ހދ. ނޮޅިވަރަމް ސިއްހީ މަރުކަޒަށް އިތުރު ސިޔާސީ ވެރިޔަކު ހަމަޖައްސައިފިއެވެ.
މިއީ ނޮޅިވަރަމް ސިއްހީ މަރުކަޒަށް މި ސަރުކާރުން ޢައްޔަނުކުރި ހަތަރު ވަނަ ސިޔާސީ ވެރިޔާއެވެ.
އެ މަރުކަޒުގެ ޕޮލިޓިކަލް ޑިރެކްޓަރަކަށް މިފަހަރު ހަމަޖައްސާފައި ވަނީ އަޙްމަދު އާމިރެވެ. އާމިރަކީ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދުގެ ކެމްޕޭންގައި ވަރަށް އިސްކޮށް މަސައްކަތްކުރެއްވި ބޭފުޅެކެވެ. ރަޝީދު މިނިވަން މެމްބަރެއްގެ ގޮތުގައި ގޮނޑި ކާމިޔާބު ކުރެއްވުމަށްފަހު ވަނީ ވެރިކަންކުރާ ޕީއެންސީއާއި ގުޅިވަޑައިގެންފައެވެ.
މި ސަރުކާރުގައި އެ މަރުކަޒަށް ފުރަތަމަ ޢައްޔަނުކުރި ސިޔާސީ ވެރިއަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި ވެސް އެ މަރުކަޒުގެ ސިޔާސީ ވެރިއެއްގޮތުގައި ހުރި މަރިޔަމް ހަބީބް އެވެ. އޭނާ ވަޒީފާ އަށް ނުކުއްނެވިތާ ދުވަސްކޮޅެއްގެ ތެރޭގައި ވަނީ ސަސްޕެންޑްކޮށްފައެވެ. ސަސްޕެންޝަންގައި ތިން މަހެއްހާ ދުވަހު ބެހެއްޓުމަށްފަހު އަލުން ވަޒީފާއަށް ނެރުނުތާ މަހެއްހާ ދުވަސްތެރޭ ވަނީ މަގާމުން ވަކިކޮށްފައެވެ.
އެއަށްފަހު ސިޔާސީ ވެރިއެއްގެ ގޮތުގައި އެ މަރުކަޒަށް ސީނިއަރ އެޑްމިނިސްޓްރޭޓަރގެ މަގާމަށް ޢައްޔަނުކޮށްފައި ވަނީ އިބްރާހީމް ނަސީރު އެވެ. ނަސީރު ވަޒީފާ އަށް ނުކުންނަވަން ފެއްޓެވީ މިދިޔަ ސެޕްޓެމްބަރު ކުރީ ކޮޅުގައެވެ.
އެއަށްފަހު ދެވަނަ ވެރިޔެއްގެ ގޮތުގައި ހަމަ އެމަހު ވަނީ އެސިސްޓެންޓް ޕޮލިޓިކަލް ޑިރެކްޓަރގެ މަގާމަށް ވަދީފާ ވަލީދާ އައްޔަނުކޮށްފައެވެ.
ނޮޅިވަރަމަކީ ކުޅުދުއްފުށީ ސިޓީ ނަގާފައި ހދ. ގައި އެންމެ އާބާދީ ބޮޑު އަދި ރާއްޖޭގެ ނިސްބަތުން ވެސް އާބާދީ ބޮޑު ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެކެވެ.
ނޮޅިވަރަމަށް ސިޔާސީ ތިން ވެރިން ހަމަޖައްސާފައިވާއިރު، ނޮޅިވަރަމް ދާއިރާގައި އަނެއް ރަށް ނޮޅިވަރަންފަރު ސިއްހީ މަރުކަޒަށް އަދި ސިޔާސީ ވެރިޔަކު ހަމައެއް ނުޖައްސައެވެ.
ސިއްހީ މަރުކަޒުތަކާއި ޔޫތު ސެންޓަރުތަކަށް ސިޔާސީ ވެރިން އައްޔަނުކުރަން ފުރަތަމަ ފެށީ ރައީސް ޔާމީންގެ ސަރުކާރުގައެވެ. އޭގެ ފަހުން އައި އެމްޑީޕީ ސަރުކާރުގައި ވެސް ވަނީ މިކަން މިގޮތަށް ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!