ނިޝާން ޢަސްކަރީގެ ވެރިކަމުގެ ޢިއްޒަތް، މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލަށް އެރުވުމަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފިއެވެ.

މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލަށް މި ޢިއްޒަތް، އެރުވުމަށް ރައީސް ކަނޑައެޅުއްވީ، ދިވެހި ޤައުމާއި ރައްޔިތުންގެ ސަލާމަތަށްޓަކައި ޢަސްކަރީ ގޮތުން ކުރެއްވި އަގުހުރި ޚިދުމަތްތަކާއި، ޤައުމުގެ އިސްތިޤްލާލާއި ސިޔާދަތު ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ކޮށްދެއްވި މަސައްކަތްޕުޅުތަކާއި، ޚާއްޞަކޮށް، 1988 ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި ޢުދުވާނީ ޙަމަލާއާ ގުޅިގެން، ދިވެހި ޤައުމާއި ރައްޔިތުންގެ ދިފާޢުގައި ކުރެއްވި މަތިވެރި ޖިހާދުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުންކަމަށް ރައީސް އޮފީހުން ބުންޏެވެ.

Ad
rt

ތިނެއް ނޮވެމްބަރުގެ ޢުދުވާނުގައި ކުލީ ސިފައިން މާލެ އަރައި ދިން ހަމަލާއިން ޤައުމު ދިފާޢު ކުރުމަށް އެންމެ ހަރަކާތްތެރިކޮށް އުޅުއްވި އެއް ބޭފުޅަކީ، ޓާސްކް ފޯސް އޮފިސަ އިން ޗާޖުގެ އެހީތެރިޔާގެ މަގާމުގައި އޭރު ހުންނެވި ލެފްޓިނެންޓް މޫސާ ޖަލީލެވެ.

ނޮވެމްބަރު 3 ގެ ހަމަލާއާ ބެހޭ ގޮތުން "އެދުވަސް މާޒީވެ ދިޔަސް، އެ ހަނދާންތައް ފޮހެވިގެންނެއް ނުދެ އެވެ،" ނަމުގައި މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލް އެ ހަމަލާގައި ބަޑީގެ އަޑު އިވިވަޑައިގެންނެވުމުން ފުރަތަމަ ކުރެއްވުނު އިހުސާސް އޭނާ ލިއުއްވާފައިވަނީ އަންނަނިވި ފަދައިންނެވެ.

"އަޅުގަނޑަށް ނިދިފައި އޮއްވައި، 04:10 ގައި ސިއްސައިގެން ގޮސް ހޭލެވުމުން އިވެމުން ދިޔަ އަޑުފައްގަނޑުން މިއީ ހުވަފެނެއް ނޫންކަން ޔަގީންކުރެވުނެވެ،" - މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލް

މި ޢިއްޒަތް، މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލަށް އެރުވުން އޮންނާނީ، މި އަހަރުގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ. މި ޖަލްސާ އޮންނާނީ، މާދަމާރޭ 8:30 ގައި ދަރުބާރުގޭގައެވެ.