ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމަށް ތިލަދުންމަތީ އުތުރުބުރީ ދިއްދޫ، މުހަންމަދު ސޮލާހު ހަމަޖައްސައިފިއެވެ.
މިއީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ފަތުރުވެރިކަމުގެ ވިޔަފާރި ކުރަމުން އަންނަ މައި ކުންފުންޏެއްގެ ސީއީއޯގެ މަގާމަށް ދިވެއްސަކު ހަމަޖެއްސި ފުރަތަމަ ފަހަރެވެ.
ސޮލާހް ފަތުރުވެރިކަމުގެ ދާއިރާއާއި ގުޅިވަޑައިގަތީ އުމުރުން އެންމެ 21 އަހަރުގައި، މީގެ ވިހި އަހަރު ކުރިންނެވެ. ފާއިތުވި މުއްދަތުގައި އޭނާ ވަނީ ފަތުރުވެރިކަމުގެ ދާއިރާގެ އެކި ފަންތީގެ ވަޒީފާތައް އަދާކޮށްފައެވެ.
މިގޮތުން އޭނާ އަދާކޮށްފައިވާ ވަޒީފާތަކުގެ ތެރޭގައި މީރު އައިލެންޑް ރިސޯޓްގެ ރިސެޕްޝަނުން ފެށިގެން ގޮސް ރޫމް ޑިވިޝަން މެނޭޖަރުކަން، ވިލަމެންދޫ ރިސޯޓްގެ ޑިރެކްޓަ އޮޕަރޭޝަންސް، އަމިއްލަފުށި ރިސޯޓްގެ ފްރޮންޓް އޮފީސް މެނޭޖަރު، ޒާޔާ ނުރާއި އައިލެންޑް (ދުބާއީ)ގެ ރޫމް އޮޕަރޭޝަންސް މެނޭޖަރު، ހުރަވަޅި ރިސޯޓުގެ ޑިރެކްޓަ އޮޕަރޭޝަންސް، ކުޑަދޫ ރިސޯޓުގެ މެނޭޖަރުކަން، ކޮމަންޑޫ ރިސޯޓުގެ ޖެނެރަލް މެނޭޖަރުކަން، އަދި ދުބާއީގެ ޒާޔާ އަލް ބަރާރީގެ ކްލަސްޓާގެ ޖެނެރަލް މެނޭޖަރުކަން ހިމެނެއެވެ.
ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ސީއީއޯއަކަށް ހަމަޖެއްސެވި ސޮލާހު މީގެ ކުރިން ހުންނެވީ އެ ކުންފުނީގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) ގެ މަގާމުގައެވެ. އޭގެ ކުރިން އެ ދެ މަގާމު ވެސް ފުރުއްވީ ބޭރު މީހުންނެވެ.
ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އޮތް އެންމެ މުއްސަނދި އެއް ކުންފުންޏެވެ. އެ ކުންފުނިން އަންނަނީ ނުވަ ރިސޯޓާއި ސިޓީ ހޮޓަލެއް ހިންގަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!