ދިވެހިރާއްޖޭގެ ތަޢުލީމަށް ޚިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފު، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޑރ. މުޙައްމަދު ޒާހިރު ޙުސައިނަށް އެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފިއެވެ.
ޑރ. މުޙައްމަދު ޒާހިރު ޙުސައިން މިހާރު ހުންނެވީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް)ގެ ޗާންސެލަރ ކަމުގެ މަގާމުގައެވެ.
ޑރ. މުޙައްމަދު ޒާހިރު ޙުސައިނަށް މި ޝަރަފު އެރުވުމަށް ރަސް ނިންމެވީ، ދިވެހިރާއްޖޭގެ ތަޢުލީމީ ތަރައްޤީއަށާއި، ރާއްޖޭގައި ތަޢުލީމު ފުޅާކުރެއްވުމަށާއި، ތަޢުލީމީ ރޮނގުން ރާއްޖޭގެ ރައްޔިތުން ހޭލުންތެރިކުރެއްވުމަށް އިޚްލާޞްތެރިކަމާއެކުގައި، ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާތީ، އެކަމުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުންނެވެ.
އޯގަސްޓް 2019 އިން ފެށިގެން އައިޔޫއެމްގެ ޗާންސެލަރުކަމުގެ މަގާމު ފުރުއްވަމުން ގެންދަވާ ޑރ. މުޙައްމަދު ޒާހިރު ޙުސައިން ވަނީ ތައުލީމާބެހޭ ވުޒާރާގެ ވަޒީރުކަމާއި، ޒުވާނުންނާއި ކުޅިވަރާއިބެހޭ ވުޒާރާގެ ވަޒީރުކަމާއި އަދި ރައީސުލްޖުމްހޫރިއްޔާ އެޑްވައިޒަރުކަން ފަދަ ސަރުކާރުގެ މަތީ މަޤާމްތައް ދިގު މުއްދަތެއްވަންދެން ފުރުއްވާފައެވެ.
ޑރ. މުޙައްމަދު ޒާހިރު ޙުސައިނަށް މި ޝަރަފު އެރުވުން ހަމަޖެހިފައި ވަނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މާދަމާރޭ 8:15 ގައި ދަރުބާރުގޭގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.
މި ޖަލްސާގައި، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ޚާއްޞަ އިނާމު ދެއްވުންވެސް އޮންނާނެއެވެ. މި އަހަރު އިނާމު ލިބިވަޑައިގަންނަވަނީ 40 ބޭފުޅުންނަށެވެ.
މީގެއިތުރުން، ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމުވެސް އެ ޖަލްސާގައި، 53 ބޭފުޅަކަށް ދެއްވާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!