ފެނަކަ ކޯޕަރޭޝަނުން އެކި ރަށްރަށުގައި ހިންގަމުންދާ އެ ކުންފުނީގެ އައު އޮފީސް އިމާރާތް ކުރުމާއި އިންޖީނުގެ ޤާއިމްކުރުމުގެ މަޝްރޫޢޫގެ ތެރެއިން އިތުރު ހަތަރު ޕްރޮޖެކްޓެއްގެ މަސައްކަތް އެއްކޮށް ނިންމާލައިފިއެވެ.
މި މަޝްރޫޢުގެ ތެރެއިން ނިންމާލި އެއް ތަނަކީ މ.މުލީގައި އިމާރާތް ކުރަމުންދިޔަ އޮފީސް އިމާރާތެވެ. މި އިމާރާތަކީ، އަލިފާން ނިވާ ސިސްޓަމަކާއި ފަޔަރ އެލާމް ސިސްޓަމެއްވެސް ޤާއިމްކޮށްފައިވާ ޒާމާނީ ފެންވަރަށް ތަަރައްޤީ ކޮށްފައިވާ އިމާރާތެކެވެ. ދެ ބުރިއަށް އިމާރާތް ކުރުމަށް ފަރުމާކޮށްފައިވާ މި އޮފީސް އިމާރާތަކީ ޖާގައިގެ ގޮތުން ތަނަވަސް އިމާރާތަކަށް ވުމުން، އިމާރާތް ބޭނުން ކުރެވެން ފެށުމުން މުވައްޒަފުންނަށާއި ޚިދުމަތް ހޯދާ ކަސްޓަމަރުން މިހާރަށްވުރެ ފަަސޭހަ ވެގެންދާނެކަމަށް ފެނަކައިން ބުނެއެވެ.
މުލީގެ އިތުރުން ބ.ކެންދޫގެ ފެނަކަ އޮފީސް އިމާރާތުގެ މަސައްކަތް ވެސް އެއްކޮށް ނިންމާލާފައިވާއިރު، ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ އޮފީސް އިމާރާތުގެ އިތުރަށް އައު އިންޖީނުގެއެއްވެސް އެރަށުގައި އިމާރާތްކޮށް، މިހާރުވަނީ %97 މަސައްކަތް ނިމިފައެވެ. އައު އިންޖީނުގެއާއި އޮފީސް އިމާރާތް ބޭނުން ކުރެވެން ފެށުމުން މިހާރު ދެމުންދާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރެވި، އެރަށުގެ އާއްމު ރައްޔިތުންގެ އިތުރުން ވިޔަފާރިތަކަށްވެސް އޭގެ ނަފާ ލިބިގެންދާނެކަމަށް ފެނަކައިން ބުނެފަވެއެވެ.
މީގެ އިތުރުން ރ.ރަސްގެތީމުގައި ޤާއިމްކުރަމުންދާ އިންޖީނުގޭގެ މަސައްކަތްވެސް މުޅީންހެން ނިންމާލެވި، އަންނަ ހަފްތާގައި އިންސްޕެކްޝަން ކުރިއަށް ގެންދެވޭނެކަމަށް ފެނަކައިން ވަނީ ބުނެފައެވެ.
އެކުންފުނިން ބުނިގޮތުގައި ރަސްގެތީމުގައި އައު އިންޖީނުގެތައް އިމާރާތް ކުރުމުގެ އިތުރަށް އިންގީނުގޭގެ ޑެގްރޫމް ބޮޑުކުރުމުގެ މަޝްރޫޢުތަކެއްވެސް ކުރިއަށް އެބަދެއެވެ. އެގޮތުން ގދ.ފިޔޯރީގައި ކުރިއަށް ގެންދިޔަ ޑެގްރޫމް އެކްސްޓެންޝަން މަސައްކަތް މިހާރު ވަނީ މައި ދޮރުގެ މަސައްކަތް ފިޔަވައި އެހެން ހުރިހާ މަސައްކަތެއް ފުރިހަމަކުރެވިފައި ކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.
ފެނަކައިން ކުރިއަށް ގެންދާ މި މަޝްރޫޢުތަކުގެ ނިމުމުން އެރަށްރަށުގައި ފެނަކައިން ދޭ ޚިދުމަތްތައް ފުޅާކުރެވި، ޚާއްސަކޮށް ކަރަންޓުގެ ޚިދުމަތަށް ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!