ނެތް. އަހަރެން ވެސް މިހުރީ ހަދާނެ ގޮތެއް ނޭނގިފައި. " އެނދުން ތެދުވަމުން ނަދީމް ހިތާހިތާ ކިޔާލިއެވެ.

ހަމަ އެ ވަގުތެވެ. ކުއްލިއަކަށް ޒައިނާ އައިސް ވަދެއްޖެއެވެ. ދޮރު ލައްޕާ، ތަޅުލުމަށްފަހު އޭނާ ދުވެފައި އައިސް ނަދީމްގެ ގައިގައި ބާރަށް ބައްދައިގަތެވެ.

" އަރޫޝާ އޮފީހަށް ދިޔަތަން ފެނިގެން މިއައީ." ޒައިނާ ބުންޏެވެ.

އެއާއެކު ނަދީމް އަވަސް އަވަހަށް ޒައިނާ އޭނާއާ ދުރު ކޮށްލިއެވެ. އޭރު ނަދީމްގެ މޫނުމަތީގައި ވަނީ ކަންބޮޑުވުމުގެ އަސަރުތަކެވެ.

" ޒައި! ކީއްކުރަން މިތަނަށް ތި ވަނީ؟ މަންމަމެންނަށް ފެނިދާނެ." ނަދީމް ބުނެލީ ބިރުން ހުރެއެވެ.

" އެކަމަކު ހާދަ ދުވަހެއް ވެއްޖެޔޭ ދެ މީހުން އެކަނި ބައްދަލްކޮށް ނުލެވެނީ. ޕްލީޒް ނަދީމް އަހަރެން ފޮނުވައިނުލާ." އާދޭހުގެ ރާގުގައި ޒައިނާ ބުންޏެވެ.

ދެ އަތުން ނަދީމްގެ ހަށިގަނޑުގައި ޒައިނާ ފިރުމަން ފެށިއެވެ. އަދި އޭނާގެ ކަނދުރާގައި ތުންފަތް ޖައްސާލުމާއެކު ނަދީމް ޒައިނާ ގެ ދެ ކޮނޑުގައި ހިފާ ދުރު ކޮށްލިއެވެ.

" އަހަރެންގެ ފިރުމުންތަކަށް ނަދީމް މިހާރު ދަހިވެއްޗެއް ނުވޭތަ؟" ޒައިނާ ބުނެލީ މަސްތީ އަޑަކުންނެވެ.

" ކިހާ ދުވަހެއް އަހަރެމެން ބައްދާނުލަނީ ވެސް.." ގަދަކަމުން ނަދީމްގެ މެދުހަށީގައި ބާރަށް ހިފަހައްޓަމުން ޒައިނާ ބުނެލިއެވެ.

އެއާއެކު ނަދީމް އަނެއްކާ ވެސް ޒައިނާ ދުރަށް ޖައްސާލިއެވެ.

" ޕްލީޒް ޒައި! ޖަޒްބާތުގައި ޖެހިގެން ތިހެން ނޫޅެބަލަ. މި ތަނުން ނިކުންނަ ތަން ފެނުނަސް ކަމަކު ނުދާނެޔޭ. އިހަށް ދޭ! " ނަދީމް ބުންޏެވެ.

ހައިރާންކަމާއެކު ޒައިނާ ނަދީމްއަށް ބަލައިލި ނަމަވެސް ނަދީމް އޭނާގެ ހަރަކާތްތައް އަވަސް ކޮށްލިއެވެ. ގަދަކަމުން ޒައިނާގެ އަތުގައި ހިފައި ދޮރާ ދިމާލަށް ހިނގައިގަތް އިރު ވެސް ޒައިނާ ގަދަ ހަދަމުން ދިޔައީ މަޑު ކުރެވޭތޯއެވެ.

" ނަދީމް! " ހިތްހަމަ ނުޖެހިފައި ހުރެ ޒައިނާ އަތް ފޮޅުވާލިއެވެ.

" އަހަރެން މި ތަނަށް ވަދެގެން ނަދީމް ތިހާ ވަރަށް ތެޅެން ޖެހޭތަ؟ އަހަރެން މި ތަނަށް މިވަނީ ވަރަށް އުއްމީދުގަ. ހީކުރީ އަހަރެން މިހެން އެކަނި ފެންނަ އިރަށް ނަދީމް ހުންނާނީ އަހަންނާ ހެދި މޮޔަވެފައި ކަމަށް. މިކަހަލަ ފުރުސަތަކަށް ނަދީމް އިންތިޒާރެއް ނުކުރަންތަ؟" ޒައިނާ ބުނެލީ ރުޅި ގަދަވެފައި ހުރެއެވެ.

" ބޭނުންވާ ކޮންމެ ކަމެއް ވާނެތަ؟ މި ކަހަލަ ފުރުސަތަކަށް ވުރެ، އަހަރެން މާ ބިރުގަނޭ ކަމެއް ގޯސް ވެދާނެތީ. އިހަށް ދޭ މިތަނުން." އަނެއްކާވެސް ނަދީމް އެދުނެވެ.

" މިހާރު އަހަރެންދެކެ ލޯތްބެއް ވެސް ނުވޭދޯ؟ އަރޫޝާއާ އެއް ކޮޓަރިއެއްގައި އުޅެން ޖެހޭތީ އޭނަ ދެކެ ލޯބި ވެވުނީތަ؟" ޒައިނާ އެހިއެވެ.

" ހެޔޮނުވާނެ ޒައިނާ! ބޭކާރު ވާހަކަ ނުދައްކާ މި ތަނުން ނިކުންނަން އާދޭ! " ނަދީމް ބުންޏެވެ.

ޒައިނާގެ އަތުގައި ހިފައިގެން ދަމަމުން ކަހަލަ ގޮތަކަށް ގޮސް އޭނާ ކޮޓަރީގެ ދޮރު ހުޅުވާލީ ނުހަނު ބިރުން ހުރެއެވެ. ވަގުތަކީ މަދީހާ އައިސް އެ ކޮޓަރި ދޮރުމައްޗަށް އެރި ވަގުތެވެ. އެ ސިކުންތުގައި މަދީހާގެ ނަޒަރު ފުރަތަމަ ވެސް ހުއްޓުނީ ނަދީމްގެ އަތަށެވެ. އެއާއެކު ނަދީމް އަވަހަށް ޒައިނާގެ އަތުން ދޫކޮށްލިއެވެ.

ޒައިނާއާއި ނަދީމްގެ މޫނުމައްޗަށް އަރަމުންދާ ކުލަވަރުން މަދީހާގެ ހިތުގައި ބިރުވެރިކަން އުފެދިއްޖެއެވެ. އޭނާއަށް ޒައިނާގެ މޫނަށް ބަލައިލެވުނީ ހިތްހަމަ ނުޖެހޭ ފަދަ ގޮތަކަށެވެ.

" ޒައި...ނާ ކީއްކުރަނީ މިތާ؟" މަދީހާ އަހާލިއެވެ.

" އަރޫޝާ އުޅޭކަމަށް އައިސް ވަނީ." ޒައިނާއަށް ވުރެ ކުރިން ޖަވާބު ދިނީ ނަދީމެވެ.

އެއާއެކު މަދީހާއަށް ލިބުނީ މާ ބޮޑު ހައިރާންކަމެކެވެ. ޒައިނާ ވަގުތުން އިސްޖަހާލިއެވެ.

" މަންމަ ފެންވަރަން ވަންނަން ދަނިކޮށް، އަރޫޝާ ބުނި އޮފީހަށޭ މި ދަނީ! އޭރު ޒައިނާ ވެސް އެތާ ހުރި. " މަދީހާއަށް ބުނެވުނެވެ.

ހިންދިރުވާލަމުން ނަދީމްއަށް ޒައިނާގެ މޫނަށް ބަލައިލެވުނީ ހިތްހަމަ ނުޖެހިފައި ހުރެއެވެ.

" ޒައިނާ ދޭ ކޮޓަރިއަށް. "  މަދީހާ ބުންޏެވެ.

ޒައިނާއަށް ޖާގަ ދިނުމުގެ ގޮތުން މަދީހާ އެއްފަރާތަކަށް ޖެހިލިއެވެ. އިސްޖަހައިގެން ހުރެ ޒައިނާ ނިކުތުމާއެކު މަދީހާ އެތެރެއަށް ވަދެ، ދޮރު ލެއްޕިއެވެ.

ހިތްހަމަ ނުޖެހިފައި ހުރެ އެ ކޮޓަރިއާ ދިމާލަށް ބަލައިލުމަށްފަހު ޒައިނާ އޭނާގެ ކޮޓަރިއާ ދިމާލަށް ދުއްވައިގަތް އިރު އޭނާއަށް ރޮވިއްޖެއެވެ.

ނަދީމްގެ ކުރިމަތީގައި މަދީހާ ހުއްޓުމާއެކު ނަދީމްއަށް އިސްޖަހާލެވުނެވެ. މަދީހާގެ ސުވާލުތަކަށް ދޭނެ ޖަވާބެއް އޭނާއަކަށް ނޭނގެއެވެ. ގަތް ލަދުން ނަދީމް ހުރީ މަންމަގެ މޫނަށް ބަލައިލަން ވެސް ނުކެރިފައެވެ.

" އަރޫޝާ ނެތްކަން އެނގި ހުރެ ޒައިނާ މި ތަނަށް ވަނީ ކީއްކުރަން؟ ތި ދެ ކުދިންގެ ދިރިއުޅުން ހަލާކު ކުރަންތަ އެ އުޅެނީ؟" މަދީހާ ބުންޏެވެ.

ނަދީމްއަކަށް އެއްވެސް އެއްޗެއް ނުބުނެވުނެވެ.

" ނަދީމް އެއްޗެއް ނުބުނެ ހުރީމަ މަންމައަށް މިހާރު ސާފު ވެއްޖެ ، ޒައިނާގެ ހިތް ރަނގަޅު ނޫންކަން. އެ ގޮތަށް އުޅޭ އަންހެނުން އަބަދުވެސް ބަލާނީ ދެމަފިރިއެއްގެ ދޭތެރެއަށް ވަދެ، ދިރިއުޅުން ހަލާކު ކުރަން." މަދީހާ ބުންޏެވެ.

އޭނާ ރުޅި އައިސްފައި ހުރި ވަރުން ނަދީމް ހުރީ ވަރަށް ބޮޑަށް ކަންބޮޑުވެފައެވެ.

" އެންމެ އަވަހަށް ފުރާ ބޯޓަކުން ޒައިނާ ފުރުވާލާ! " މަދީހާގެ ފަހު ޖުމްލައިން ސިހިފައި ނަދީމްއަށް އިސް އުފުލައިލެވުނެވެ. އެއީ އޭނާ ބޭނުން ވާ ގޮތެއް ނޫންކަން އެ މޫނުމަތިން ހެކި ދެއެވެ.

" ކިހިނެއްވީ؟ ހާދަ ކަންބޮޑު ވީ؟ ޒައިނާގެ މަގުސަދު އަރޫޝާއަށް އެނގުނީމަ ދިރިއުޅުމުގައި މައްސަލަ ޖެހޭނީ. އެހެންވެ އޭގެ ކުރިން މި ބުނަނީ އޭނަ ފޮނުވާލާށޭ. " ދެ ލޯ ބޮޑު ކޮށްގެން ހުރެ މަދީހާ އަމުރު ކުރިއެވެ.

( ނުނިމޭ )

މި ވާހަކަ ގެނެސްދޭނީ ކޮންމެ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. Nadheem bunaane baa zaina ey kaakukan eyna mamma kaaryga..heevaa gothun nadheem ah arooshaa dheke loabi vevynee thoahcheh..ekm vrh beynun dhaain anburaa rashah anna bayeh

  2. މާ ލަހެއް ނުވެ ތި ބައި ކިޔާލަން ލިބިދާނެ. (: ނަދީމް ބުނާނެތަ؟ އެއީ އެއަށް ވުރެ މާ ފިނޑި ސޮރެއް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *