ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މުހިންމު ވަޢުދުތަކުގެ ތެރޭގައި ހިމެނޭ، އިމާރާތް ކުރުމަށް ލުއިލޯނު ލިބޭ ސްކީމް، ''ހިޔާވެހި ފައިނޭންސް ޕްރޮގްރާމް'' މިއަދު އިފްތިތާޙްކޮށްފިއެވެ.
މި ޕްރޮގްރާމަކީ ރާއްޖޭގެ ބޯހިޔާވަހިކަމުގެ ދަތިކަން ޙައްލުކުރުމަށް އަމާޒުކޮށްގެން ތަޢާރަފުކުރެވުނު ޕްރޮގްރާމެކެވެ.
މިކަމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މި ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ.
ހިޔާވެހި ފައިނޭންސް ޕްރޮގްރާމްގެ ދަށުން މާލެ ސަރަޙައްދު، އަރބަން ސެންޓަރުތައް އަދި ވަކިވަކި ރަށްތަކަށް އަމާޒުކޮށްގެން ތަފާތު މިންވަރުތަކުގެ ލޯނު ދޫކުރަން ވަނީ ނިންމާފައެވެ. މިގޮތުން އަތޮޅުތަކުގެ ރަށްތަކަށް 1 މިލިއަން ރުފިޔާގެ ކެޕްގެ ލޯނު ދޫކުރަން ނިންމާފައިވާއިރު، އަރބަން ސެންޓަރުތަކަށް ޚާއްޞަކޮށް 3 މިލިއަން ރުފިޔާގެ ކެޕްގެ ލޯނު އަދި މާލެ ސަރަޙައްދުން 6 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރަން ވަނީ ނިންމާފައެވެ.
މި ޕްރޮގްރާމް އިފްތިތާޙްކޮށް ދެއްވުމަށްފަހު ރައީސް މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވި ގޮތުގައި، 2025 ވަނަ އަހަރަށް ހުށަހެޅި ބަޖެޓުގައި ހިޔާވެހި ލޯނު ސްކީމަށް 1 ބިލިއަން ރުފިޔާ އަދި ސަރުކާރުން ހިންގާ އިޖުތިމާޢީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް 1.5 ބިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ. އަދި ސަރުކާރުން ބޭންކުތަކަށް މި ސްކީމަށް 1 ބިލިއަން ރުފިޔާ އިންވެސްޓްކުރިނަމަވެސް، ބޭންކުތަކުން ލޯނު ދޫކުރާއިރު ޖުމްލަ 2 ބިލިއަނާ ހަމައަށް ލޯނު ދޭނެކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
"އުފަލާއި ޔަޤީންކަމާއެކު ދިވެހިރައްޔިތުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ގެދޮރުވެރިކަމުގެ މައްސަލަ މިއީ އިރާދަކުރެއްވިއްޔާ ތިޔަ ހުރިހާ ރައްޔިތުންގެ އެހީތެރިކަމާވެސް އެކުގައި އަޅުގަނޑުމެން ހައްލުކުރާނޭ ކަމެކޭ. މިއަދު މި ފެށުނީ އޭގެ އެންމެ މުހިންމު ކަންތައް،" ރައީސް ވިދާޅުވެފަވެއެވެ.
މި ރަސްމިއްޔާތުގައި ރައީސް ވަނީ، މި ސްކީމް ތަޢާރަފުކުރުމާ ގުޅުންހުރި ފަންނީ މަސައްކަތްތައް މިހާރު ކުރައްވަމުގެންދަވާކަމަށާއި، އެކަންކަން ފުރިހަމަވުމުން، އެ ސްކީމްވެސް އިޢުލާންކުރައްވާނޭކަން ހާމަކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!