ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ފަތުވާ މަހާސިންތާއެއް ބާއްވައިފިއެވެ.

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ ގުޅިގެން، ''ފަތުވާ މަހާސިންތާ 2024'' ނަމުގައި ބޭއްވި މި މަހާސިންތާގެ މައުޟޫއަކީ "މުޖުތަމަޢު އިސްލާޙު ކުރުމުގައި ފަތުވާގެ ދައުރު" އެވެ.

Ad
rt

އިސްލާމީކަންތައްތަކާބެހޭ ވުޒާރާއިން ބުނީ، މި މަހާސިންތާގެ މަޤްސަދަކީ ދިވެހިރާއްޖޭގައި ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމާއި އިސްލާމްދީނުގެ މަތިވެރިވި ދަންމަރު ފެތުރުމަށް މަސައްކަތްކުރައްވާ ފަރާތްތައް އެއްތަނަކުން ބައްދަލުވެ މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގައި ދީނީގޮތުން ޚިޔާލުތަފާތުވާ މައްސަލަތައްދެނެގަތުމާއި، މުޖުތަމަޢުގެ މަސްލަޙަތު ހިމެނޭ ދީނުގެ އެކިއެކި މައްސަލަތަކުގައި ޚިޔާލު ހޯދާ މަޝްވަރާކުރުމާއި، މިކަންކަމުގައި ގުޅުންހުރި ފަރާތްތައް އެކުގައި މަސައްކަތްކޮށް މުޖުތަމަޢު އިޞްލާޙު ކުރުމުގައި ރޭވުންތެރިކަމާއެކު ރަނގަޅު ނަތީޖާތަކެއް ނެރެވޭނެ ގޮތްތައް ދެނެގަތުމަކީ ވެސް މި މަހާސިންތާގެ މަޤްޞަދުތަކެވެ.

މި މަހާސިންތާ ކުރިއަށް ގެންދަނީ ޕެނަލް ޑިސްކަޝަންތަކެއް ހިމެނޭހެންނެވެ. މި ޕެނަލް ޑިސްކަޝަންތަކުގައި ދިވެހިރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ ދީނީ ޢިލްމުވެރިން ބައިވެރިވަޑައިގަތެވެ.

ފަސް ސެޝަނަކަށް ގެންދިޔަ މި މަހާސިންތާގެ ސެޝަންތަކުގައި ޕެނަލް ޑިސްކަޝަންތައް ބާއްވާފައިވާ މަޢުލޫތަކަކީ،

  • ސެޝަން 1: ދިވެހިރާއްޖެ އާއި ފަތުވާ
  • ސެޝަން 2: ފަތުވާ – މުޖުތަމަޢު އިޞްލާހު ކުރުމަށް މަގެއް
  • ސެޝަން 3: މިހާތަނަށް ނެރެފައިވާ ފަތުވާތަކުގެ އުސްއަލި
  • ސެޝަން 4: ފަތުވާދޭ މީހުންނާއި ފަތުވާ ލިބިގަންނަ މީހުންގެ އަޚްލާޤީ މިންގަނޑު އަދި ފަތުއެއް ނެރުމުގައި ދިވެހިރާއްޖޭގައި ޢަމަލު ކުރަމުން ގެންދާ ގޮތްތައް
  • ސެޝަން 5: ޒަމާނީ ވަސީލަތްތަކުގެ އެހީގައި ފަތުވާއާ ދީނީ ނަސޭހަތް ދިނުމުގެ ނިޒާމަށް ބަދަލު ގެންނަންޖެހޭ ހެއްޔެވެ؟
  • ސެޝަން 5: ޤާނޫނީ ނަޒަރަކުން ދީނީ ނަސޭހަތްދިނުމުގައި ވިސްނަންޖެހޭ ކަންތައްތައް

މަހާސިންތާ ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ ،އިސްލާމީ ފިޤުހުގައި ފަތުވާގެ މަޤާމަކީ ވަރަށް މަތިވެރި މަޤާމެއްކަމަށާއި ވަކި ކަމެއްގެ ޝަރުޢީ ޙުކުމެއް ބަޔާންކުރުމުގެ ކުރިން އެކަމެއްގެ ޙަޤީޤަތް ތަޞައްވުރު ކުރުމަކީ ޝަރުޢީ ޤަވާޢިދެއްކަމުގައެވެ. އަދި މިޒަމާނުގައި، ކުރިމަތި ވެފައިވާ ޒަމާނީ ފިޤުހީ މައްސަލަތަކުގައި ޙުކުމްތައް ބަޔާންކުރުމުގައި ޖަމާޢީ ގޮތުން މަޝްވަރާކުރެވެން ޖެހޭކަމަށާއި އެފަދަ ކަންކަމުގައި ފަރުދީގޮތުން ފަތުވާދީ ހެދުމަކީ އިސްލާމީ މުޖުތަމަޢު ބައިބައިވެގެން ހިގައިދާނެ ކަމެއްކަމުގައި ވިދާޅުވިއެވެ.