ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މުހިންމު ވަޢުދުތަކުގެ ތެރޭގައި ހިމެނޭ، ލުއި ލޯނު ސްކީމް، ''ހިޔާވެހި ފައިނޭންސް''ގެ ދަށުން ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލައިފިއެވެ.

ރައީސް ޑރ. މުޢިއްޒުގެ ރިޔާސީ ވައުދުފުޅެއްކަމުގައިވާ ގެދޮރު އިމާރާތްކުރުމަށް މާލީގޮތުން ދަތިތަކާ ކުރިމަތިވާ ފަރާތްތަކަށް ލުއި ގޮތްތަކެއް ހޯދައިދިނުމުގެ ގޮތުން، މުޅި ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އަމާޒުކުރެވިގެން "ހިޔާވެހި ފައިނޭންސިންގ" ނަމުގައި އިސްލާމިކް ޝަރީޢާގެ އުސޫލުތަކާ އެއްގޮތަށް މި ލޯން ސްކީމް އިފްތިތާޙްކޮށްފައި ވަނީ 05 ނޮވެންބަރ 2024 ވަނަ ދުވަހުއެވެ.

Ad
rt

"ހިޔާވެހި ފައިނޭންސިން" ސްކީމްގެ ދަށުން ލޯނަށް ފުރުސަތު ހުޅުވާލައި، ހައުސިން، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް މިނިސްޓްރީން ބުނީ މި ފެސިލިޓީތަކަށް އެޕްލިކޭޝަން ހުޅުވާލުމަށް ހަމަޖެހިފައިވަނީ ހިޔާވެހި ޕޯޓަލް (www.hiyaavehi.housing.gov.mv) މެދުވެރިކޮށް ކަމަށެވެ.

މި ސްކީމްތަކުގެ ދަށުން ފުރަތަމަ އެޕްލިކޭޝަން ހުޅުވާލާފައި ވަނީ 6 މަސްދުވަހުގެ މުއްދަތަކަށެވެ. މި ގޮތުން މިކަމަށް އެދޭ ފަރާތްތަކުން، މިއަދުން (8 ނޮވެމްބަރު 2024) ފެށިގެން އެޕްލިކޭޝަން ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ. އަދި ސްކީމްގެ އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 08 އޭޕްރީލް 2025 ވާ އަންގާރަ ދުވަހުގެ ރޭ 23:59 ކަމަށް ވަނީ ކަނޑައަޅާފައެވެ.

މި ޕްރޮގުރާމާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ހިޔާވެހި ޕޯޓަލް (www.hiyaavehi.housing.gov.mv) މެދުވެރިކޮށް ސުވާލު ހެޅުމަށް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް މިނިސްޓްރީން ވަނީ އެދިފައެވެ.

''ހިޔާވެހި ފައިނޭންސް ޕްރޮގްރާމް'' އިފްތިތާހްކޮށްފި

މި ސްކީމްތަކާއި ގުޅޭ އުސޫލުތަށް ހިމެނޭ ލިންކްތައް

އުސޫލު ނަންބަރު: 37-ޖީ/2024 (ހިޔާވެހި ފައިނޭންސިންގ އުސޫލު – ރަށްވެހި)

https://gazette.gov.mv/gazette/7127

އުސޫލު ނަންބަރު: 36-ޖީ/2024 (ހިޔާވެހި ފައިނޭންސިންގ އުސޫލު – ސަހަރު)

https://gazette.gov.mv/gazette/7126

އުސޫލު ނަންބަރު: 35-ޖީ/2024 (ހިޔާވެހި ފައިނޭންސިންގ އުސޫލު – ފަހިމާލެ)

https://gazette.gov.mv/gazette/7125

"ހިޔާވެހި ފައިނޭންސިންގ" ސްކީމަކީ ރާއްޖޭގެ 3 ބޭންކަކާ ގުޅިގެން %5 (ފަސް އިންސައްތަ) ޕްރޮފިޓް ޕަސެންޓޭޖްގައި ދިނުމަށް ކަނޑައެޅިފައިވާ އިސްލާމިކް ފެސިލިޓީތަކެވެ. މިގޮތުން މި ޕްރޮގްރާމަށް ރާއްޖޭގެ އަތޮޅުތަކުން އެދި ހުށަހަޅުއްވާ ފަރާތްތަކަށް 1 މިލިއަން ރުފިޔާ (ރަށްވެހި ފައިނޭންސިންގ ސްކީމް)، މިނިސްޓްރީއިން މި ޕްރޮގްރާމަށް ކަނޑައަޅާފައިވާ އަރބަން ސެންޓަރތަކުން އެދި ހުށަހަޅުއްވާ ފަރާތްތަކަށް 3 މިލިއަން ރުފިޔާ (ސަހަރު ފައިނޭންސިންގ ސްކީމް) އަދި ފުރަމާލެއިން އެދި ހުށަހަޅުއްވާ ފަރާތްތަކަށް 6 މިލިއަން ރުފިޔާ (ފަހިމާލެ ފައިނޭންސިންގ ސްކީމް) އާއި ހަމައަށް މި ފެސިލިޓީން ފުރުސަތު ލިބިގެންދާނެއެވެ.