އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި އޭނާގެ ކުރީގެ ޑިފެންސް މިނިސްޓަރ ޔޯއަވް ގަލަންޓް ހައްޔަރުކުރުމަށް ބައިނަލްއަގުވާމީ ޖިނާއީ ކޯޓް، އައިސީސީން އަމުރު ނެރުމާއި ގުޅިގެން އެކަމަށް ރާއްޖެއިން މަރުހަބާ ކިޔައިފިއެވެ.

ސޯޝަލް މީޑިއާގައި ރޭ ހިއްސާ ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ އައިސީސީގެ އެނިންމެވުމަކީ ފަލަސްތީނުގެ ހިންގަމުންދާ އިންސާނިއްޔަތާއި ހިލާފް ޖަރީމާތަށް ހުއްޓުވައި އިޒްރޭލު ޖަވާބުދާރީކުރުވުމަކީ ކޮންމެހެން އަޅަންޖެހިފައިވާ ފިޔަވަޅެއްކަމަށާއި، ބައިނަލްއަގުވާމީ ކޯޓުން އެ ނިންމެވި ނިންމެވުމަށް ރާއްޖެއިން ފުރިހަމައަށް އިހްތިރާމްކުރާ ކަމުގައި ރައީސް ވިދާޅުވިއެވެ.

Ad
rt

ހުކުމް ތަންފީޒުކުރުމުގެ މުހިއްމުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ބައިނަލްއަގުވާމީ ގާނޫނުތައް ތަންފީޒުކޮށް، ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފު ހޯދައިދީ، ސަރަހައްދުގައި ހަމަޖެހުން ގާއިމުކުރުމަށް މިއީ މިހާރު ކޮންމެހެން ވެސް ކުރައްންޖެހޭ ކަމެއްކަމަށެވެ.

ބައިނަލްއަގުވާމީ ޖިނާއީ ކޯޓުގެ އިސް ޕްރޮސިކިޔުޓަރ ކަރީމް ހާންގެ އޮފީހުން ވަނީ އަނިޔާވެރި ނަތަންޔާހޫއާއި ގަލާންޓްގެ އިތުރުން ފަލަސްތީނުގެ ގައްޒާގެ މިނިވަން ކަމަށް ޖިހާދު ކުރަމުންދާ ހަމާސް ޖަމާއަތުގެ އިސް ތިން ވެރިއަކު ހައްޔަރު ކުރުމަށް އަމުރު ނެރުމަށް ވެސް މަސައްކަތް ފަށާފައެވެ.

އައިސީސީއަކީ ހަނގުރާމައިގެ ކުށްތަކާއި އިންސާނިއްޔަތާއި ހިލާފު ކުށްތަކާއި ގަތުލުއާންމުތަކުގެ މައްސަލަތައް ބަލާ ދުނިޔޭގެ އެންމެ މަތީ ކޯޓެވެ.

އައިސީސީ އުފެއްދުމަށް އެކުލަވައިލި ރޯމް ސްޓޭޓިޔުޓް ތަސްދީގު ކޮށްފައި ވަނީ 1998 ވަނަ އަހަރުއެވެ. ނަމަވެސް އެ ކޯޓު އުފެދިގެން އައީ 2002 ވަނަ އަހަރުގެ ޖުލައި މަހުގެ އެއްވަނަ ދުވަހު ކޯޓު އުފެއްދުމަށް ބޭނުންވާ 60 ގައުމުގެ ސޮއި ހަމަވުމުންނެވެ. އދ ގެ އާންމު މަޖިލީހުން ވެސް ވަނީ އައިސީސީއަށް ރުހުން ދީފައެވެ. ނަމަވެސް އެއީ މިނިވަން މުސްތަގިއްލު ކޯޓެކެވެ.

އައިސީސީގައި 124 ގައުމެއް ހިމެނޭއިރު، އެ ކޯޓުގެ އަމުރެއް ރައްދުވާ މީހަކު އެއިން ގައުމަކަށް ހިނގައްޖެ ނަމަ ހައްޔަރުކުރަން ޖެހެއެވެ. ނަމަވެސް އެފަދަ އަމުރުތައް ތަންފީޒު ކުރުމުގެ ބާރު އައިސީސީއަށް ލިބިދީފައެއް ނުވެއެވެ.