ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްރަކަށް ބާއްވަމުން އަންނަ ތިލަދެކުނު ޤުރުއާން މުބާރާތުގެ އަންނަ އަހަރުގެ މުބާރާތުގެ އެއްވަނަ ހޯދާ ދަރިވަރަށާއި އެ ދަރިވަރެއްގެ ބެލެނިވެރިޔާއަށް، އިނާމެއްގެ ގޮތުގައި އުމްރާ ދަތުރެއް ދިނުމަށް ނިންމާފައިވާކަން އަތޮޅު ކައުންސިލްގެ ނައިބް ރައީސް މުހައްދު ވަހީދު ހާމަކޮށްފިއެވެ.

މިކަމާއި ގުޅޭގޮތުން މީޑިއާއަށް ހިއްސާކުރި މައުލޫމާތުގައި ވަހީދު ބުނީ އަންނަ އަހަރު އަތޮޅު ޤުރުއާން މުބާރާތުން އެއްވަނަ ހޯދާ ދަރިވަރަށާއި އެދަރިވެއްގެ ބެލެނިވެރިޔާއަށް އަތޮޅު ކައުންސިލުން އުމްރާ ދަތުރެއް ހަމަޖައްސައި ދެއްވާނެ ކަމަށާއި، މިގޮތަށް ހަމަޖައްސާއިރު ފައިސާ ދިނުމުގެ ބަދަލުގައި އުމްރާ ދަތުރުގެ އެންމެހާ ކަންކަން ހަމަޖައްސައިދޭނެ ކަމަށެވެ.

Ad
rt

މިކަމާއި ގުޅޭގޮތުން މި ނޫހަށް މައުލޫމާތު ދެމުން ވަހީދު ބުނީ ތިލަދެކުނު ޤުރުއާން މުބާރާތުން އެއްވަނަ ހޯދާ ދަރިވަރަށާއި އެ ދަރިވަރުގެ ބެލެނިވެރިޔާއަށް އަތޮޅު ކައުންސިލުން އިނާމެއްގެ ގޮތުގައި އުމްރާ ދަތުރު ދޭނެ ކަމަށާއި، އެކަން ހަމަޖެހިގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށެވެ.

ވަހީދު އިތުރަށް ބުނީ މި އުމްރާ ދަތުރުތަކަށް ބޭނުންވާ ފައިސާ ކައުންސިލް ބަޖެޓުން ހަރަދު ކުރުމުގެ ބަދަލުގައި ސްޕޮންސަރުންގެ އެހީތެރިކަމާއިއެކު ހޯދުމަށް މަސައްކަތް ކުރާނެ ކަމަށާއި، ސްޕޮންސަރުންގެ އެހީގައި ހަމަޖެއްސޭނެ ކަމުގެ އިތުބާރު ވަރަށް ބޮޑަށް އެބައޮތް ކަމަށެވެ.

އެއްވަނައަށް އަންނަ ދަރިވަރަކަށް އިނާމެއްގެ ގޮތުގައި އުމްރާ ދަތުރަށްވާ ފައިސާ ފޯރުކޮށްދިނުމުން ބައެއްފަހަރު އުމްރާއަށް ނުދެވި ގިނަ ދުވަސްތަކެއް ފާއިތުވެގެންދާކަން ފާހަގަ ކުރަމުން ވަހީދު ބުނީ އޭރުން މަގުސަދު ހާސިލްވުމަށް ހުރަސް އެޅޭކަމަށެވެ. ނަމަވެސް އަތޮޅު ކައުންސިލުން އެ އިންތިޒާމް ހަމަޖައްސައިދޭގޮތަށް ކަންކަން ރޭވުމުން އަވަސްގޮތެއްގައި އެކަމުގެ އެންމެ ފުރިހަމަ މަގުސަދު ހާސިލްވެގެން ދާނެކަން ވަހީދު ވަނީ ފާހަގަ ކޮށްފައެވެ.

ވަހީދު މީޑިއާއަށް ހިއްސާކުރި މައުލޫމާތުގައި އިތުރަށް ބުނެފައި ވަނީ އަންނަ އަހަރުގެ ޤުރުއާން މުބާރާތުގައި ކޮންމެ ރަށަކުން ވެސް އާންމުންނަށް ބައިވެރިވެވޭގޮތަށް އާންމުންގެ ބައެއް ހިމަނާނެ ކަމަށެވެ. އާންމުންގެ ބަޔަށް ބައިވެރިން ހޮވުމުގެ ފުރުސަތު ރަށު ކައުންސިލްތަކަށް ދޭނެކަން ހާމަކުރަމުން ވަހީދު ބުނީ އެކަމަށް އެކުލަވާލަންޖެހޭ އުސޫލުތައް ކުރިއަށް އޮތްތަނުގައި އެކުލަވާލާނެ ކަމަށެވެ.

"ތިލަދެކުނު ޤުރުއާން މުބާރާތް 2024" ފާއިތުވި ހަފްތާ ބަންދުގައި ބާއްވާފައި ވަނީ ހަނިމާދޫގައެވެ. މުބާރާތުގެ އެއްވަނަ ހޯދީ ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލްގެ ދަރިވަރު އިބްރާހީމް މަލްސޫން މުހައްމަދެވެ. މުބާރާތުގެ އެންމެ މޮޅު ސްކޫލަކަށް ހޮވުނީ މަކުނުދޫ ސްކޫލެވެ.